ފުވައްމުލަކު ފަރަށް އެރި ބޯޓު ފުން ކުރަން ދިން މުއްދަތު އިތުރު ކުރަނީ

ފެނާއި ނަރުދަމާ އަޅާ ތަކެތި ހިފައިގެން ފުވައްމުލަކަށް ދިޔަ ބޯޓު ފަރަށް އަރާފައި -- ފޮޓޯ/ އަލީ ވަސީމް

ފުވައްމުލަކަށް ފަރަށް އެރި ވިއެޓްނާމް ބޯޓު ފުންކުރުމަށް ދިން މުއްދަތު އިތުރުކުރުމަށް މަޝްވަރާ ކުރަމުންދާ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފި އެވެ.

ފުވައްމުލަކުގެ ހުޅަނގު ފަރާތު ފަރަށް އެރި ބޯޓަކީ "އެމްވީ އެންޖީއޯސީ ސަން" ނަމަކަށް ކިޔާ ބޯޓެކެވެ. ޓްރާންސްޕޯޓް އޮތޯރީޓީގެ ޗެއާޕަން އަބްދުއްރަޝީދު ނާފިޒު ވިދާޅުވީ ބޯޓު ފުންކުރުމަށް ދިން 15 ދުވަހުގެ މުއްދަތު އިތުރު ކުރުމަށް ބޯޓުގެ ވެރިފަރާތާއެކު މަޝްވަރާކުރަމުން ދާ ކަަމަށެވެ.

ބޯޓު ފުންކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދަނީ ސިންގަޕޫރު ސެލްވެޖް ކުންފުންޏަކާ ހަވާލުކޮށްގެންނެވެ. ބޯޓު ފުންކުރުމަށް އެ ކުންފުނިން މިހާރު ހަރަކާތްތެރި ވަމުންދައީރު އެ މަސައްކަތް މިހާރު ކުރިއަށް ގޮޮސްފައި އޮތް ހިސާބު ވަނީ ސާފުވާގޮތް ނުވެފަ އެވެ.

ފުވައްމުލަކު ފަރަށް އެރި ބޯޓަކީ އެ ރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތަށް ހިލަ އާއި ހިލަވެލި ހިފައިގެން ދިޔަ ބޯޓެކެވެ. ފަރަށް އެރި އިރު ބޯޓުގައި 20 ފަޅުވެރިން ތިއްބެވެ.

މީގެ ކުރިން 2014 ވަނަ އަހަރު ސަމާ އައިލެންޑް ރިޒޯޓް ކައިރީގައި އޮތް ފަރަކަށް އެރި ވިއެޓްނާމްގެ ބޯޓް 508 މިލިއަން ރުފިޔާ އިން ވަނީ ޖޫރިމަނާކޮށްފަ އެވެ. އެ ބޯޓު ބޮޑު އަދަދަކުން ޖޫރިމަނާކޮށްފައި ވަނީ ފަރަށް ބޮޑެތި ގެއްލުންތައް ލިބިފައި ވާތީ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީ އިން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް