ކޮސްޓާއަށް މީހުން ފާޑުކިޔަންވީ ސަބަބެއް ނުވިސްނޭ: ކޮންޓޭ

އިނގިރޭސި ޕްރިމިއާ ލީގުގައި ވެޓްފޯޑް ކޮޅަށް ލަނޑު ޖެހުމަށްފަހު، ޗެލްސީގެ ކުޅުންތެރިންނާއެކު ކޮސްޓާ(ކ) އުފާފާޅުކުރަނީ: ކޮސްޓާ އަށް ފާޑު ކިޔުންތައް އަމާޒުވިޔސް، އޭނާ އަށް މެޗަށް އިސްކަން ދޭން ޖެހޭ ކަމަށް ޗެލްސީގެ ކޯޗު ބުނޭ --- ފޮޓޯ: އޭޕީ

ޗެލްސީގެ ފޯވަޑް ޑިއޭގޯ ކޮސްޓާއަށް ބައެއް މީހުން ފާޑުކިޔަންވީ ސަބަބެއް ނުވިސްނޭ ކަމަށް އެ ކްލަބުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފިއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ ކުޅުނު ދެ މެޗުގައި ވެސް ކޮސްޓާގެ ފަރާތުން ފެނުނު ބައެއް ކަންތައްތަކުގެ ސަބަބުން ބައެއް ޓީމުތަކުންނާއި ކުޅުންތެރިންގެ ފަރާތުން އޭނާ އަށް ފާޑުކިޔައި، އެ ދެ މެޗުގައި ވެސް އޭނާއަށް ރަތް ކާޑު ދައްކަން ޖެހޭނެ ކަމަށް ބުނަމުންދިޔައެވެ.

"ބައެއް ކުޅުންތެރިން ނުވަތަ ކޯޗުން ނޫނީ މީޑިއާގެ މީހުން އޭނާއާ މެދު ގޯސްކޮށް ދެކެނީ ކީއްވެ ކަމެއް އަހަރެންނަކަށް ނޭނގޭ. އެގޮތަށް ކަންތައް ވިޔަސް ކޮސްޓާ އަށް މެޗަށް އިސްކަމެއް ދޭން ޖެހޭ. އެއީ އަހަރެން ބޭނުންވާ ގޮތަކީ. އޭނާއަކީ މުހިންމު ކުޅުންތެރިއެއް. އޭނާ އަކީ ގިނަ ގޯލުތަކެއް ޖެހޭނެ ފަދަ ކުޅުންތެރިއެއް،" ޗެލްސީގެ ކޯޗު ކޮންޓޭ ބުންޏެވެ.

ކޮންޓޭ ބުނީ، މެޗު ނޫން އެހެން ކަމަކާ މެދު ކޮސްޓާ ނުވިސްނުމަށް އެދޭ ކަމަށާއި އެހެން ނޫންނަމަ އެއީ ޗެލްސީއަށް ނުވަތަ ސަޕޯޓަރުންނަށް ވެސް ރަނގަޅު ކަމަކަށް ނުވާނެ ކަމަށެވެ. އަދި އިނގިރޭސި ލީގަށް ވެސް އެފަދަ ކަންތައްތަކަކީ އެހާ ރަނގަޅު ކަމެއް ނޫން ކަމަށް ވެސް ޗެލްސީގެ ކޯޗު ބުންޏެވެ.

ޕްރިމިއާ ލީގުގައި މިހާތަނަށް ޗެލްސީ ކުޅުނު ދެ މެޗުން ވެސް ވަނީ މޮޅުވެފައެވެ. އެ ދެ މެޗުން ވެސް ޗެލްސީ މޮޅުވެފައިވަނީ މެޗު ނިމެން ކުޑަތަންވެފައި ވަނިކޮށެވެ.

comment ކޮމެންޓް