ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަން ދަންވަރު ހުޅުވާފައި ހުރުމަށް ދިވެހިން އެދޭނަމަ އެކަންކަމަށް ސަރުކާރުން ހުރަސް ނާޅާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވިއެވެ.
މިހާރު އަމަލުކުރަމުން އަންނަ ގަވައިދު ބުނާގޮތުން ފިހާރަތައް ރޭގަނޑު 10 ޖެހުމާ އެކު އަދި ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަން ރޭގަނޑު 12 ޖެހުމާއެކު ބަންދު ކުރަން ޖެހެއެވެ. ނަމަވެސް އެއާ ހިލާފަށް އެއްވެސް ހުއްދައެއް ނުނަގައި ވިޔަފާރި ކުރާ ފަރާތްތަކުން ދަނީ ދަންވަރު ވެސް ވިޔަފާރި ކުރަމުންނެވެ.
ސަންގެ ރިޕޯޓާއި ގުޅިގެން މައުލޫމާތު ދެއްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ ދަންވަރު ވިޔަފާރި ކުރުމުގެ ހުއްދަ ދޭން އަދި ނުނިންމާ ކަމަށެވެ. ނަމަވެސް ގަވައިދު ތަކަކީ ބަދަލު ކުރެވޭނެ އެއްޗެއް ކަމަށާއި މުޖުތަމައުގައި އުޅޭ މީހުން އެކަމަށް އެދި އެއީ ކުރެވޭނެ ކަމެއް ނަމަ އެކަން ސަރުކާރުން ކޮށްދޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ސޮސައިޓީގައި އުޅޭ މީހުން އެދޭނަމަ އަދި އެފަރާތްތަކުގެ ބޭނުންތައް ގާނޫނުތަކާއި އިސްލާމްދީނުގެ އުސޫލުތަކަށް ފެތޭ ނަމަ ސަރުކާރުން އެކަމަށް ހުރަހެއް ނާޅާނެ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ސައީދު އިތުރަށް ވިދާޅުވީ ބޮޑަށް ތަރައްގީ ވެފައިވާ ގައުމުތަކުގައި އުޅެފައި އަންނަ ދިވެހިންނާއި އެކި ފަންނުގައި މަސައްކަތްކުރާ ޒުވާނުން ދަންވަރު ކެއުންފަދަ ހިދުމަތްތައް ބޭނުންވާ ކަމަށެވެ.
ދަންވަރު ކެއިންބުއިމުގެ ހިދުމަތް ލިބުން ފަދަ ކަންކަމަށް ހުއްދަ ދޭނަމަ ހުއްދަ ދޭނީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައި އެއީ ކުރަން ރަނގަޅު ކަމެއްތޯ ދިރާސާ ކުރުމަށްފަހު ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ވަނީ 24 ގަޑިއިރު ފިހާރަތަކާއި ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަން ހުޅުވުމަށް ހުއްދަ ދީފައެވެ. ނަމަވެސް މާލެތެރޭގެ ރައްކާތެރިކަމަށް ހުރަސ އެޅޭ ކަމަށް ބުނެ ރައީސް ޑރ. މުހައްމަދު ވަހީދު ގެ ވެރިކަމުގައި ވަނީ އެކަން ހުއްޓުވާފައެވެ.