ސްވިޑަން އަތުން ނެދަލެންޑްސްއަށް ތިން ޕޮއިންޓް ނުލިބުނީ ރެފްރީގެ ސަބަބުން: ސްނައިޑާ

ވޯލްޑް ކަޕް ކޮލިފައިންގައި ސްވިޑަން އާއި ނެދަލެންޑްސް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެ ޓީމު އެއްވަރުވެގެން --- ފޮޓޯ: ރޮއިޓާސް

ވޯލްޑް ކަޕް ކޮލިފައިންގައި ސްވިޑަން އަތުން ނެދަލެންޑްސް އަށް ތިން ޕޮއިންޓް ނުލިބުނީ ރެފްރީގެ ނިންމުމަކާ ގުޅިގެން ކަމަށް އެ ޓީމުގެ ކެޕްޓްސް ވެސްލީ ސްނައިޑާ ބުނެފިއެވެ.

ވޯލްޑް ކަޕް ކޮލިފައިންގެ ޔޫރަޕް ބައްރުގެ 'ގްރޫޕް އޭ'ގައި ރޭ ސްވިޑަން އާއި ނެދަލެންޑްސް ބައްދަލުކުރި މެޗު ނިމިގެންދިޔައީ 1-1 ލަނޑުން އެއްވަރުވެގެންނެވެ. އެއީ ވޯލްޑް ކަޕް ކޮލިފައިންގައި ސްވިޑަން އަދި ނެދަލެންޑްސް ވެސް ކުޅުނު ފުރަތަމަ މެޗެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ސްވިޑަން އާއި ނެދަލެންޑްސް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެ ޓީމު އެއްވަރުވެގެން --- ފޮޓޯ: ރޮއިޓާސް

އެ މެޗުގައި ނެދަލެންޑްސްގެ ކެޕްޓަން ސްނައިޑާ އެ ޓީމަށް ލީޑު ހޯދައިދިން އިރު، މާކަސް ބާގުގެ ރީތި ލަނޑަކާ އެކު ސްވިޑަނުން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗުގައި ނެދަލެންޑްސްގެ ބަސް ޑޮސްޓް އެ ޓީމަށް ލަނޑެއް ކާމިޔާބުކޮށްދިން ނަމަވެސް، އޭނާ ލަނޑު ޖެހި އިރު ސްވިޑަންގެ ޑިފެންޑަރު ވިކްޓާ ލިންޑެލޮފް އަށް ފައުލް ކުރި ކަމަށް ނިންމައި ރެފްރީ ޑެނިއެލް އޯސަޓޯ އެ ގޯލު ބަލައިގަނެފައެއް ނުވެއެވެ.

"އަހަރެންނަށް ބެލެވެނީ ޑޮސްޓް ހަށިގަނޑު ބޭނުންކޮށް އެ ބޯޅަ ނިންމާލި ކަމަށް. އަހަރެމެންނަށް މޮޅެއް ހައްގު،" އެންއޯސް އަށް ދިން އިންޓަވިއުއެއްގައި ސްނައިޑާ ބުންޏެވެ.

ރޭގެ މެޗުގައި ނެދަލޭންޑްސް އަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް، އެ ޓީމުން އުފެއްދި ގިނަ ހަމަލާތަކެއް ސްވިޑަންގެ ގޯލްކީޕަރު ރޮބިން އޮލްސަން ވަނީ މަތަކޮށްފައެވެ.

"އަހަރެމެން ރަނގަޅު ކުޅުމެއް ދެއްކިން. އެކަމަކު އަހަރެމެންގެ ނަސީބު އެހާ ރަނގަޅެއް ނޫން. އަހަރެމެން ކޮޅަށް ސްވިޑަނުން ލަނޑު ޖެހުމުން އަލުން ލީޑު ހޯދުމަށް އަހަރެމެން ގިނަ މަސައްކަތްތަކެއް ކުރިން. ޓީމުން ކުރި މަސައްކަތް އަހަރެން ފާހަގަކުރަން،" ސްނައިޑާ ބުންޏެވެ.

comment ކޮމެންޓް