ފަހު ވަގުތު ޔޫވީ އަތުން ބަލިވެ، ޓީސީން ތިން ވަނާގައި އޮވެ ދެ ވަނަ ބުރު ނިންމާލައިފި

އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ބުރުގައި ޔުނައިޓެޑް ވިކްޓަރީ އާއި ޓީސީ ސްޕޯޓްސް ކްލަބު ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު 1-0 ލަނޑުން ކާމިޔާބުކުރީ ޔުނައިޓެޑް ވިކްޓަރީ --- ސަން ފޮޓޯ/ ފަޔާޒް މޫސާ

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ފަހު ވަގުތު ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަތުން ބަލިވެ، ޓީސީ ސްޕޯޓްސް ކްލަބުން ތިން ވަނާގައި އޮވެ ދެވަނަ ބުރު ނިންމާލައިފި އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ޓީސީގެ މައްޗަށް ޔޫވީން ކުރި ހޯދާފައި ވަނީ 1-0 ލަނޑުގެ ނަތީޖާއަކުންނެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ބުރުގައި ޔުނައިޓެޑް ވިކްޓަރީ އާއި ޓީސީ ސްޕޯޓްސް ކްލަބު ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު 1-0 ލަނޑުން ކާމިޔާބުކުރީ ޔުނައިޓެޑް ވިކްޓަރީ --- ސަން ފޮޓޯ/ ފަޔާޒް މޫސާ

އެ ނަތީޖާއާ އެކު ކުޅުނު 14 މެޗުން ލިބުނު 24 ޕޮއިންޓާއެކު ލީގުގެ ދެ ވަނައިގައި އޮވެ ޓީސީން ދެ ވަނަ ބުރު ނިންމާލި އިރު، މެޗުން މޮޅުވި ޔޫވީން ދެ ވަނަ ބުރު ނިންމާލީ ކުޅުނު 14 މެޗުން ލިބުނު 18 ޕޮއިންޓާއެކު ލީގުގެ ފަސް ވަނައިގައެވެ. ލީގުގެ އެއް ވަނާގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް 13 މެޗުން 28 ޕޮއިންޓް ލިބިފައިވާ އިރު، ދެ ވަނާގައި އޮތް ކްލަބު އީގަލްސް އަށް 13 މެޗުން ލިބިފައިވަނީ 27 ޕޮއިންޓެވެ.

މެޗުގެ 15 ވަނަ މިނެޓުގައި ޓީސީ އަށް ލަނޑު ޖަހާނެ ރަނގަޅު ދެ ފުރުސަތެއް ލިބިގެންދިޔަ އެވެ. އަލީ ފާސިރު (ސެންޓޭ) އަށް ލިބުނު ބޯޅައިން ޔޫވީގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެފައި އުފެއްދި ހަމަލާ، ކީޕަރު މަހްމޫދު އަލް ޔޫސުފް ވަނީ މަތަކޮށްފަ އެވެ. އޭގެ މާ ގިނައިރުތަކެއް ނުވަނީސް އަހްމަދު އަބްދުﷲ (ލިލީ) ނަގައިދިން ހުރަހަކުން އަލީ ނާފިއު ބޮލުން އުފެއްދި ހަމަލާ ވެސް ކީޕަރު މަހްމޫދު ވަނީ މަތަކޮށްފަ އެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ބުރުގައި ޔުނައިޓެޑް ވިކްޓަރީ އާއި ޓީސީ ސްޕޯޓްސް ކްލަބު ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު 1-0 ލަނޑުން ކާމިޔާބުކުރީ ޔުނައިޓެޑް ވިކްޓަރީ --- ސަން ފޮޓޯ/ ފަޔާޒް މޫސާ

މެޗުގެ 17 ވަނަ މިނެޓުގައި ޔޫވީ އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. އަލީ ހައިސަމް ދިން ބޯޅައެއް ހިފައިގެން ޓީސީގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަނުމަށްފަހު ހުސައިން ސިމާޒް (ކޮކީ) އުފެއްދި ހަމަލާ، އުނދަގުލަކާ ނުލައި ކީޕަރު މުހައްމަދު އިމްރާން ވަނީ މަތަކޮށްފަ އެވެ.

މެޗުގެ 28 ވަނަ މިނެޓުގައި ޓީސީއަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ހިލޭ ޖެހުމަކުން ޓީސީގެ ސެންޓޭ ނަގައިދިން ހުރަހަކުން ޔޫވީގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެފައި ޝަމްވީލް ގާސިމް (ބޮންޑާ) އުފެއްދި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެ އެވެ.

މެޗުގެ 37 ވަނަ މިނެޓުގައި ޓީސީ އަށް ލަނޑު ޖަހާނެ އިތުރު ފުރުސަތެއް ލިބިގެންދިޔަ އެވެ. ބޮންޑާ ނަގައިދިން ހުރަހަކުން ޔޫވީގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުސްކޮށް ހުރެ ނާފިއު ބޮލުން އުފެއްދި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ބުރުގައި ޔުނައިޓެޑް ވިކްޓަރީ އާއި ޓީސީ ސްޕޯޓްސް ކްލަބު ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު 1-0 ލަނޑުން ކާމިޔާބުކުރީ ޔުނައިޓެޑް ވިކްޓަރީ --- ސަން ފޮޓޯ/ ފަޔާޒް މޫސާ

މެޗުގެ ދެވަނަ ހާފު ފެށިތާ ތިން މިނެޓް ފަހުން ޓީސީއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ލިލީ ދިން ބޯޅައަކުން ޔޫވީގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުސްކޮށް ހުރެފައި އުފެއްދި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެ އެވެ.

މެޗުގެ 57 ވަނަ މިނެޓުގައި ޓީސީގެ ނުރައްކާތެރި ހަމަލާއެއް ފެނިގެންދިޔަ އެވެ. ބޮންޑާ އަށް ލިބުނު ބޯޅައިން ޔޫވީގެ ޕެނަލްޓީ އޭރިޔާ ބޭރުގައި ހުރެފައި އޭނާ އުފެއްދި ބާރު ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

މެޗުގެ 61 ވަނަ މިނެޓުގައި ވެސް ޓީސީ އަށް ލަނޑު ޖަހާނެ ވަރަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ލިލީ ދިން ބޯޅައަކުން ޔޫވީގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުސްކޮށް ހުރެ ސެންޓޭ އުފެއްދި ބާރު ހަމަލާ، ކީޕަރު މަހްމޫދު ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފަ އެވެ.

އޭގެ އަށް މިނެޓްފަހުން ޓީސީގެ ހަސަން ނާއިޒް (ދާދު) އަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ހިލޭ ޖެހުމަކުން ޔާމީން އިބްރާހިމް (ޔާމްބެ) ނަގައިދިން ހުރަހުން ޔޫވީގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެފައި ދާދު އުފެއްދި ހަމަލާ، ކީޕަރު މަހްމޫދު ވަނީ މަތަކޮށްފަ އެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ބުރުގައި ޔުނައިޓެޑް ވިކްޓަރީ އާއި ޓީސީ ސްޕޯޓްސް ކްލަބު ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު 1-0 ލަނޑުން ކާމިޔާބުކުރީ ޔުނައިޓެޑް ވިކްޓަރީ --- ސަން ފޮޓޯ/ ފަޔާޒް މޫސާ

މެޗުގެ ނިމެން އަށް މިނެޓަށް ވެފައި ވަނިކޮށް، ޓީސީގެ ޕެނަލްޓީ އޭރިޔާ ތެރެއިން އަހުސަން ނައީމަށް ކުރި ފައުލަކާ ގުޅިގެން ޑިފެންޑަރު ކުދުސް ކެލާނީ އަށް ރަތް ކާޑެއް ދައްކައި، ޔޫވީ އަށް ޕެނަލްޓީއެއް ލިބިގެންދިޔަ އެވެ. ޔޫވީ އަށް ލިބުނު ޕެނަލްޓީން އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ރަފައެލް ބެތިމް މާޓް އުފެއްދި ހަމަލާ، ހުޝިޔާރުކަމާއެކު ކީޕަރު އިމްރާން ވަނީ މަތަކޮށްފަ އެވެ.

މެޗުގެ 87 ވަނަ މިނެޓުގައި އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެމުންދިޔަ ޓީސީ އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ސެންޓޭ ދިން ބޯޅައަކުން ޔޫވީގެ ޕެނަލްޓީ އޭރިޔާ ތެރެއިން ނާފިއު އުފެއްދި ހަމަލާ އަމާޒުވީ ކީޕަރު މަހްމޫދުއާ ދިމާލަށެވެ.

މެޗުގެ އެންމެ ފަހު މިނެޓުގައި ޔޫވީން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފަ އެވެ. ޔޫވީ އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ކެޕްޓަން ސިމާޒް ހުސައިން (ކޮކީ) އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ޓީސީގެ ޕެނަލްޓީ އޭރިޔާ ތެރެއިން އުފެއްދި ހަމަލާއަކުންނެވެ.

ލީގުގައި މިރޭ ކުޅުމަށް ހަމަޖެހިފައި ވަނީ ދެ ވަނަ ބުރުގެ ފަހު މެޗެވެ. މިރޭ 9:00ގައި ކުޅޭ އެ މެޗުގައި ބައްދަލުކުރާނީ ތާވަލުގެ އެއް ވަނައިގައި އޮތް މާޒިޔާ އާއި ދެ ވަނާގައި އޮތް އީގަލްސް އެވެ. އެ މެޗަށްފަހު ދެ ވަނަ ބުރުގެ އެއް ވަނަ އަދި ދެ ވަނަ ޓީމު ކަށަވަރުވާނެ އެވެ.

comment ކޮމެންޓް