ދައުލަތުގެ ރަސްމީ ލިޔުންތައް އާންމުކޮށް ފެންނާނެގޮތް ހަދަނީ

ގައުމީ އަރުޝީފު ހިންގާ އިމާރާތް: ދައުލަތުގެ ރަސްމީލިޔުންތައް އާންމުކޮށް ފެންނާނެގޮތް ހެދުމަށް ގައުމީ އަރުޝީފުން ވަނީ މަޝްރޫއެއް ފަށާފައި --- ސަން ފައިލް ފޮޓޯ

"އެސްޓެބްލިޝްމެންޓް އޮފް ކަލެކްޝަންސް ސެންޓާޒް"ގެ ނަމުގައި، ދިވެހި ދައުލަތުގެ ރަސްމީ ލިޔެކިޔުންތައް އާންމުކޮށް ފެންނަން ހުންނާނެ ގޮތް ހެދުމަށް ގައުމީ އަރުޝީފު ނުވަތަ ނެޝަނަލް އާކައިވްސް އިން މަސައްކަތްތަކެއް ފަށައިފިއެވެ.

ގައުމީ އަރުޝީފުން އާންމުކުރި ބަޔާނެއްގައި ބުނީ މިހާރު އެ ސެންޓަރުން ކުރިއަށްގެންދާ ތިން މަޝްރޫގެ އިތުރުން އަލަށް ދެ މަޝްރޫއެއް ފަށަން ހަމަޖެހިފައިވާ ކަމަށެވެ. އޭގެ ތެރެއިން އެއް މަޝްރޫއަކީ "އެސްޓެބްލިޝްމެންޓް އޮފް ކަލެކްޝަންސް ސެންޓާޒް" ކަމަށް ވެއެވެ.

ގައުމީ އަރުޝީފުން ބުނީ އެ މަޝްރޫއަކީ ދިވެހި ދައުލަތުގެ ރަސްމީ ލިޔެކިޔުންތަކާއި ފޮޓޯތަކާއި ޗާޓުތަކާއި ރިކޯޑުތަކާއި މައުލޫމާތުތައް އާންމުކޮށް ފެންނާނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގައި ކަމާބެހޭ މައި މަރުކަޒު ގާއިމްކުރުމަށް ހިންގާ މަޝްރޫއެއް ކަމަށެވެ.

އޭގެ އިތުރުން އެ މަޝްރޫގެ ދަށުން ރާއްޖޭގެ އުތުރުގެ ސަރަހައްދެއްގައި އަދި ދެކުނުގެ ސަރަހައްދެއްގައި ކަމާބެހޭ މަރުކަޒުތައް އެ މަޝްރޫގެ ދަށުން ގާއިމްކުރެވޭނެ ކަމަށް އެ ބަޔާނުގައިވެއެވެ. އެ މަޝްރޫގެ ސަބަބުން އާންމުންނާއި ފަތުރުވެރިންނާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ތާރީހާއި ސަގާފަތާއި ކަމާބެހޭ މައުލޫމާތު ލިބި ހޭލުންތެރިކަން އިތުރުވާނެ ކަމަށް ގައުމީ އަރުޝީފުގެ ބަޔާނުގައިވެއެވެ.

އެ އިދާރާއިން ހިންގުމަށް ހަމަޖައްސާފައިވާ ދެވަނަ މަޝްރޫއަކީ "ޑޮކިއުމެންޓޭޝަން ރިސާޗް ޕަބްލިކޭޝަން" ނަމަކަށް ކިޔާ މަޝްރޫއެކެވެ. އެގޮތުން ދައުލަތުގެ އިދާރާތަކާއި މުއައްސަސާތަކުގެ ތާރީހާބެހޭ ފޮތްތަކާއި ގައުމީ އަރުޝީފުގެ ބެލުމުގެ ދަށުގައި ހުރި ރެކޯޑްތަކާއި ލިޔެކިޔުންތައް އިލްމީގޮތުން ދިރާސާކޮށް ފޮތްތަކުގެ ގޮތުގައި ޝާއިއުކުރުމަށް ހިންގާ މަޝްރޫއެއް ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ.

އެ މަޝްރޫގެ ސަބަބުން ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ލިޔެކިޔުންތަކާއި ރެކޯޑްތައް އިލްމީގޮތުން ދިރާސާކޮށް މިހާތަނަށް އާންމު ނުކުރެވިވާ ލިޔުންތައް އާންމުކޮށް، ޗާޕްކޮށް ފޮތްތައް ޝާއިއުކޮށް ރާއްޖެއާބެހޭ އެކިއެކި ދާއިރާތަކުގެ އިލްމު ފެތުރުމަށާއި އިލްމު އުފެއްދުމަށް މަގުފަހިވާނެ ކަމަށް އެ ބަޔާނުގައިވެއެވެ.

comment ކޮމެންޓް