އަލްޖަޒީރާ ރިޕޯޓުގައި ބުނެފައިވާ ގޮތަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މޮނީލޯންޑްރީ ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ކުރީގެ ގަވަރުނާ ފަޒީލް ނަޖީބް ވިދާޅުވި އެވެ.
އަލްޖަޒީރާގެ "ސްޓީލިންގް ޕެރެޑައިޒް" ޑޮކިއުމެންޓްރީގައި ބުނެފައި ވަނީ މެލޭޝިއާގެ ވިޔަފާރިވެރިއަކު، ގިނަ އަދަދެއްގެ ނަގުދު ފައިސާ ލޯންޑާ ކުރުމަށް ދެކުނު އޭޝިޔާގެ ގައުމެއްގެ ސެންޓްރަލް ބޭންކު ބޭނުން ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ. އިންވެސްޓަރެއްގެ މެނޭޖަރަކަށް ވެގެން އަލްޖަޒީރާގެ އަންޑަކަވާ ރިޕޯޓަރަކު އެ ވިޔަފާރިވެރިޔާއާ ވާހަކަ ދެއްކި އިރު، އޭޝިއާގެ ސެންޓްރަލް ބޭންކެއް މެދުވެރިކޮށް ގިނަ އަދަދެއްގެ ކަޅު ފައިސާ ދޮވެލެވޭނެ ކަމަށް އޭނާ ބުނެ އެވެ. ނަމަވެސް އެއީ ކޮން ގައުމެއް ކަމެއް ނުބުނެ އެވެ.
ޑޮކިއުމެންޓްރީގައި ދައްކާ ގޮތުގައި މި ވިޔަފާރިވެރިއާއާ ގުޅުން ހުރި އިންޑޮނޭޝިއާ އަދި ސިންގަޕޫރުގެ އެހެން ވިޔަފާރިވެރިއަކު، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާ ގުޅިގެން 1.5 ބިލިޔަން ޑޮލަރުގެ އިންވެސްޓްމެންޓެއްގެ ނަމުގައި ރާއްޖެ އަށް ކަޅު ފައިސާ ވެއްދުމަށް ފަހު އެމްއެމްއޭ މެދުވެރިކޮށް ދޮވުމުގެ ރޭވުންތައް ރާވާފައިވެ އެވެ. އަދި އަދީބާއި އެމްއެމްއޭގެ ގަވަރުނަރާ ދެމެދު ބަދަލުކުރެވިފައިވާ ޓެކްސްޓް މެސެޖުތަކެއް ކަމަށް ބުނާ މެސެޖުތަކެއް ވެސް ޑޮކިއުމެންޓްރީގައި ދައްކަ އެވެ.
ފަޒީލް މިއަދު ވިދާޅުވީ އަލް ޖަޒީރާގެ ރިޕޯޓުގައި ބުނެފައިވާ ގޮތަށް ހަޒާނާއަށް ފައިސާ ނުވެއްދޭނެ ކަމަށެވެ. އަދި ރިޕޯޓުގައި އެބުނާ ގޮތަށް ހަޒާނާއިން ފައިސާ ނެގުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ފަޒީލް ވިދާޅުވި އެވެ.
އެމްއެމްއޭ މެދުވެރިކޮށް ފައިސާ ނަގަން ބޮޑު އުސޫލްތަކެއް އޮވެ އެވެ. ސިއްރުކޮށްފައިވާ އެއުސޫލުގެ ދަށުން ހަޒާނާއަށް ފައިސާ ވައްދައި ނެރެވޭނީ ގިނަބަޔަކު ޝާމިލްވާގޮތަށެވެ.
އެމްއެމްއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެ ޑޮކިއުމެންޓްރީގައި އެމްއެމްއޭއާ ބެހޭ ގޮތުން ކޮށްފައި ވަނީ އެއްވެސް އަސާސެއް ނެތް، ދޮގު ތުހުމަތެއް ކަމަށެވެ.
އަލްޖަޒީރާގެ ޑޮކިއުމެންޓްރީ ނިންމާލަމުން ވަނީ، އެމްއެމްއޭގެ ގަވަރުނަރު ޑރ. އަޒީމާ އާދަމަށް ގުޅައި ކޮމެންޓެއް ހޯދުމަށް މަސައްކަތް ކުރި ކަމަށް ބުނެފަ އެވެ.
އެމްއެމްއޭ އިން ބުނެފައި ވަނީ، އެމްއެމްއޭއަށާއި، އެމްއެމްއޭގެ ގަވަރުނަރަށް ވެސް އަލްޖަޒީރާއިން ގުޅާފައި ނުވާ ކަމަށާއި، އަލްޖަޒީރާ އިން އެމްއެމްއޭ އާއި ގަވަރުނަރުގެ ކޮމެންޓު ހޯދުމަށް ގުޅި ކަމަށް ބުނާ ބުނުމާ މެދު ކަންބޮޑުވާ ކަމަށެވެ.