އިމްރާނާއި ދަގަނޑޭ އަދި އުމައިރު ގޯލްޑް ޓީމުގައި، މެޗުގެ ރެފްރީއަކަށް ރިޔާޒް

ރާއްޖެ އަށް 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ހޯދައިދިން ޓީމު: އެ ފަހަރުގެ މުބާރާތް ރާއްޖެ އަށް ހޯދައިދިން ޓީމުގައި ހިމެނޭ ގިނަ ކުޅުންތެރިންތަކެއް މިރޭ ދަނޑުން ފެނިގެންދާނެ --- ފޮޓޯ: މޯލްޑިވްސޮކާ

ގޯލްޑް ޓީމުގެ ލިސްޓުގައި ގޯލްކީޕަރު އިމްރާން މުހައްމަދާއި، އަލީ އަޝްފާގު (ދަގަނޑޭ) އަދި މުހައްމަދު އުމައިރު ހިމެނި އިރު، މެޗުގެ ރެފްރީއެއްގެ ގޮތުގައި ރިޔާޒް ރަޝީދު ހަމަޖައްސައިފި އެވެ.

މިރޭގެ މެޗަށް ނެގި ގޯލްޑް ޓީމުގެ ލިސްޓުގައި ހިމެނުނު ކީޕަރު އިމްރާނާއި، ދަގަނޑޭ އަދި އުމައިރު އަކީ މިހާރުގެ ގައުމީ ޓީމަށް އެންމެ ފަހުން އެކުލަވާލި ސްކޮޑުގައި ވެސް ހިމެނޭ ތިން ކުޅުންތެރިންނެވެ.

އެ މެޗުގައި މިހާރު ރައްޔިތުންގެ މަޖިލީހުގެ ވިލިފުށީ ދާއިރާގެ މެންބަރު އަދި ކުރީގެ މަޝްހޫރު ރެފްރީ ރިޔާޒް ރެފްރީކަން ކުރާ އިރު، އެސިސްޓަންޓް ރެފްރީންނަކީ އަހްމަދު އަމީޒާއި މުހައްމަދު ސައީދެވެ. އޭގެ ތެރެއިން ސައީދު އަކީ ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ފީފާ ވޯލްޑް ކަޕެއްގައި ރެފްރީކަން ކުރި ފުރަތަމަ އޮފިޝަލެވެ. އޭނާ ވަނީ 2002 ވަނަ އަހަރު ބޭއްވި ފީފާ ވޯލްޑް ކަޕްގައި ރެފްރީކަން ކުރުމުގެ އިތުރުން، 2001 ވަނަ އަހަރުގެ ފީފާ ކޮންފެޑެރޭޝަންސް ކަޕްގައި ވެސް އެސިޓަންޓެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ. މެޗުގައި ހަތަރު ވަަނަ އޮފިޝަލެއްގެ ގޮތުގައި މުހައްމަދު އަނީލް ހަރަކާތްތެރިވާ އިރު، ފަސް ވަނަ އޮފިޝަލެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ އަހްމަދު އަބީރު އިސްމާއިލެވެ. އަދި މެޗު ކޮމިޝަނަރަކީ މުހައްމަދު ހާޝިމެވެ.

މިހާރުގެ ގައުމީ ޓީމާ ދެކޮޅަށް މިރޭ ކުޅޭ މެޗަށް ނެގި ގޯލްޑް ޓީމު ނުވަތަ ރާއްޖެ އަށް 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދިން ޓީމު ލިސްޓުގައި ހާއްސަ މެހެމާނެއްގެ ގޮތުގައި ގެނައި އާޖެންޓީނާގެ ފުޓްބޯޅަ ލެޖެންޑު ރޮބާޓޯ އަޔާލާ ވެސް ހިމަނާފައިވެ އެވެ.

ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި އިރު ޓީމުގައި ހިމެނުނު ގިނަ ކުޅުންތެރިންތަކެއް ލިސްޓުގައި ހިމަނާފައިވާ އިރު، އެ ޓީމުގެ ކޯޗިން ސްޓާފުންނާއި އޮފިޝަލުންނަށް ވެސް ބަދަލެއް އައިސްފައެއް ނުވެ އެވެ.

ގޯލްޑް ޓީމުގެ ކޯޗެއްގެ ގޮތުގައި އޭރު ކޯޗެއްގެ ގޮތުގައި ހަރަކާތްތެރިވި ޖޯސެފް ޔަންކޭ ހަމަޖައްސާފައިވާ އިރު، އެސިސްޓަންޓް ކޯޗުންނަކީ ވެސް އޭރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގެ އެސިސްޓަންޓުންގެ ގޮތުގައި މަސައްކަތްކުރި މުހައްމަދު ޝިޔާޒް (މޯހަން) އާއި އިހުސާން އަބްދުލްޤަނީ (ސާންތި) އެވެ. މެޑިކަލް އޮފިސަރުންނަށް އަހްމަދު ޝަކީބާއި އަބްދުލް ހަކީމް ހަމަޖައްސާފައިވާ އިރު، ގޯލްކީޕަރު ޓްރޭނަރަކީ މުހައްމަދު އިގްބާލެވެ. އަދި ކިޓް މެނޭޖަރަކީ ހަސަން ނިޒާރު އަހްމަދެވެ.

ގޯލްޑް ޓީމުގެ ލިސްޓު:

  • ހަސަން ރަމީޒް
  • އިބްރާހިމް އަމިލް
  • ރޮބާޓޯ އަޔާލާ
  • މުހައްމަދު ސިފާން (ކުޑައްޓޭ)
  • މުހައްމަދު އުމައިރު
  • އިބްރާހިމް ފަޒީލް (އޮއްޕޮ)
  • މުހައްމަދު އާރިފް (ބަކާ)
  • އަލީ އަޝްފާގު (ދަގަނޑޭ)
  • މުހައްމަދު ޖަމީލް (ޖަމްބެ)
  • އަހްމަދު ޠާރިގު (ޓޮމް)
  • އަލީ އުމަރު
  • ޝަމްވީލް ޤާސިމް (ބޮންޑާ)
  • އާދަމް ލަރީފް (ރޮނާ)
  • އައްސަދު އަބްދުލްޤަނީ
  • އަހްމަދު ސައީދު (އައްމަޓީ)
  • ޝިނާޒް ހިލްމީ
  • އިސްމާއިލް މުހައްމަދު (އިއްސެ)
  • އާދަމް ޝަރީފް (އެޑަމް)
  • އިބްރާހިމް އިފްރާހް އަރީފް
  • އަހްމަދު އަޝްފާން
  • މުޚުތާރު ނަސީރު (ޓޫކިލޯ)
  • އުމްރާން މުހައްމަދު
  • ސޮބާހް މުހައްމަދު (ސޮބާ)
comment ކޮމެންޓް