ނެޓްބޯލް އެސޯސިއޭޝަން ޗެމްޕިއަންޝިޕް ފަށައިފި

ނެޓްބޯލް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ތެރެއިން: އެ މުބާރާތުގައި ހަތް ޓީމެއް ވާދަކުރާ --- ފޮޓޯ: ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް

ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބާއްވާ ނެޓްބޯލް އެސޯސިއޭޝަން ޗެމްޕިއަންޝިޕް ފަށައިފިއެވެ.

ސޯޝަލް ސެންޓަރު އެތެރޭ ކޯޓުގައި ރޭ ފެށި އެ މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކޮށްފައިވަނީ ދިވެހި ސިފައިންގެ ކްލަބާއި މަހިބަދޫ ސްޕޯޓްސް ކްލަބެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އެ މެޗު 46-44 ޕޮއިންޓުން ކާމިޔާބުކޮށްފައިވަނީ ދިވެހި ސިފައިންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައިވަނީ ދިވެހި ސިފައިންގެ ރާޝިދާ މޫސާއެވެ.

އެ މުބާރާތުގެ ދެ ވަނަ މެޗުގައި ރޭ ބައްދަލުކޮށްފައިވަނީ ސްޕޯޓްސް ކްލަބު ރިވަލްސާ އާއި މުއިވެޔޮ ފްރެންޑްސްއެވެ. އެ މެޗު 46-15 ޕޮއިންޓުން ކާމިޔާބުކޮށްފައިވަނީ ސްޕޯޓްސް ކްލަބު ރިވަލްސާއެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައިވަނީ ސްޕޯޓްސް ކްލަބު ރިވަލްސާގެ އައިމިނަތު ރަބާބެވެ.

ނެޓްބޯލް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ތެރެއިން: އެ މުބާރާތުގައި ހަތް ޓީމެއް ވާދަކުރާ --- ފޮޓޯ: ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް

އިއްޔެ އިން ފެށިގެން މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެ މުބާރާތުގައި ހަތް ޓީމެއް ވާދަކުރާ އިރު، އެ ޓީމުތައް ދެ ގްރޫޕަކަށް ވަނީ ބަހާލައިފައެވެ.

މުބާރާތުގެ ގްރޫޕް އޭގައި ހިމެނެނީ ދިވެހި ސިފައިންގެ ކްލަބާއި، މަހިބަދޫ ސްޕޯޓްސް ކްލަބާއި، ލޮރެންޒޯ ސްޕޯޓްސް ކްލަބު އަދި ޓީސީ ސްޕޯޓްސް ކްލަބެވެ. އެ މުބާރާތުގެ ގްރޫޕް ބީގައި ހިމެނެނީ މުއިވެޔޮ ފްރެންޑްސް އާއި، ސްޕޯޓްސް ކްލަބު ރިވަލްސާ އަދި ވީކޭ ސްޕޯޓްސް ކްލަބެވެ.

އެ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރާނީ ކޮންމެ ގްރޫޕެއްގެ ވެސް އެއްވަނަ އަދި ދެވަނަ ޓީމެވެ. ސެމީގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 27 ވަނަ ދުވަހު އެވެ. މި މަހުގެ 28 ވަނަ ދުވަހު ތިން ވަނަ ހޮވާ މެޗާއި، ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ.

ނެޓްބޯލް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި މިރޭ ވެސް ދެ މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. ގްރޫޕް އޭގައި މިރޭ ކުޅޭ މެޗުގައި ލޮރެންޒޯ ސްޕޯޓްސް ކްލަބާއި ޓީސީ ސްޕޯޓްސް ކްލަބު ބައްދަލުކުރާ އިރު، ގްރޫޕް ބީގެ މެޗުގައި ބައްދަލުކުރާނީ ވީކޭ ސްޕޯޓްސް ކްލަބާއި މުއިވެޔޮ ފްރެންޑްސްއެވެ.

comment ކޮމެންޓް