ވޯކިން ގުރޫޕަށް ހުށަހެޅި މަހުލޫފުގެ މައްސަލަ ނޮވެމްބަރު މަހަށް އެޖެންޑާކޮށްފި

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހުލޫފް ކްރިމނަލް ކޯޓަށް ހާޒިރުވެ ވަޑައިގަންނަވަނީ: އދ. ގެ ވޯކިން ގުރޫޕަށް ހުށަހެޅި މަހުލޫފުގެ މައްސަލަ ނޮވެމްބަރު މަހަށް ވަނީ އެޖެންޑާކޮށްފައި -- ސަން ފައިލް ފޮޓޯ

ރައްޔިތުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު 10 މަސް ދުވަހުގެ މުއްދަތަށް ޖަލަށްލި މައްސަލަ އދ. ވޯކިން ގުރޫޕުން ނޮވެމްބަރު މަހަށް އެޖެންޑާކޮށްފި އެވެ.

މަހުލޫފަށް 10 މަސް ދުވަހުގެ ޖަލު ހުކުމެއް އައިސްފައި ވަނީ ފުލުހުންގެ ދައުރު އަދާކުރަން ދަތިކުރިކަމަށް ބުނެ އެވެ. އެގޮތުން ދައުލަތުން އޭނާގެ މައްޗަށް ދެ ދައުވާއެއް ވަނީ ކޮށްފަ އެވެ. ފުރަތަމަ ދައުވާގައި ކޯޓުން ވަނީ އޭނާގެ މައްޗަށް ހަތަރު މަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. ދެވަނަ ދައުވާގައި މަހުލޫފުގެ މައްޗަށް ހަ މަސް ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފަ އެވެ.

މަހުލޫފުގެ އަނބިކަނބަލުން ނަޒްރާ ނަސީމަށް އދ.ގެ ވޯކިން ގުރޫޕުން އިއްޔެ ފޮނުވާފައިވާ އީމެއިލެއްގައި ބުނެފައި ވަނީ އަންނަ ނޮވެމްބަރު 21 އިން 25 އޮންނަ ވޯކިން ގުރޫޕުގެ ޝެޝަނަށް މަހުލޫފުގެ މައްސަލަ އެޖެންޑާކޮށްފައިވާ ކަމަށެވެ.

އެ މެއިލްގައި ބުނެފައި ވަނީ މަހުލޫފުގެ މައްސަލައާ ގުޅޭ ލިޔުންތައް ސަރުކާރަށް ފޮނުވާނެ ކަމަށާއި އަދި އެ މައްސަލާގައި ދެ ފަރާތުގެ ވާހަކަތަށް ބެލުމަށް ފަހު ވޯކިން ގުރޫޕުން އެ މައްސަލާގައި ދެކޭ ގޮތް ޔޫއެން ހިއުމަން ރައިޓްސް ކައުންސިލަށާއި އާއްމުންނަށް ވެސް ފެންނާނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށެވެ.

މަހުލޫފު ޖަލަށްލި މައްސަލަ ވޯކިން ގްރޫޕުން ނޮވެމްބަރު މަހަށް އެޖެންޑާކޮށްފައިވާއިރު އޭނާގެ މައްޗަށް އިއްވި ޖަލު ހުކުމުތައް ވަކިވަކިން ހައިކޯޓުގައި ވަނީ އިސްތިއުނާފު ވެސް ކޮށްފަ އެވެ.

comment ކޮމެންޓް