މަގުމައްޗާ ގުޅޭ ޝަކުވާ ފޮނުވޭ ގޮތަށް އެޕެއް ލޯންޗުކޮށްފި

ހައުސިންގް މިނިސްޓްރީގެ "ފަސޭހަ މަގު" އެޕް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަގުމަތީގައި ހިނގާ ގާނޫނާ ގަވައިދާ ޚިލާފު ކަންކަން މޯބައިލް މެދުވެރިކޮށް ކަމާ ބެހޭ ފަރާތްތަކަށް ރިޕޯޓު ކުރެވޭ ގޮތަށް، ހައުސިންގު މިނިސްޓްރީން އެ މިނިސްޓްރީގެ މޯބައިލް އެޕްލިކޭޝަން ލޯންޗު ކޮށްފި އެވެ.

"ފަސޭހަ މަގު"ގެ ނަމުގައި އުފެއްދި، ހައުސިންގް މިނިސްޓްރީގެ އެޕްލިކޭޝަން މިރޭ ލޯންޗު ކުރީ، ދިވެހިރާއްޖޭގެ އަޑުގައި ބޭއްވި ޚާއްސަ ރަސްމިޔާތެއްގަ އެވެ.

މި އެޕް މިރެއިން ފެށިގެން އެޕަލް އެޕްސްޓޯރާއި ގޫގްލް ޕްލޭސްޓޯރުން ލިބެން ހުންނާނެ އެވެ.

ފަސޭހަ މަގު މޮބައިލް އެޕް ޑިޒައިންކޮށް ޑިވެލޮޕްކޮށްފައި ވަނީ މޮބައިލް އެޕްލިކޭޝަންސް އާއި އިންފޮމޭޝަން ޓެކްނޯލޮޖީގެ ތަފާތު ހިދުމަތްތަކަށް ހާއްސަ ކުންފުންޏެއް ކަމަށްވާ ކްރޮންޓަސްގެ ފަރާތުންންނެވެ.

އެ އެޕްގައި ހިމެނޭ ޚާއްސަ ފީޗާތަކުގެ ތެރޭގައި، މާލޭގައި ބަންދު ކުރެވޭ މަގުތައް، މާލޭގެ މެޕަކުން ދައްކައިދެ އެވެ. އެޕްގެ ޑިވެލޮޕާ އަހުމަދު ނަދީމް ވިދާޅުވި ގޮތުގައި، މަގެއް ބަންދު ކުރުމުގެ ހުއްދައަށް އެދި ހައުސިންގް މިނިސްޓްރީއަށް ހުށަހަޅާ ފޯމު ބަލައިގަންނަ ވަގުތުން ފެށިގެން، މަގު ބަންދު ކުރާނެ މައުލޫމާތު އެޕުން ދައްކާނެ އެވެ.

މީގެ އިތުރުން އެ އެޕުން އެންމެ ޚާއްސަކޮށް ފާހަގަކޮށްލެވޭ ފީޗާއަކީ ޝަކުވާ ހުށަހެޅުމުގެ ފީޗާ އެވެ. މަގުމަތީގައި މީހުން ކުރާ ގަވައިދާ ޚިލާފު ކަންކަން، އެޕް މެދުވެރިކޮށް ފޮޓޯއާ އެކު ރިޕޯޓު ކޮށްލެވެ އެވެ.

އެގޮތުން، މަގުމަތީގައި މީހުންނަށް އުނދަގޫވާ ގޮތަށް ބަހައްޓާފައި ހުންނަ ކުންޏާއި، ފިހާރަތަކަށް ގެނެސް، މަގުމަތީގެ ދުވާރު މަތީގައި ބަހައްޓާފައިވާ މުދާ ފަދަ ތަކެތީގެ ޝަކުވާ ހުށެހެޅޭނެ އެވެ.

ޝަކުވާގެ އިތުރުން، ހައުސިންގް މިނިސްޓްރީއަށް ޚިޔާލު ހުށަހެޅުމުގެ ފުރުސަތު ވެސް އެ ފީޗާގެ ދަށުން ލިބޭނެ އެވެ.

ފާހަގަ ކޮށްލެވޭ އެހެން ފީޗާތަކުގެ ތެރޭގައި، ހައުސިންގް މިނިސްޓްރީގެ ފަރާތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ މަޝްރޫއުތަކާ ބެހޭ މައުލޫމާތު ބަލައިލުމާއި، މަގުމަތީގައި ބަހައްޓާ ބޯޑުތަކާ ބެހޭ މައުލޫމާތާއި، ހައުސިންގް މިނިސްޓްރީގެ މަސައްކަތްތަކުގައި ވޮލަންޓިއާ ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތަށް ވެސް އެޕް މެދުވެރިކޮށް އެދެވޭނެ އެވެ.

comment ކޮމެންޓް