ފަސޭހައިން ކޮރަޕްޝަންގެ މައްސަލަތަކުގެ މައުލޫމާތު ދިނުމަށް ހާއްސަ ޕްރޮގްރާމެއް ތައާރަފްކޮށްފި

އޭސީސީ ގެ އިންފޮމޭޝަން ވިންޑޯ ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު އިފްތިތާހް ކޮށްދެއްވަނީ --- ސަން ފޮޓޯ: މުހައްމަދު އަފްރާހް

ކޮރަޕްޝަންގެ އަމަލުތައް ރިޕޯޓުކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން، ކޮރަޕްޝަނާ ބެހޭ މައުލޫމާތު ފަސޭހައިން ލިބޭނެ ގޮތްހެދުމަށް "އިންފޮމޭޝަން ވިންޑޯ" ގެ ނަމުގައި ޕްރޮގްރާމެއް އިފްތިތާހް ކޮށްފިއެވެ.

އިންފޮމޭޝަން ވިންޑޯ އިފްތިތާހްކޮށްފައިވަނީ "ބިތުފަންގި 2" ނިންމުމަށް ރޭ ނޭޝަނަލް އާޓު ގެލެރީގައި ބޭއްވި ހަފްލާއެއްގައި ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބެވެ.

އެ ޕްރޮގްރާމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ނާއިބު ރައީސް މުއައްވިޒް ރަޝީދު ވިދާޅުވީ، ކޮރަޕްޝަނާ ބެހޭ ރިޕޯޓުތައް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް، މައުލޫމާތު ފަސޭހައިން ފޯރުކޮށްދިނުމަކީ އެ ޕްރޮގްރާމުގެ މަގުސަދެއް ކަމަށެވެެ.

އެގޮތުން ޔުނިވާސިޓީތަކުގައި ތައުލީމު ހާސިލް ކުރަމުންދާ ދަރިވަރުންނަށް ކަމާބެހޭ މައުލޫމާތު ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދީ، ދިރާސާތައް ފަސޭހައިން ކުރެވޭނެ ގޮތް މަގު ފަހިކޮށްދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެފަދަ ދިރާސާތައް ކުރުމަށް ހިތްވަރުދިނުމަކީވެސް އެ ޕްރޮގްރާމުގެ މަގުސަދެއްކަމަށް ވިދާޅުވިއެވެ.

އޭސީސީން ބަލަމުންދާ މައްސަލަތަކާއި، ޝަރީއަތުގައި ހިނގަމުންދާ މައްސަލަތަކުުގެ މައުލޫމާތު ހެކިތަކަށް އަސަރުނުކުރާނެގޮތަށް ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކަށް ބޭނުންވާ މައުލޫމާތު ވީހާވެސް ފުޅާ ދާއިރާއެއްގައި ފޯރުކޮށްދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ކޮމިޝަނުގެ މެމްބަރުންނާއި ކޮމިޝަންގެ އިސްފަރާތްތަކާ ބައްދަލުކޮށް މައުލޫމާތު ހޯދުމުގެ ފުރުސަތު ފަހިކޮށްދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ބިތުފަންގީގެ ދެވަނަ ސިލްސިލާ ނިންމުމަށް ރޭ ބޭއްވި ހަފްލާގައި، އެ ޑްރާމާ އުފެއްދުމުގައި އުޅުއްވި ބޭފުޅުންނަށާއި ޑްރާމާގައި ހަރަކާތްތެރިވި ފަންނާނުންނަށް ވަނީ ހަނދާނީ ލިޔުން ދީފައެވެ.

ބިތު ފަންގި އަކީ އޭސީސީން ކޮރަޕްޝަނާ ގުޅޭ ގޮތުން އާންމުން ހޭލުންތެރި ކުރުވުމަށް ތައްޔާރުކޮށްފައިވާ ޓީވީ ޑްރާމާއެކެވެ.

comment ކޮމެންޓް