ވޯޓާ ސްޕޯޓްސް ކޯހުގައި ބައިވެރިވާ 14 ދަރިވަރަކު ސަންއައިލެންޑަށް ފުރައިފި

ދަސްވާރު ޕްރޮގްރާމްގެ ވޯޓާ ސްޕޯޓްސް ކޯހުގައި ބައިވެރިވާ ދަރިވަރުންތަކެއް: 14 ދަރިވަރަކު ވަނީ މިއަދު އެ ކޯހުގައި ބައިވެރިވުމަށް ސަން އައިލެންޑަށް ފުރާފައި --- ފޮޓޯ/ އެޑިއުކޭޝަން މިނިސްޓްރީ

ދަސްވާރު ޕްރޮގްރާމްގެ ދަށުން ވިލާ ކޮލެޖާ ގުޅިގެން ކުރިއަށް ގެންދާ ވޯޓާ ސްޕޯޓްސް ކޯހުގައިބައިވެރިވާ 14 ދަރިވަރަކު މިއަދު ސަން އައިލެންޑް ރިސޯޓަށް ފުރައިފިއެވެ.

ދެބުރަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ ކޯހުގައި ބައިވެރިވުމަށް މިއަދު ފުރާފައިވަނީ އެ ކޯހުގައި ބައިވެރިވާ 30 ދަރިވަރުންގެ ތެރެއިން 14 ދަރިވަރުންނެވެ. އެ ދަރިވަރުން ވިލާ ކޮލެޖުން ކުރިއަށްގެންދާ 'އެކުއަޓިކް ރެކްރިއޭޝަން' ކޯސް ފުރިހަމަ ކުރުމަށްޓަކައި ދެ މަސްދުވަހު އެ ރިސޯޓުގައި މަޑުކުރާނެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ މިނިސްޓްރީގެ އަމާޒަކީ ދަރިވަރުން ދަސްކުރާހިތްވާ އަދި ވަޒީފާގެ ބާޒާރުގައި ވަޒީފާ ލިބެންހުރި ދާއިރާތައް ދަރިވަރުންނަށް ތަޢާރަފްކޮށްދިނުން ކަމަށެވެ. އަދި ވޯޓާ ސްޕޯޓްސް ކޯސް މިއަހަރު ވިލާ ކޮލެޖާ ގުޅިގެން ފެށީ ދަރިވަރުން އެ ދާއިރާއިން މަސައްކަތް ދަސްކުރަން ޝައުޤުވެރިކަން ފާޅުކޮށްފައިވާތީ އެކަން ފުރިހަމަކޮށްދިނުމަށްޓަކައި ކަމަށެވެ.

އެ މިނިސްޓްރީން ބުނީ ވޭތުވެދިޔަ ދެއަހަރު ދުވަހުގެ ތެރޭގައި 557 ދަރިވަރުން މިހާތަނަށް ލެވެލް 3 ގެ ސަނަދު ހާސިލްކޮށްފައިވާ ކަމަށާއި މިއަހަރު މުޅި ރާއްޖެއިން 168 ސްކޫލަކުން 1480 ދަރިވަރުން މިޕްރޮގްރާމްގައި ބައިވެރިވެފައިވާ ކަމަށެވެ.

ދަސްވާރު ޕްރޮގްރާމަށް ވޯޓާ ސްޕޯޓްސް ތައާރަފްކޮށް އެ ދާއިރާއިން ދަރިވަރުން ތަމްރީން ކުރުމަށް ވިލާ ކޮލެޖާ އެކު އެޑިއުކޭޝަން މިނިސްޓްރީން ސޮއިކޮށްފައިވަނީ މިމަހުގެ 15 ވަނަ ދުވަހުގައެވެ.

ދަސްވާރު ޕްރޮގްރާމަކީ 2014 ވަނަ އަހަރުން ފެށިގެން ގްރޭޑް 10 ގައި ތައުލީމް ހާސިލްކުރަމުންދާ ދަރިވަރުންގެ ތެރެއިން މަސައްކަތާއި ހުނަރު ދަސްކުރަން ބޭނުންވާ ދަރިވަރުންނަށް އަމާޒުކުރެވިގެން އެޑިއުކޭޝަން މިނިސްޓްރީއާއި ޓިވެޓް އޮތޯރިޓީއާ ގުޅިގެން ކުރިއަށްގެދާ ޕްރޮގްރާމެކެވެ.

comment ކޮމެންޓް