ވިލާ ކޮލެޖުގެ ގާސިމް އިބްރާހިމް ކެމްޕަސް (ކިއުއައި) ކެމްޕަހުގައި ވިލާ ކޮލެޖާއި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލްގެ ދަރިވަރުންނާއި މުވައްޒަފުންނަށް ބޭނުންކުރެވޭނެ ގޮތަށް ޖިމެއް ހުޅުވައިފިއެވެ.
މި ޖިމް އިއްޔެ ރަސްމީކޮށް ހުޅުވައިދެއްވީ ކޮމިޝަނާ އޮފް ސްޕޯޓް މުޙައްމަދު ތޮލާލެވެ. ތޮލާލްގެ ވާހަކަފުޅުގައި ހުރިހާ އުމުރެއްގައި ވެސް ކަސްރަތުކޮށް ދުޅަހެޔޮކޮށް ތިބުމަކީ މުހިންމު ކަމެއްކަމަށް ފާހަގަކުރެއްވިއެވެ.
ނަމަވެސް މިއަދުގެ ދުނިޔޭގައި ސިއްހަތަށް އިސްކަންދިނުމަކީ ވަގުތު ނެތުމުގެ ސަބަބުން އުނދަގޫ ކަމަކަށް ވެފައިވާކަމަށް ވިދާޅުވިއެވެ.
އެއާއެކު ކެމްޕަހުގެ ތެރޭގައި ފިޓްނަސް ސެންޓަރެއް އޮތުމަކީ ދަރިވަރުންނާއި މުވައްޒަފުންނަށް ލިބުނު ވަރަށް ބޮޑު ނަސީބެއްކަމަށް ތޮލާލް ވިދާޅުވިއެވެ.
މި ޖިމް ހުޅުވުމުގެ ބޭނުމަކީ ދަރިވަރުންނާއި މުވައްޒަފުންގެ މެދުގައި ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއެޅުމާއި މުވައްޒަފުންނާއި ދަރިވަރުންނަށް ދެމުންދާ ޚިދުމަތްތައް އިތުރަށް ފުޅާ ކުރުންކަމަށް އެ ކޮލެޖުން ބުނެއެވެ.
މި ޖިމް ތައާރަފްކުރުމަކީ ވިލާ ކޮލެޖުގެ ދަރިވަރުންނާއި މުވައްޒަފުންގެ މެދުގައި ދުޅަހެޔޮ ދިރިއުޅުމެއް އާލާކުރުމަށް ދެއްވާ އިސްކަން ހާމަވާ ކަމެއް ކަމަށް ވެސް ވިލާ ކޮލެޖުން ބުންޏެވެ.
މި ޖިމް ހުޅުވައިފައި ހުންނާނީ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހު ފަތިހު 05:00 އިން ރޭގަނޑު 11:00 އަށެވެ. ހުކުރު ދުވަހު ޖިމް ހުޅުވުމަށް ހަަމަޖެހިފައިވަނީ ފަތިހު 05:00 އިން 10:00 އަށް، އަދި ހަވީރު 04:00 އިން ރޭގަނޑު 11:00 އަށް ކަމަށް ވިލާ ކޮލެޖުން ބުންޏެވެ.