ފަންނާނުން ނާޝިދަށްދޭ ހާއްސަ ޓްރިބިއުޓް ޝޯވގެ އޮންލައިން ޕާޓްނަރަކަށް ސަން

ފަންނާނުން ނާޝިދަށްދޭ ހާއްސަ ޓްރިބިއުޓް ޝޯވގެ އޮންލައިން ޕާޓްނަރަކަށް "ސަން" ހަމަޖެއްސުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަޝްހޫރު މިއުޒިކް ބޭންޑު "ޒީރޯ ޑިގްރީ އެޓޯލް"އިން މަގުބޫލުކަން ހޯދާފައިވާ ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަހުމަދު ނާޝިދު (ފްލޫ ނާޝިދު) އަށް ދިވެހި ފަންނާނުންގެ ފަރާތުން ދޭ ޓްރިބިއުޓް ޝޯގެ އޮންލައިން ޕާޓްނަރަކަށް ސަން އޮންލައިން ހަމަޖައްސައިފި އެވެ.

މުނިފޫހިފިލުވުމުގެ ދާއިރާއިން މިއުޒިކަށް ހާއްސަކޮށްގެން ރާއްޖޭގައި ނެރެމުން އަންނަ ހަމައެކަނި މެގަޒިން، މިސްކު އިން އިސްނަގައިގެން ބާއްވާ އެ ޝޯވ އަކީ ރާއްޖޭގައި ފަރުދީ ފަންނާނަކަށްދޭ އެންމެ ބޮޑު ޓްރިބިއުޓް ޝޯވ އެވެ.

އެ ޝޯވގެ އޮންލައިން ޕާޓްނަރަކަށް ސަން އޮންލައިން ހަމަޖައްސައި، އެއްބަސްވުމުގައި ދެ ފަރާތުން ސޮއިކޮށްފައިވަނީ މިއަދު އެކަމަށް ޓަކައި ސަން މީޑިއާ ގްރޫޕުގެ އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

ފަންނާނުން ނާޝިދަށްދޭ ހާއްސަ ޓްރިބިއުޓް ޝޯވގެ އޮންލައިން ޕާޓްނަރަކަށް "ސަން" ހަމަޖެއްސުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެއްބަސްވުމުގައި ސަން އޮންލައިންގެ ފަރާތުން ސޮއިކުރެއްވީ ސަން މީޑިއާ ގްރޫޕުގެ ސޭލްސް އެންޑް މާކެޓިންގެ ޖެނަރަލް މެނޭޖަރު މިންހާ ފާއިޒު ރަޝާދު އެވެ. މިސްކުގެ ފަރާތުން ސޮއިކުރެއްވީ އެ މެގަޒިންގެ ފައުންޑާ އެންޑް އެޑިޓަރު ރިއާޔަތު އަބްދުލް މަޖީދެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތަށްފަހު ވާހަކަފުޅުދައްކަވަމުން މިސްކުގެ ފައުންޑާ ރިއާޔަތު ވިދާޅުވީ، ނާޝިދަށްދޭ ޓްރިބިއުޓް ޝޯވގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް، ރާއްޖޭގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ އެއް އޮންލައިން ނޫސް، ސަން އޮންލައިން ހަމަޖެއްސުމަކީ ޝޯވ އަށް ލިބުނު އިތުރު ބާރަކާއި އިތުރު ކުރިއެރުމެއް ކަމަށެވެ.

ރަސްމިއްޔާތުގައި ސަން މީޑިއާ ގްރޫޕުގެ ސޭލްސް އެންޑް މާކެޓިން ޖީއެމް މިންހާ ވިދާޅުވީ، ސަން މީޑިއާ އަކީ އިޖްތިމާއީ ކަންތައްތަކުގެ އިތުރުން ކުޅިވަރާއި މުނިފޫހިފިލުވުމުގެ ދާއިރާއަށް އެއްބާރުލުން ދިނުމަށް އަބަދުވެސް މަސައްކަތްކުރާ މީޑިއާއެއް ކަމަށެވެ.

އަދި ނާޝިދު ފަދަ ހާއްސަ ފަންނާނަކަށް ދޭ ޓްރިބިއުޓް ޝޯވއެއްގެ ސަޕޯޓިން ޕާޓްނަރަކަށް ސަން އޮންލައިން ވުމަކީ ލިބޭ ފަހުރެއް ކަމަށް މިންހާ ވިދާޅުވި އެވެ.

ރާއްޖޭގެ 20 އަށްވުރެ ގިނަ ފަންނާނުންނާ އެކު މި މަހުގެ 21 ވަނަ ދުވަހުގެ ރޭ އޮލިމްޕަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ "އަ ޓްރިބިއުޓް ޓު ނާޝިދު" ޝޯގައި ފަސް އެސޯޝިއޭޓް ޕާޓްނަރުންގެ ގޮތުގައި ނެޝަނަލް ސެންޓާ ފޯ ދި އާޓްސް އާއި ދިރާގާއި އެސްޓީއޯގެ އިތުރުން އެޒިޑަން އަދި ޕީއެސްއެމް ބައިވެރިވެ އެވެ.

މީގެ އިތުރުން ޝޯވގެ ސަޕޯޓިން ޕާޓްނަރުންގެ ގޮތުގައި މިހާތަނަށް ހަތް ފަރާތަކުން ބައިވެރިވެފައިވާއިރު، ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ޕާޓްނަރުންތަކެއް ޝޯވ އަށް އެއްބާރުލުން ދިނުމަށް ނިންމާފައިވާ ކަމަށް މިސްކުން ބުނެ އެވެ.

ޝޯވގެ ސަޕޯޓިން ޕާޓްނަރުންގެ ގޮތުގައި އެންމެ ފަހުން ބައިވެރިވެފައިވަނީ ސަން އޮންލައިންގެ އިތުރުން ރޮމްބަސް އާއި ސެގަފެރެޑޯ އަދި ފަންނުގެ ދަރިންގެ ހަރަކާތުންނެވެ. މީގެ އިތުރުން ވެލިގާ ހާޑްވެއާ އާއި ޑީއެޗްއެލް އަދި ލެކިއުޓުން ވެސް ވަނީ ޝޯވގެ ސަޕޯޓަރުންގެ ގޮތުގައި ބައިވެރިވެފަ އެވެ.

ޒީރޯ ޑިގްރީ އެޓޯލް އިން ނެރުނު "ދޯނި" އަލްބަމަކީ ރާއްޖޭގެ ރައްޔިތުންގެ މެދުގައި ޚާއްސަ މަގުބޫލުކަމެއް ހޯދި އަދި މިޔުޒިކްގެ އިންޑަސްޓްރީ އަށް އިންގިލާބެއް ގެނައި އަލްބަމެކެވެ. އަމިއްލަ ރާގުތަކެއްގެ މައްޗަށް ނެރުނު އެ އަލްބަމުގައި ދިވެހީންގެ ދިރިއުޅުމާއި ގުޅިފައިވާ ދިވެހިވަންތަ އަޑުތައް ގިނަ އަދަދަކަށް ހިމަނައިފައިވެ އެވެ.

comment ކޮމެންޓް