ބޭލްގެ ދެ ލަނޑާއެކު ސޮސިއެޑާޑް ބަލިކޮށް، މެޑްރިޑުން ފެށުން ރަނގަޅުކޮށްފި

ރެއާލް މެޑްރިޑަށް ބޭލް ކާމިޔާބުކޮށްދިން ލަނޑަކަށްފަހު، އެ ޓީމުގެ ކުޅުންތެރިންނާއެކު އުފާފާޅުކުރަނީ: ރެއާލް ސޮސިއެޑާޑްއާ ދެކޮޅަށް ކުޅުނު މެޗުން ރެއާލް މޮޅުވެފައިވަނީ 3-0 ލަނޑުން --- ފޮޓޯ: ގެޓީ

ސްޕެނިޝް ލަލީގާގައި ވޭލްސް ތަރި ގެރެތު ބޭލް ކާމިޔާބުކުރި ދެ ލަނޑާއެކު ރެއާލް ސޮސިއެޑާޑް އަތުން މޮޅުވެ، ރެއާލް މެޑްރިޑުން ފެށުން ރަނގަޅުކޮށްފިއެވެ.

ރަށުން ބޭރުގައި ސޮސިއެޑާޑްއާ ދެކޮޅަށް ރޭ ކުޅުނު މެޗުން މެޑްރިޑް މޮޅުވެފައިވަނީ ފަސޭހަކަމާއެކު 4-0 ލަނޑުންނެވެ.

އެ މެޗުގައި ގިނަ ވަގުތު ބޯޅަ ހިފައިހައްޓައިގެން ރަނގަޅަށް ކުޅެމުންދިޔައީ މެޑްރިޑުންނެވެ. ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ނުލައި، ކުޅުނު އެ މެޗުގެ ދެވަނަ މިނެޓުގައި މެޑްރިޑުން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ޑެނިއެލް ކާވޭހަލް ނަގައިދިން ހުރަހަކުން މެޑްރިޑަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ބޭލް އެވެ.

މެޗުގެ ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް މެޑްރިޑުން ވަނީ އިތުރު ލަނޑެއް ޖަހައި، ލީޑު ފުޅާކޮށްފައެވެ. ރަފައެލް ވަރާން ދިން ބޯޅައަކުން މެޑްރިޑަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ސްޕެއިން މިޑްފީޑަރު މާކޯ އަސެނިއޯ އެވެ. އެއީ ލަލީގާގައި މެޑްރިޑަށް އޭނާ ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.

މެޗުގައި މެޑްރިޑުން ކާމިޔާބުކުރި ފަހު ލަނޑު ފެނިގެންދިޔައީ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެ ވަނަ ހާފުގައި ފެނިގެންދިޔަ ހަމޭސް ރޮޑްރިގޭޒް ދިން ބޯޅައަކުން މެޑްރިޑަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ފުރަތަމަ ލަނޑު ވެސް ޖަހައިދިން ބޭލް އެވެ.

ލަލީގާގައި ރޭ އަމިއްލަ ދަނޑުގައި ކުޅެމުންދިޔަ ސްޕޯޓިން ޖިޔޯން ވަނީ އެތުލެޓިކް ކްލަބު އަތުން 2-1 ލަނޑުން މޮޅުވެފައެވެ. އެ މެޗުގެ 50 ވަނަ މިނެޓުގައި ޖިޔޯންގެ ޑޫޖް ކޮޕް ލީޑު ހޯދައިދިން އިރު، އޭގެ ތިން މިނެޓް ފަހުން ވިކްޓާ ރޮޑްރިގޭޒް ވަނީ އެ ޓީމަށް ލީޑު ފުޅާކޮށްދީފައެވެ. އެތުލެޓިކް ކްލަބުން މެޗުގައި ޖެހި ހަމައެކަނި ލަނޑު މެޗު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް އެ ޓީމަށް ކާމިޔާބުކޮށްދިނީ ވިގޭރާ އެވެ.

comment ކޮމެންޓް