ނިދާފައި އޮންނަ އިރު ވަރަށް ގިނައިން ދާހިތްލާތަ؟ ސިއްހީ މައްސަލައަކަށް ވެދާނެ!

ހޫނު ރެޔެއް ނަމަ، ނުވަތަ މާ ބޯ ފޮތީގެ ހެދުމެއް ލައިގެން ނިދާނަމަ ދާހިތްލުމަކީ އާންމު ކަމެކެވެ. ނަމަވެސް، ފިނި ރޭރޭ ވެސް ނިދީފައި އޮންނަ އިރު ވަރަށް ގިނައިން ދާހިތްލާ މީހުން އުޅެ އެވެ. ފަތިހު ހޭލާ އިރު މުޅި މީހާ އޮންނަނީ ދަލުން ފޯވެފަ އެވެ.

ގިނަ ބަޔަކަށް މިއީ އާންމު ކަމެއް ކަމުގައި ހީވި ނަމަވެސް، މިއީ ސިއްހީ މައްސަލައެއްގެ ސަބަބުން ދިމާވާ ކަމެއް ކަމަށް ސިއްހީ މާހިރުން ބުނެ އެވެ.

މާހިރުން ވިދާޅުވާ ގޮތުގައި، އަންހެނުން ނިދާފައި އޮންނަ އިރު މާ ގިނަ އިން ދާހިތްލުމަކީ އިއްދައިން ކެނޑުމުގެ އަލާމާތެކެވެ. އަންހެނާ ވަކި އުމުރަކަށް ވުރެ ދޮށީ ވުމުން އޭނާގެ ރަހިމުގެ ވަރަށް ބޮޑު މަސައްކަތެއް ހުއްޓެ އެވެ. އެއީ ހައިޟުވުމާއި ދަރިން ލިބުން ހުއްޓުމެވެ. މި ހާލަތް ދިމާވަނީ އަންހެނާއަށް އޭނާގެ އުމުރުން 45 އަހަރާއި 55 އަހަރާ ދެމެދު އެވެ. މި ހާލަތަށް އިނގިރޭސި ބަހުން ކިޔަނީ މެނޮޕޯޒް އެވެ.

ނިދާފައި އޮންނަ އިރު ގިނައިން ދާހިތްލުމަކީ ތިމާއަށް ނިދުމުގައި ވެސް މައްސަލަތަކެއް ދިމާވާ ކަމުގެ އަލާމާތެކެވެ. "ސްލީޕް އެޕްނިއާ" އަކީ ނިދާފައި އޮންނަ އިރު މީހާގެ ނޭވާ ހާސްވުމަށް ދީފައިވާ ނަމެކެވެ. ނޭވާލާން އުނދަގޫވުމުން ސިކުނޑިން އެކަން ނަގައިގަނެ އެވެ. އަދި ނޭވާލުން ފަސޭހަ ކުރުމަށް މަސައްކަތް ކުރެ އެވެ. މުޅި މީހާ ދާހިތްލަނީ ނޭވާލުން ފަސޭހަ ކުރުމަށް ހަށިގަނޑުން ދޫކުރާ ސްޓްރެސް ހޯމޯންގެ ސަބަބުންނެވެ.

އޭގެ އިތުރުން އެއީ އެންޒައިޓީގެ އަލާމާތަކަށް ވެސް ވުން ގާތެވެ. ސްޓްރެސް ނުވަތަ ޕެނިކް އެޓޭކްގެ ސަބަބުން މީހާގެ ހަށިގަނޑު ހޫނުވެ ދާހިތްލަން މެދުވެރި އެވެ. ޕޯސްޓް ޓްރޮމެޓިކް ސްޓްރެސް ޑިސޯޑާ ހުންނަ މީހުން ދާހިތްލާ މިންވަރު އެހެން މީހުންނަށް ވުރެ އިތުރުވާނެ އެވެ.

ކޮންމެ ސަބަބެއް މެދުވެރި ވެގެން ނަމަވެސް، ފިނި ރޭރޭ ނިދާފައި އޮންނަ އިރު ދާހިތްލާ ފޯވާނަމަ، ޑޮކްޓަރަކަށް ދައްކައި ތިމާގެ ހަށިގަނޑުގައި މައްސަލައެއް އުޅޭތޯ ބެލުމަކީ މުހިންމު ކަމެކެވެ.

comment ކޮމެންޓް