ޑިއޭގޯ ގާސިއާ އިން ދިވެހިންނަށް ބޮޑު އިބުރަތެއް!

ޑިއޭގޯ ގާސިއާގެ ރައްޔިތަކު އެމެރިކާ ސިފައިންގެ ވަގުތީ ކޭމްޕެއްގައި ނިދާފައި --

ދެހާސް މީހުންގެ އާބާދީ އަކާ އެކު އެބައި މީހުން އުޅުނީ މިނިވަންކަންމަތީ އެވެ. ބޮޑެތި ރުއްގަހާއި ރީތި ގޮނޑުދޮށާއި ސާފު މޫދު ފަދަ ގުދުރަތީ ރީތި އެތައް ކަމެއް އެރަށަށް ލިބިގެންވެ އެވެ. އެމީހުންގެ އާބާދީއާއި އޭރުގެ ހާލަތަށް ބަލާއިރު އުމްރާނީ ގޮތުން ވެސް ރަނގަޅެވެ. ދިރިއުޅެމުން ދިޔައީ މިނިވަން ގައުމެއްގައި އަމިއްލަ ވަންތަ ކަމާއެކު އެވެ. އެ އުފާވެރި ކަމަށް ނިމުމެއް ގެނައީ މިއަދު ހައްގުތަކުގެ ވާހަކަ އެންމެ ބާރަށް ދައްކާ އިނގިރޭސީންނާއި އެމެރިކާ މީހުން 1960ގެ ފަހުކޮޅު އެރަށަށް އަރައިގަތް ފަހުންނެވެ.

އެއީ އައްޑޫ ސިޓީގެ ދެކުނުން 310 މޭލު ދުރުގައި އޮންނަ ފޯޅަވަހި ނުވަތަ ޑިއޭގޯ ގާސިއާގެ އަސްލު ރަށްވެހީން، އެމީހުންގެ އަސްލު ވަޒަނުން ބޭރު ކުރިގޮތެވެ. މިއަދު ޑިމޮކްރަސީއޭ އެންމެ ބާރަށް ބުނާ އިނގިރޭސީންނާއި އެމެރިކާ އިން ޑިއޭގޯ ގާސިއާގެ ވަޒަންވެރީން އެ ރަށުން ފަހާލައި ނިކަމެތި ކުރުވިގޮތަކީ މިއަދު މިރާއްޖެ ފަދަ ގައުމުތަކަށް އޮތް ބޮޑު އިބުރަތެކެވެ. ބައެއްގެ އަމިއްލަ ވަޒަން ކަމަށްވާ ޑިއޭގޯ ގާސިއާ އަކީ މިއަދު އެމެރިކާ އިން ބޭރުގައި، އެ ގައުމުގެ އެންމެ ބޮޑު އަސްކަރީ ބޭސް އޮންނަ ތަނެވެ.

ރީތި މޫދެއް އޮންނަ އެ ގައުމަށް އަރައި އެމެރިކާ އިން މީގެ 50 އަހަރު ކުރިން ޑިއޭގޯ ގާސިއާގެ ރަންވެހީން އެ ރަށުން ބޭލީ ވަރަށް އަނިޔާވެރި ގޮތަކަށެވެ. އެ ރަށް ހުސްކުރުމަށް އިނގިރޭސީން ފުރަތަމަ އެޅި ފިޔަވަޅަކީ އެ ރަށުގެ ރަށްވެހީންނަށް އަސާސީ ތަކެތި ނުލިބޭނެ ގޮތް ހެދުމެވެ. އެ ފިޔަވަޅާ އެކު ގިނަ ބަޔަކު ރަށް ދޫކޮށް މޮރިޝަސްއަށް ދިޔަ އެވެ. އެ ދިޔަ މީހުން އަނބުރައި އައުން އިނގިރޭސިންނާއި އެމެރިކާ މީހުން މަނާކުރި އެވެ. އޭރު އޮތީ އެމީހުންގެ ރަށަށް ބޮން އަޅައިފާނެ ކަމުގެ ބިރުވެސް ދައްކައިފަ އެވެ. ރަށުން ބާލައި އެމީހުން ގެންދިޔައީ މޮރިޝަޝްގެ ޖަލެއް ފަދަތަނަކަށެވެ. އެތައް ބަޔަކު ހިތްދަތިކަމުގައި މަރުވެގެންދިޔަ އެވެ. އަދިވެސް ގައުމަށް ނުދެވެ އެވެ.

ދިވެހީންނަށް ބޮޑު އިބުރަތެއް!

އިސްވެ މިފާހަގަ ކުރީ ކުޑަ ގައުމެއް ބަޔަކު ބިކަވެގެން ދިޔަ ގޮތުގެ ވާހަކަ އެވެ. މިއީ ދިވެހިން މިއަދު ފުންކޮށް ވިސްނަން ޖެހޭ ކަމެކެވެ. ފަހަރުގައި 1960 ގައި ބޭނުންކުރި އުކުޅު ބޭނުންކޮށްގެން މިއަދު މިގައުމު އަތު ނުވެދާނެ އެވެ. ނަމަވެސް މިއަދުވެސް އެފަދަ އެތައް ރޭވުމެއް އެވެރީން ރާވާނެ އެވެ. ރާއްޖެ މިއީ ބައެއްގެ ޓާގެޓެކެވެ. އިބްރާހިމް ނާސިރުގެ ވެރިކަމުގައި އިނގިރޭސީންގެ ރޭވުމުން ރާއްޖޭގެ ދެކުނު އަތޮޅުތަކުން ވަކިވެގަތުމަށް ކުރި މަސައްކަތް ވެސް އެކަމަށް ހެކިދެ އެެވެ. މިއަދު މިރާއްޖެއަށް ވެރިވެގަންނަން އުޅޭ ނަމަ ވަގުތީ ފައިދާއަކަށް އެކަމަށް އެހީތެރިވާނެ މީހުން އުޅޭނެކަން ޔަގީނެވެ.

މީގެ ކުރީން ދިވެހި ރާއްޖެ އަޅުވެތުވި ކޮންމެ ފަހަރަކު ވެސް އެކަމުގެ ފަހަތުގައި ދިވެހީންތަކެއް ތިބެ އެވެ. އެ ދިވެހީން އެދުވަހު އެކަން ކުރީ ވެރިކަމުގެ ދަހިވެތިކަމުގަ އެވެ. މިއަދު ރާއްޖޭގެ ސިޔާސީ މަޝްރަހަށް ބަލާއިރު ބައެއް ސިޔާސީ ލީޑަރުން ބޭރުގެ ފަރާތްތަކަށް އެ ފުރުސަތު ދޭން އުޅޭ މަންޒަރު ފެނެ އެވެ. ދިވެހި ރައްޔިތުންނަށް ރަނގަޅު ސިޔާސަތެއް ހުށަހަޅައިގެން ރައްޔިތުން ރުއްސައިގެން ވެރިކަމަށް އައުމުގެ ބަދަލުގައި ބޭރުގެ ފަރާތްތައް މެދުވެރިކޮށް ފިއްތުންތައް ފިއްތައިގެން ވެރިކަމަށް އަންނާން އުޅޭ މަންޒަރު ފެނެ އެވެ.

ސިޔާސީ ބޭނުމަށް ގައުމު އަނދަވަޅަށް!

ބޮޑެތި ޖަރީމާތައް ހިންގާ އިސްލާމިކް ސްޓޭޓް (އައިއެސް) މީހުން ރާއްޖޭގައި އުޅޭ ކަމަށް ސިޔާސީ ބޭނުމަށް ބަޔަކު އެ ބަވާހަކަ ދައްކަ އެވެ. އެއީ މިގައުމަށް އެރުމަށް ބޭރުގެ ފަރާތްތަކަށް ދެވޭ ދައުވަތެކެވެ. އިރާގަށް އެމެރިކާ ސިފައިން އެރީ އެގައުމަށް ހަމަޖެހުން ގެނައުމަށް ކަމަށް ބުނެ އެވެ. އެކަމަކު ކަންވީގޮތަކީ ކުށެއްނެތް އެތައް ބަޔަކު ކަތިލީ އެވެ.

"އެއީ ހާއިނުން. އިގްތިސާދާ ނުކުޅެ ސިޔާސީ ކަންކަން ކުރުމުގެ ގާބިލްކަން ހުންނަން ޖެހޭ. އައިއެސްގެ ވާހަކަ އެ ދައްކަނީ ސިޔާސީ ބޭނުމަށް،" އިދިކޮޅު ފަރާތްތަކުގެ ބަހަށް ރައްދު ދެއްވައި ވިޔަފާރިވެރިންގެ ޖަމިއްޔާގެ ނައިބް ރައީސް އިސްމާއިލް އާސިފް ވިދާޅުވި އެވެ.

އިދިކޮޅު އިއްތިހާދުން ކުރިއަށް ގެންދިޔަ ޖަލްސާ ނިން މާލުމަށް ފަހު ޖަލްސާގެ ބައިވެރިން މަޖީދީމަގުގަ --- ފޮޓޯ//މުހައްމަދު އަފްރާހް

އިދިކޮޅު ފަރާތްތަކުން ބުނަނީ އެމީހުން ކުރާ މަސައްކަތަކީ ގައުމުގެ މުސްތަގުބަލަށް ގައުމަށް ހަމަޖެހުން ގެނައުމަށް ކުރާ މަސައްކަތް ކަމަށެވެ. އިދިކޮޅު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވީ، މި ސަރުކާރުގެ އަގު ވެއްޓެނީ ސަރުކާރުން ކަން ކުރާގޮތުން ކަމަށެވެ. ސަބަބެއް ކަމަށް އޭނާ ފާހަގަކުރީ ސިޔާސީ މީހުން ނުހައްގުން ހައްޔަރުކުރުމާއި ހައްގުތަކަށް ހުރަސްއެޅުމެވެ. އައިއެސްގެ ވާހަކައަކީ ވެސް އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކައެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ އަމަލުތައް ވެސް ކުށްވެރި!

ރާއްޖޭގެ ބިމުން ބޭރުގެ ފަރާތްތަކަށް ޖާގަ ލިބިއްޖެ ނަމަ "ކަތުރުފަނި" އަޅާ އުސޫލުން މުޅި ގައުމަށް އަތްގަދަ ކުރުމުގެ ބާރު އެ ދެވެނީ އެވެ. ސަރުކާރުން މިވަނީ އެފުރުސަތު ދީފަ އެވެ. އެގޮތުން އެއް ބިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމަންޓެއް ރާއްޖޭގައި ކުރާ ބޭރުގެ ފަރާތްތަކަށް ރާއްޖެ އިން ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނު އަސާސީއަށް ސަރުކާރުގެ ފަރާތުން ވަނީ ބަދަލު ގެނެސްފަ އެވެ.

އިދިކޮޅު ފަރާތްތަކުން ބުނާގޮތުން އެ ބަދަލުގެ ސަބަބުން ދިވެހިރާއްޖޭގެ އިސްލާމީ ވަހުދަތަށާއި ދިވެހި ޤައުމުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤްލާލަށް އުނިކަންލިބުމުގެ ފުރުޞަތު އެބައޮތެވެ.

ނަމަވެސް އެކަމާ ގުޅޭ ގޮތުން ރައީސް އަބްދުﷲ ޔާމީން ދައްކަވަނީ ތަފާތު ވާހަކަ ފުޅެކެވެ. އެމަނިކުފާނު ވިދާޅުވީ ބިން މިލްކުކުރެވެނީ ވަޒަންވެރި ވާން ނޫން ކަމަށާއި އިގްތިސާދީ މަސައްކަތްތައް ކުރުމަށް ކަމަށެވެ.

"މިއީ ހިކި ފަސްތަނަކުން ބިން މިލްކު ކުރެވޭ ގޮތަކަށް ހަދަނީކީ ނޫން. މިއީ 70 ޕަސެންޓުގެ ބިން ކަނޑުގެ ސަރަހައްދުން ފަޅުން ހިއްކައިގެން ބިން މިލްކު ކުރެވޭ ގޮތް ހެދުން. ބިން މިލްކު ކުރެވޭނީ މަދު ކަންތައްތަކަކަށް. މިއީ ހއ. އިން ފެށިގެން އައްޑުއާ ހިސާބަށް ހުރި ތަންނަށް ބިން މިލްކު ކުރޭ ގޮތަށް ކުރާ ކަމެއް ނޫން. މިއީ އަޅުގަނޑުމެން ކަނޑައަޅާ މަދު ސަރަހައްދުތަކުން ބޮޑެތި ޕްރޮޖެކްޓް ހިންގަން ދޫކުރާ ބިންތަކެއް." ރައީސް ޔާމީން ވިދާޅުވި އެވެ.

ހެކިތައް ބައިވަރު އަވަސް ފިޔަވަޅު ބޭނުން!

ރާއްޖެއަށް ހެޔޮއެދޭ ކަމަށް ބުނެ މިނިވަން ކަމަށް ގޮވާލާ ގައުމުތަކުގެ ހާލަތަށް ބަލާއިރު އެއީ އިއްޔެ ގައުމުތައް އަޅުވެތި ކުރި ގައުމުތަކެވެ. މިއަދު ސިޔާސީ ހިމާޔަތް ހޯދަން މިދަނީ އެމީހުންގެ ގާތަށެވެ. ހަމައެހެންމެ ބޭރުގެ ފަރާތްތަކަށް ބިން ލިބޭގޮތަށް އެވަނީ ފާސްކޮށްފަ އެވެ. އެހެން ކަމުން މިގައުމުގައި އުފެދިފައިވާ ސިޔާސީ ހަމަނުޖެހުންތަކާ އެކު ބޭރުގެ ފަރާތްތަކަށް މިގައުމަށް އަތްގަދަ ކުރުމަށް މިއޮތީ ފުރުސަތެއް ލިބިފަ އެވެ. ޑިއޭގޯ ގާސިއާގެ ތަޖުރިބާއިން އިބްރަތް ހާސިލް ކުރަންޖެހެ އެވެ.

comment ކޮމެންޓް