ޔުވެންޓަސް އިން ޕޮގްބާ ވިއްކާލާފައިވާނީ އޭނާ އެދުމުން: މަރޯޓާ

ޕައުލް ޕޮގްބާ މެންޗެސްޓާ ޔުނައިޓެޑްގެ ޖާޒީގައި: އޭނާ ޔުވެންޓަސް އިން ޔުނައިޓެޑާ ގުޅުނީ ދުނިޔޭގެ ރެކޯޑް ޓްރާންސްފާ އަގަކަށް ---

އިޓަލީގެ ޔުވެންޓަސް އިން އިނގިރޭސިވިލާތުގެ ކާމިޔާބު ކްލަބު މެންޗެސްޓާ ޔުނައިޓެޑަށް ޕައުލް ޕޮގްބާ ވިއްކާލާފައިވާނީ އޭނާ އެދިގެން ކަމަށް ޔުވެންޓަސްގެ ޗީފް އެގްޒެކެޓިވް ޖިއުސެއްޕޭ މަރޯޓާ ބުނެފި އެވެ.

އުމުރުން 23 އަހަރުގެ ފްރާންސް މިޑްފީލްޑަރު ޕޮގްބާ ކުރިން ކުޅުނު ކްލަބު މެންޗެސްޓާ ޔުނައިޓެޑާ ގުޅިފައިވަނީ ދުނިޔޭގެ ޓްރާންސް ރެކޯޑު އަގަކަށެވެ.

ޕައުލް ޕޮގްބާ ޔުވެންޓަސްގެ ޖާޒީގައި: އޭނާ ޔުވެންޓަސް އިން ޔުނައިޓެޑާ ގުޅުނީ ދުނިޔޭގެ ރެކޯޑް ޓްރާންސްފާ އަގަކަށް --- ފޮޓޯ: ގެޓީ

"އަހަރެމެން އަބަދުވެސް ބުނަމުންދިޔައީ އަހަރެމެން ޕޮގްބާ ވިއްކާނުލާނެ ކަމަށް. އެއީ ޕޮގްބާ އަކީ ކޯޗު އަދި ސަޕޯޓަރުންނަށް ވެސް މުހިންމު ކުޅުންތެރިއަކަށް ވާތީ. ޕޮގްބާ ބޭނުންވީ ބަދަލެއް. އަދި އޭނާ ބޭނުންވީ އެހެން ތަޖުރިބާއެއް ކުރަން. އެހެންވެ އޭނާ އުފަލުގައި ބަހެއްޓުމަށް އަހަރެމެން މަޝްވަރާތައް ކުރިއަށް ގެންދިޔައީ،" ޔުވެންޓަސްގެ ޗީފް އެގްޒެކެޓިވް މަރޯޓާ ބުންޏެވެ.

މަރޯޓާ ބުނީ، ޕޮގްބާ ވިއްކާލުމުގެ ކުރިން ވެސް އާޖެންޓީނާ ފޯވަޑް ގޮންޒާލޯ ހިގުއައިން ގެނައުމަށް ރޭވިފައިވާ ކަމަށާއި ހިގުއައިން ގެނެވުނީ ވެސް ޕޮގްބާގެ ޓްރާންސްފާއާ އެކު ކަމަށެވެ.

ޕޮގްބާ ނުލައި ވެސް މި ސީޒަނުގައި ޔުވެންޓަސް އިން ދަނީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން މި ސީޒަނުގެ އިޓާލިއަން ސެރީއާގައި މިހާތަނަށް ކުޅުނު ދެ މެޗުން ވެސް ޔުވެންޓަސް ވަނީ މޮޅުވެފަ އެވެ.

comment ކޮމެންޓް