ޝިއުނާ މަރުވި އެކްސިޑެންޓް ޝާހިދުގެ ދުލުން!

ބޮލުގެ ފުއްކިބައިން ހަތަރު އިންޗިއެއްހާ ތަން ވަނީ ފަޅައިގެން ގޮސްފަ އެވެ. ކަނދުރާގެ ކަށިގަނޑުގެ ބަދައެއްގެ ޑިސްކެއްގައި ވަނީ ރެނދުލާފަ އެވެ. ހަށިގަނޑުގެ ވައަތް ފަރާތުން ބޮޑުބައެއް މަށައިގެންގޮސްފައިވާއިރު މޫނާއި އަތްފައިގެ އެތައް ތަނެއް ވަނީ މަށައިގެންގޮސްފައެވެ. ވައަތު ކޮނޑު ހުޅަށް ތަދުވެފައެވެ. އިށީނދެ ވެސް ތަނެއްގައި ނީންދެވެ އެވެ. ތެދުވާއިރަށް ބޯ އަނބުރައިގަނެ ވެއްޓެނީ އެވެ. ލިބިފައިވާ ގެއްލުމުން ހިންދެމިލައިގެން ނީނދެވެ އެވެ. އެއީ ހުޅުމާލޭގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހިނގި އެކްސިޑެންޓުގައި އަނިޔާ ލިބުނު މުހައްމަދު ޝާހިދުގެ ހާލެވެ. މިއީ އެ ހާދިސާއަށްފަހު ޝާހިދު މީޑިއާއަކަށް ދިން ފުރަތަމަ އިންޓަވިއު އެވެ.

ގާނޫނީ ވަކީލެއް ކަމަށްވާ ޝާހިދު އެ ދުވަހު ހުޅުމާލެއަށް ދިޔައީ "ކްލައިންޓަކު" އިންޖީނެއް ގަތުމަށް އެގްރިމެންޓް ހެދުމަށް ގޮސް ދިނުމަށް ބުނުމުންނެވެ. އެގްރިމެންޓަށް ފަހު އޭނާ މަޑުކޮށްގެން ހުރީ ކްލައިންޓުގެ އެދުމަކަށް އިންޖީނު މާލެ ގެނައުމަށް ދޯނި އަންނަންދެނެވެ. ދޯނި ލަސްވުމުން ކްލައިންޓް މާލެ އައީ އެރޭ 9:00 ގައި އެނބުރި ހުޅުމާލެއަށް އަންނާނެ ކަމަށް ބުނެއެވެ. ނަމަވެސް އެހާއިރުވިއިރު ވެސް ކްލައިންޓް ނައެވެ. އެހެންވެ ފޫހިފިލުވާލުމަށް ޝާހިދު އޭނާގެ އެކުވެރިޔާ ރ. ރަސްގެތީމު، ފާތުމަތު ޝިއުނާ، 28، އަށް ގުޅިއެވެ.

ޝާހިދު ސަން އަށް އިންޓަވިއޫ ދެނީ- ސަން ފޮޓޯ: މުއާވިޔަތު އަންވަރު

ޝިއުނާއާއި ޝާހިދުގެ ގުޅުން ވަރަށް ގާތް!

ޝިއުނާ އާއި ޝާހިދަކީ އެއީ އެއް ރަށެއްގެ ދެ މީހުންނެވެ. ކުޑައިރުންސުރެ ވެސް ގާތް އެކުވެރިންނެވެ. ކުރިން ދެ ކައިވެންޏެއް ކޮށްފައިވާ އަދި ރަށުގައި ދިރިއުޅޭ ޝިއުނާ އޭރު މާލެ އައިސް އުޅުނީ އޭނާގެ ހަތް އަހަރުގެ ދަރިފުޅު ޑޮކްޓަރަށް ދެއްކުމަށާއި މަންމަމެން ހައްޖަށް ފޮނުވައި ގޭތެރޭ ކަންކަން ބެލުމަށެވެ.

ފޫހިފިލުވާލުމަށް ޝިއުނާ ގޮވައިގެން ޝާހިދު ދިޔައީ ކޮފީއަކަށެވެ. ކޮފީގައި ތަފާތު ވާހަކަ ދައްކަން ގިނައިރުތަކެއް ވަންދެން ތިއްބެވެ. އެއަށްފަހު ދެން ނުކުތީ ބުރެއް ޖަހާލުމަށެވެ. ހުޅުމާލެ ވަށައި އެއް ބުރު ޖެހުމަށްފަހު ދެ ވަނަ ބުރަށް ނުކުމެ އުޅުމުގެ ތެރެއިން އެރޭ 11:35 ކަންހާއިރު ނިރޮޅު މަގުން ބާރަށް ދުއްވާފައި އައި ކާރެއް ޝާހިދު ދުއްވަން އިން ސައިކަލުގައި ފަހަތުން ޖެއްސިއެވެ.

"ޖެހުނުކަން އެނގޭ ދެން މަތީގައި ތިބިކަން ސިފަވި ދެން ނޭންގެ ވީ އެއްގޮތެއް ވެސް،" ޝާހިދު ބުންޏެވެ.

ޝިއުނާ މަރުވެ ޝާހިދު ޒަހަމްވެފައި

ހުޅުމާލޭ ގެސްޓް ހައުސްއެއްގެ އެކާރު ޝާހިދުގެ ސައިކަލުގައި ޖެހުމާއެކު ޝާހިދު އާއި ޝިއުނާ ވަރަށް ދުރަށް ވިއްސައިގެންދިޔައެވެ. ދެމީހުންވެސް ވެއްޓި އޮތީ މަގުމައްޗަށެވެ. ދެ މީހުން މަގުމައްޗަށް ވެއްޓުމާއެކު ހޭނެތުނީ އެވެ. މާގިނައިރުތަކެއްނުވެ ދެމީހުން ފަރުވާދިނުމަށް ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔައެވެ. ޝާހިދަށް ހޭވެރިކަންވީ އިތުރު ފަރުވާ ދިނުމަށް މާލެ ގެނައުމަށް އެމްބިއުލާންސްއަށް އެރުވި ހިސާބުންނެވެ.

އެ ރޭ ދަންވަރު އެ ދެ މީހުންނަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެނައިއިރު އާދިއްތަ ދުވަހުގެ ހެނދުނު ޝިއުނާ ވަނީ ނިޔާވެފައެވެ. އޭނާ ނިޔާވީ އެކްސިޑެންޓާއެކު ހޭނެތުނު ގޮތަށް ހޭނާރާއޮށްވައެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ޒީނަތު އަލީ ހަބީބު ވިދާޅުވީ ޝިއުނާ އެރޭ އެހޮސްޕިޓަލަށް ގެންދިޔައިރު ވެސް ވަރަށް ހާލު ބޮޑު ކަމަށެވެ. ޝިއުނާގެ ދަތްދޮޅީގެ އިތުރުން ކަނދުރާ އާއި ކަނާތު ފައި ބިންދިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މަރުވި ޝިއުނާ އަކީ މީގެ ކުރިން ދެ ކައިވެންޏެއްކޮށްފައިވާ މީހެކެވެ. ހަތް އަހަރުގެ ފިރިހެން ކުއްޖަކު ވެސް އޭނާގެ ހުރެއެވެ. ޝާހިދު ކައިވެންޏެއް ނުކުރެއެވެ.

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ޒަޚަމްވި ދެމީހުން ދުއްވި ސައިކަލް: އެވަގުތު ސައިކަލްގެ ފަހަތުގައި އިން އުމުރުން 28 އަހަރުގެ ފާތިމަތު ޝިއުނާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް ވަނީ ނިޔާވެފައި -- ސަން ފޮޓޯ

ޝާހިދުގެ ބޮލަށް އެތައް ގެއްލުމެއްވެ ކަނދުރާގެ ޑިސްކެއްގައި ރެނދުލާފައިވާއިރު އޭނާ އޮތީ ވަރަށް ހާލުގައެވެ. ނަމަވެސް ފުރާނައަށް ގެއްލުންވާފަދަ ކަމެއް ދިމައެއްނުވެ އެވެ. އެމްއާރްއައި ފަދަ ޓެސްޓްތަކުން ވެސް ދައްކަނީ ރަނގަޅު ކަމަށެވެ. ނަމަވެސް ބޯ އަނބުރާތީ އިށީނދެ ވެސް ނީނދެވެއެވެ. ޑޮކްޓަރުން ލަފާ ކުރަނީ ތިން ވަރަކަށް ހަފްތާގެ ތެރޭގައި ހަމަޔަކަށް އެޅޭނެ ކަމަށެވެ.

ޝާހިދުގެ ސިއްހީ ހާލަތު ހުރިގޮތުން ޝިއުނާ މަރުވިކަން އަދި އޭނާއަށް ނާންގައެވެ.

އިންޒާރެއް ނާދޭ!

ޝާހިދަކީ ތަފާތު އެކިއެކި މައްސަލަތަކުގައި ވަކާލާތު ކުރާ ގާނޫނީ ވަކީލެކެވެ. އަދި އިސްލާމިކް ޔުނިވާސިޓީގެ ލެކްޗަރާއެކެވެ. އަދި ޝިއުނާގެ ވަރަށް ގާތް މީހެކެވެ. އެއިގެން އެއްވެސް ކަމެއްގެ ސަބަބުންވެސް އަދި އެހެން ކަމެއްގެ ސަބަބުންވެސް ޝާހިދު ދެކެ މީހަކު ރުޅިއައިސްގެން އުޅޭކަން ޝާހިދުއަށް މިހާތަނަށް އެނގިފައެއްނެތެވެ. އަދި އޭނާއަށް ގެއްލުމެއް ދޭން ވިސްނާކަމެއްވެސް ނޭނގެއެވެ. އެހެންކަމުން އެ އެކްސިޑެންޓަކީ އޭނާއަށް ދިން ހަމަލާއެއްކަމަށް އޭނާ އަދި ނުނިންމައެވެ.

"އަޅުގަނޑަކީ އެއްވެސް މީހަކާ މައްސަލައެއް ޖެހިފައިވާ މީހެއް ނޫން، އިންޒާރެއްވެސް ލިބިފައެއް ނެތް، އިޝާރާތެސްވެސް ނެތް،" ޝާހިދު ކިޔައިދިނެވެ.

ކާރު ދުއްވި މީހާގެ ބަންދަށް 15 ދުވަސް!

ޝާހިދު ދުއްވަންއިން ސައިކަލުގައި ޖެހި އެކްސިޑެންޓްވި ކާރު ދުއްވަން އިނީ 22 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށް ބަންދަށް ވަނީ 15 ދުވަސް ޖަހާފައެވެ. ހުޅުމާލޭގައި މަސައްކަތްކުރާ އިސް ފުލުހަކު ވިދާޅުވިގޮތުގައި އެކްސިޑެންޓްވި ކާރަކީ ގަވައިދާ ހިލާފަށް ބާރު މިނެއްގައި ދުއްވާކަން ފުލުހުންނަށް ފާހަގަކުރެވިފައިވާ ކާރެކެވެ.

އެއެކްސިޑެންޓުގައި ކުޑަ ކުއްޖެއްގެ ޒުވާން މަންމައެއް މަރުވެފައިވާއިރު ފުލުހުން އަންނަނީ އެމައްސަލަ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް