މުޅިން އަލަށް ތައާރަފްކުރި އޭއެފްސީ ސޮލިޑާރިޓީ ކަޕްގެ ގުރުނަގައިފި

އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) އިން ފުރަތަމަ ފަހަރަށް ބާއްވާ އޭއެފްސީ ސޮލިޑާރިޓީ ކަޕްގެ ގުރުނަގައިފި އެވެ.

މި އަހަރުގެ ނޮވެމްބަރު މަހުގެ ދެ ވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހުގެ ނިޔަލަށް މެލޭޝިއާގައި ކުރިއަށްގެންދާ އެ މުބާރާތުގެ ގުރުނެގުމަށް ކުއަލަންލަމްޕޫރުގައި ހުންނަ އޭއެފްސީ ހައުސްގައި މިއަދު ރަސްމިއްޔާތެއް ބާއްވާފައިވެ އެވެ.

އޭއެފްސީ ސޮލިޑާރިޓީ ކަޕްގައި ވާދަކުރާނީ ވޯލްޑް ކަޕް 2018 ކޮލިފިކޭޝަންގެ އޭޝިއާ ބައްރުގެ ގްރޫޕް ސްޓޭޖުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ހަ ޓީމަކާއި އޭއެފްސީ އޭޝިއަން ކަޕް 2019 ކޮލިފިކޭޝަންގެ ޕްލޭއޯފްގައި ނާކާމިޔާބީއާ ކުރިމަތިލާ ތިން ޓީމެކެވެ.

މުބާރާތުގެ 'ގްރޫޕް އޭ'ގައި ހިމެނެނީ ނޭޕާލް އާއި ޕާކިސްތާނާއި ބުރުނާއީ އެވެ. އޭގެ އިތުރުން ދެން އެ ގްރޫޕުގައި ހިމެނޭނީ އޭޝިއަން ކަޕް ޕްލޭ އޯފްގައި ޗައިނީސް ޓައިޕޭ އާއި ޓިމޯ ލެސްޓޭ ކުޅޭ ދެ ލެގު މެޗަށްފަހު އެގްރިގޭޓުން ބަލިވާ ޓީމަކާއި ބޫޓާން އާއި ބަންގްލަދޭޝް ކުޅޭ ދެ ލެގު މެޗަށްފަހު އެގްރިގޭޓުން ބަލިވާ ޓީމެެވެ.

މުބާރާތުގެ 'ގްރޫޕް ބީ'ގައި ހިމެނެނީ ސްރީލަންކާ އާއި މަކާއޫ އާއި މޮންގޯލިއާގެ އިތުރުން އޭޝިއަން ކަޕް ޕްލޭ އޯފްގައި ރާއްޖެ އާއި ލާއޯސް ކުޅޭ ދެ ލެގު މެޗަށްފަހު އެގްރިގޭޓުން ބަލިވާ ޓީމެކެވެ.

އޭއެފްސީ ސޮލިޑާރިޓީ ކަޕަކީ އޭއެފްސީ ޗެލެންޖް ކަޕް އުވާލުމަށްފަހު އޭއެފްސީން މުޅިން އަލަށް ތައާރަފްކުރި މުބާރާތެކެވެ. އެންމެ ފަހުން ބޭއްވި އޭއެފްސީ ޗެލެންޖް ކަޕް ކުރިއަށްދިޔައީ ރާއްޖޭގައެވެ. ރާއްޖޭގައި ބޭއްވި އޭއެފްސީ ކަޕް 2014ގެ ޗެމްޕިއަންކަން ހޯދާފައިވަނީ ފަލަސްތީނެވެ.

comment ކޮމެންޓް