ކޮލަމްބިއާ ބަލިކޮށް، ބްރެޒިލް ދެވަނައަށް ޖެހިލައިފި

ބްރެޒިލްގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނުމަށް ފަހު ނޭމާ އުފާފާޅުކުރަނީ: ވޯލްޑް ކަޕް ކޮލިފައިންގައި ކޮލަމްބިއާ އަތުން ބްރެޒިލް މޮޅުވެފައިވަނީ 2-1 ލަނޑުން --- ފޮޓޯ: އޭޕީ

ވޯލްޑް ކަޕް ކޮލިފައިންގައި ކޮލަމްބިއާ އަތުން މޮޅުވެ، ބްރެޒިލުން ދެކުނު އެމެރިކާ ގްރޫޕްގެ ދެ ވަނައަށް ޖެހިލައިފިއެވެ.

އަމިއްލަ ގައުމުގައި ކޮލަމްބިއާއާ ދެކޮޅަށް ކުޅުނު މެޗުން ބްރެޒިލް މޮޅުވެފައިވަނީ 2-1 ލަނޑުންނެވެ.

އެ ނަތީޖާއާ އެކު ކުޅުނު އަށް މެޗުން ލިބުނު 15 ޕޮއިންޓާ އެކު ގްރޫޕްގެ ދެ ވަނައިގައި ބްރެޒިލް އޮތް އިރު، ތިން ވަނައިގައި އޮތް އާޖެންޓީނާއަށް ވެސް އަށް މެޗުން ލިބިފައިވަނީ 15 ޕޮއިންޓެވެ. ބްރެޒިލް ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ. އެއް ވަނައިގައި އޮތް އުރުގުއާއީއަށް އަށް މެޗުން ލިބިފައިވަނީ 16 ޕޮއިންޓެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ބްރެޒިލް އާއި ކޮލަމްބިއާ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ބްރެޒިލް މޮޅުވެފައިވަނީ 2-1 ލަނޑުން --- ފޮޓޯ: އޭޕީ

ކޮލަމްބިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ދެ ވަނަ މިނެޓުގައި ބްރެޒިލުން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ނޭމާ ނަގައިދިން ކޯނަރަކުން ބްރެޒިލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ޑިފެންޑަރު މިރާންޑާ އެވެ.

މެޗުގެ 36 ވަނަ މިނެޓުގައި ބްރެޒިލް އަތުން ބައިކޮޅަށް ވަން ލަނޑަކުން ނަތީޖާ ހަމަހަމަވެގެންދިޔައެވެ. ކޮލަމްބިއާއަށް ލިބުނު ހިލޭ ޖެހުމަކުން ހަމޭސް ރޮޑްރިގޭޒް ނަގައިދިން ހުރަހުން ބްރެޒިލްގެ މާކުއިނޯސް އަތުން ވަނީ ބައިކޮޅަށް ލަނޑެއް ވަދެފައެވެ.

ބްރެޒިލަށް އަލުން ލީޑު ހޯދުނީ މެޗުގެ ދެ ވަނަ ހާފުގެ ތެރޭގައެވެ. މެޗުގެ 74 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިޔާ ފިލިޕް ކޫޓީނިއޯ ދިން ބޯޅައަކުން ބްރެޒިލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ތަރި ނޭމާ އެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ޕެރަގުއާއީ ކޮޅަށް ލަނޑު ޖެހުމަށްފަހު އުރުގުއާއީގެ ލުއިސް ސުއަރޭޒް އުފާފާޅުކުރަނީ: އެ މެޗުން އުރުގުއާއީ މޮޅުވެފައިވަނީ 4-0 ލަނޑުން --- ފޮޓޯ: އޭޕީ

ކޮލިފައިންގެ ދެކުނު އެމެރިކާ ގްރޫޕުގައި ޕެރަގުއާއީއާ ދެކޮޅަށް އަމިއްލަ ގައުމުގައި ކުޅުނު މެޗުން ފަސޭހަކަމާއެކު 4-0 ލަނޑުން އުރުގުއާއީ ވަނީ މޮޅުވެފައެވެ. އުރުގުއާއިން މެޗުގައި ޖެހި ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު އެޑިސަން ކަވާނީ ކާމިޔާބުކޮށްދިން އިރު، އެ ޓީމުގެ އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ ކްރިސްޓިއަން ރޮޑްރިގޭޒް އާއި ލުއިސް ސުއަރޭޒް އެވެ.

ރަށުން ބޭރުގައި ވެނެޒުއޭލާއާ ދެކޮޅަށް އާޖެންޓީނާ ކުޅުނު މެޗުން ވަނީ އެއްވަރުވެފައެވެ. ހުއާން އަނޯރް އާއި ޖޯސެފް މާޓިނޭޒް ވެނެޒުއޭލާއަށް ލީޑު ހޯދައިދިން އިރު، އާޖެންޓީނާއަށް ނަތީޖާ ހަމަހަމަކޮށްދިނީ ލޫކަސް ޕްރާޓޯ އާއި ނިކޮލަސް އޮޓަމެންޑީއެވެ. އެ މެޗުގައި އަނިޔާގެ ސަބަބުން އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ކުޅެފައެއް ނުވެ އެވެ.

comment ކޮމެންޓް