ފަލަސްތީނަށް އެހީވުމަށް ސެލްޓިކް ސަޕޯޓަރުން ހޯދި ފައިސާ 75،000 ޕައުންޑަށްވުރެ މަތީގައި

ޔޫއެފް ޗެމްޕިއަންސް ލީގު ޕްލޭ އޯފްގެ ފުރަތަމަ ލެގުގައި އިސްރޭލުގެ ހަޕޯލް ބީރް ޝީވާއާ ދެކޮޅަށް ކުޅުނު މެޗުގައި ސްކޮޓްލެންޑްގެ ސެލްޓިކްގެ ސަޕޯޓަރުން ފަލަސްތީނު ދިދަ ހިފައިގެން: އެ މެޗުގައި ފަލަސްތީނުގެ ދިދަ ބޭނުންކުރުމުން ސެލްޓިކް އަށް އަދަބުދޭން ޔޫއެފާ އިން ވަނީ ނިންމާފައި --- ފޮޓޯ: ކެޕްޗާ ޑެކްރަން

ފަލަސްތީނުގައި ހާލުގައި ޖެހިފައި ތިބި މީހުންނަށް އެހީވުމުގެ ގޮތުން ފައިސާ ހޯދުމަށް ސްކޮޓްލެންޑުގެ ޗެމްޕިއަން ސެލްޓިކްގެ ސަޕޯޓަރުން ފެށި ހަރަކާތުން 75،000 ޕައުންޑަށްވުރެ ގިނަ ފައިސާ ލިބިއްޖެ އެވެ.

ސެލްޓިކްގެ ސަޕޯޓަރުންގެ ގްރޫޕް ގްރީން ބްރިގޭޑް ކުރިއަށްގެންދިޔަ ފަންޑްރައިޒިން ހަރަކާތުގައި ގިނަ ބަޔަކު ބައިވެރިވި އިރު، އެކަމުން ލިބުނު ފައިސާ ފަލަސްތީނުގެ ދެ ޗެރިޓީއަކަށް ހަދިޔާ ކުރުމަށް އެ ގްރޫޕުން ވަނީ ނިންމައިފައެވެ.

ސެލްޓިކްގެ ސަޕޯޓަރުން ކުރިއަށްގެންދިޔަ ފަންޑްރައިޒިން ހަރަކާތުން ލިބުނު ފައިސާ މެޑިކަލް އެއިޑް ޕަލަސްޓައިން އާއި ލަޖީ ސެންޓަރަށް ހަދިޔާ ކުރުމަށް ވަނީ ނިންމައިފައެވެ. މެޑިކަލް އެއިޑް ޕަލަސްޓައިން އަކީ ފަލަސްތީނުގައި ކުރިއަށްދާ ހަނގުރާމާގައި އަނިޔާވާ މީހުންނަށް ފަރުވާދޭ ޖަމިއްޔާއެކެވެ. އަދި ލަޖީ ސެންޓަރަކީ އައިޑާ ރެފިއުޖީ ކޭމްޕުގައި ކުޑަކުދިންނަސް ކުޅިވަރުގެ ހަރަކާތްތައް ކުރިއަށްގެންދާ ޖަމިއްޔާއެކެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ޕްލޭ އޯފްގައި އަމިއްލަ ދަނޑުގައި އިޒްރޭލުގެ ހަޕޯލް ބީރް ޝީވާއާ ދެކޮޅަށް ކުޅުނު މެޗުގައި ސެލްޓިކްގެ ސަޕޯޓަރުން ވަނީ ފަލަސްތީނުގެ ދިދަ ބޭނުންކޮށްފައެވެ. އެކަމާ ގުޅިގެން ޔޫއެފާ އިން ސެލްޓިކްއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ނިންމާފައިވާ އިރު، ސެލްޓިކް އަށް 15،000 ޕައުންޑްގެ ޖޫރިމަނާއެއް އަންނާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިސްރޭލުގެ ހަޕޯލް ބީރް ޝީވާއާ ދެކޮޅަށް ސެލްޓިކް ކުޅުނު ފުރަތަމަ ލެގު މެޗުގައި 5-2 ލަނޑުން މޮޅުވި އިރު، އިޒްރޭލުގައި ކުޅޭ ދެ ވަނަ ލެގު މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރާއްޖެގަޑިން މިރޭ 11:45 ގައެވެ. އެ މެޗުގައި ފަލަސްތީނު ދިދަ ބޭނުންކުރާ ނަމަ، އެމީހަކަށް ފިޔަވަޅު އެޅުމަށް އިޒްރޭލުގެ ފުލުހުން ވަނީ ނިންމައިފައެވެ.

comment ކޮމެންޓް