ސަނީ ލިއޯން ބޮލީވުޑަށް ތައާރަފުވީ 2012 ވަނަ އަހަރު ރިލީޒްވި ތުރިލަރ ފިލްމު ‘ޖިސްމު 2’ އިންނެވެ. އެއަށްފަހު ސަނީ ވަނީ ބޮލީވުޑްގައި ކާމިޔާބު މަސައްކަތްތަކެއް ކޮށްފައެވެ.
ބޮލީވުޑާ ގުޅުމަށް ފަހު ސަނީ ވަނީ، ބޮލީވުޑުގައި އޭނާ އަކީ ބީރައްޓެއްސެއް ކަމަށް އިހުސާސް ކުރެވޭ ކަމަށް ބުނެފައެވެ. ބޮލީވުޑަށް ނުކުތް ފަހުން މިހާރު ހަތަރު އަހަރުވެފައި ވާއިރު އަދިވެސް ބޮލީވުޑަށް ފިޓު ނުވާ ކަމުގެ އިހުސާސް ކުރެވޭ ކަމަށް ސަނީ މިވަނީ ބުނެފައެވެ.
ސަނީ ބުނީ ބޮލީވުޑަށް މުޅިން ފިޓު ނުވި ނަމަވެސް، މިހާރު ގިނަ ބަޔަކާ ދިމާވި އެކުގައި މަސައްކަތް ކޮށްލާނެ ރަނގަޅު ބަޔަކު ލިބިފައިވާ ކަމަށެވެ.
ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ސަނީއަށް ބޮޑު މަގުބޫލު ކަމެއް ލިބުނު ނަމަވެސް، އޭނާގެ ގިނަ ފިލްމުތަކެއް ވަނީ ފްލޮޕް ވެފައެވެ. އެކަމާ ގުޅިގެން ސަނީ ބުނީ ކޮންމެ މީހަކަށް ވެސް ހިތާމަ އާއި ކުރިމަތިލާން ޖެހޭނެ ކަމަށާއި އެފަދަ ދަނޑިވަޅުތަކުގައި ވެސް ހުރިހާ ކަމެއް ރަނގަޅު ވާނެ ކަމަށް އަމިއްލަ ނަފްސަށް ވިސްނައިދޭ ކަމަށެވެ.
ސަނީ ވަނީ ބޮލީވުޑުގެ ތިން ޚާނުން ކަމުގައިވާ ޝާހު ރުކް ޚާން، އާމިރު ޚާން އަދި ސަލްމާން ޚާން އާއެކު ފިލްމެއްގައި ހަރަކާތްތެރިވާން ބޭނުން ކަމަށް ވެސް ބުނެފައެވެ. ސަނީ ވަނީ އަންނަ ޖެނުއަރީ މަހު ނެރެން ހަމަޖެހިފައިވާ “ރައީސް”ގެ ލަވައެއްގައި ޝާހު އާއެކު މަސައްކަތް ކޮށްފައެވެ. ނަމަވެސް ޝާހު އާއެކު ފިލްމެއް ކުޅެން ބޭނުން ކަމަށް ސަނީ ބުންޏެވެ.