މި އަހަރަކީ ބޭލްއަށް މުހިންމު އަހަރެއް: ޒިދާން

ސްޕެނިޝް ލަލީގާގައި ރެއާލް ސޮސިއެޑާޑްގެ އިނިގޯ މާޓިނޭޒް ކައިރިން ނައްޓާލުމަށް ރެއާލް މެޑްރިޑްގެ ގެރެތު ބޭލް މަސައްކަތްކުރަނީ: އެ މެޗުގައި 3-0 ލަނޑުން މެޑްރިޑް މޮޅުވި އިރު، ބޭލްގެ ފަރާތުން ދެ ލަނޑު ފެނިގެންދިޔަ --- ފޮޓޯ: އޭޕީ

މި އަހަރަކީ ވޭލްސް ތަރި ގެރެތު ބޭލް އަށް މުހިންމު އަހަރެއް ކަމަށް ރެއާލް މެޑްރިޑްގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފިއެވެ.

މި އަހަރު ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވޭލްސް ގައުމީ ޓީމަށް ބޭލް ރަނގަޅު ކުޅުމެއް ދެއްކި އިރު، އޭނާ ވަނީ މެޑްރިޑަށް ވެސް ރަނގަޅު ކުޅުމެއް ދައްކައިފައެވެ. ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑް ކުޅުނު ފުރަތަމަ މެޗުގައި 3-0 ލަނޑުން ރެއާލް ސޮސިއޭޑާޑް އަތުން ރޭ މޮޅުވި އިރު، ބޭލްގެ ފަރާތުން އެ މެޗުގައި ދެ ލަނޑު ފެނިގެންދިޔައެވެ.

"އަހަރެން އޭނާއާ މެދު ވަރަށް އުފާކުރަން. އޭނާއަށް ފިޒިކަލީ ގޮތުން ރަނގަޅު ކުރަން ޖެހޭ ކަންތައްތައް އެބަހުރި. އެކަމަކު އެކަމެއް މެޗުގައި ފެނިގެން ގޮސްފައެއް ނުވޭ. މިއީ ބޭލް އަށް މުހިންމު އަހަރެއް. އެކަން އޭނާ ދައްކުވައިދީފި،" މެޗަށްފަހު ނޫސްވެރިންނަށް މައުލޫމާތުދެމުން ޒިދާން ބުންޏެވެ.

ޒިދާން ބުނީ، ސޮސިއެޑާޑްއާ ދެކޮޅަށް ކުޅުނު މެޗުގައި މެޑްރިޑަށް ރަނގަޅު ފެށުމެއް ލިބުނު ކަމަށާއި މެޗު ފެށިގެން މާގިނައިރުތަކެއް ނުވަނީސް ލަނޑެއް ޖެހުމުން ފަސޭހަތަކެއް ލިބުނު ކަމަށެވެ.

ލަލީގާގައި ވާދަވެރި ބާސެލޯނާ ވެސް ވަނީ އެ ޓީމު ކުޅުނު ފުރަތަމަ މެޗުން މޮޅުވެފައެވެ. އުރުގުއޭ ތަރި ލުއިސް ސުއަރޭޒްގެ ހެޓްރިކަކާއެކު ރެއާލް ބެޓިސް އަތުން ބާސާ ވަނީ މޮޅުވެފައެވެ.

comment ކޮމެންޓް