އަލް ޖަޒީރާގެ ރިޕޯޓަކީ ނަޝީދު އަޑީގައި ހުންނަވައިގެން ކުރައްވާ ކަމެއް: ނިހާން

ނިހާން: ނަޝީދަށް ފާޑުވިދާޅުވި-- ސަން ފައިލް ފޮޓޯ

މިހާރުގެ ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަންގެ އަމަލުތަކާ ބެހޭ ގޮތުން ބޭރުގެ މަޝްހޫރު އަލްޖަޒީރާ ނޫހުން ތަހުގީގެއް ރިޕޯޓެއް ތައްޔާރުކުރަމުން ދަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަޑީގައި ހުންނަވައިގެން ކަމަށް ޕީޕީއެމް ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ތުހުމަތު ކުރައްވައިފި އެވެ.

"ސްޓީލިން ޕެރެޑައިސް" ނަމުގައި މި މަހު ފަހުކޮޅު އަލްޖަޒީރާ އިން ނެރެން ނިންމާފައިވާ ކަމަށް ސޯޝަލް މީޑިއާގައި ދައުރުވާ ލިޔުންތަކުގައި ބުނާ ގޮތުން ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖޭގައި ހިންގާފައިވާ ބޮޑެތި ޖަރީމާތަކުގެ މައުލޫމާތު އެރިޕޯޓުގައި ހިމެނޭނެ އެވެ.

މުލިއާގޭގައި މިއަދު ބޭއްވި ޕީޖީ ގުރޫޕުގެ ބައްދަލުވުމަށްފަހު އެ ރިޕޯޓާ ގުޅިގެން ނޫސްވެރިން ނިހާނާ ސުވާލުކުރެއްވުމުން ވިދާޅުވީ ބޭރުގެ ރިޕޯޓަރަކު މެދުވެރިވެގެން ދިވެހި ސަރުކާރުގެ ވެރިންނާއި އިދިކޮޅު ފަރާތްތަކާ ގުޅުން ހުރި ބައިވަރު ރިޕޯޓުތައް ނެރިފައިވާ ކަމަށެވެ. ނަމަވެސް އެއިން އެއްވެސް ރިޕޯޓަކީ ސައްހަ ރިޕޯޓެއްކަން ކަށަވަރު ނުވާ ކަމަށް ނިހާން ވަނީ ވިދާޅުވެފަ އެވެ. އެފަދަ ރިޕޯޓުތައް ހުންނަނީ ހީއެއްގެ މައްޗަށް ކަމަށް ނިހާން ވަނީ ތުހުމަތު ކުރައްވާފަ އެވެ.

"800 މިލިއަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރިކަމަށް ބަޔާންކޮށް ކްރޯންޓަން އާ އަދިވެސް ކޮންމެސް ބަޔަކާ ކުރީގެ އެމްޑީޕީ ސަރުކާރާ މަސައްކަތްތަކެއް ކޮށްގެން ނެރުނު ރިޕޯޓެއް. އެ ރިޕޯޓުވެސް އެންމެ ފަހުން ބޭރުގެ ރަސްމީ ނޫހެއްގައި ވެސް ޖަހާލަން ނުކެރި ބަޔަކަށް ފައިސާ ދީގެން ނޫހެއްގައި ޖަހާފަ އޮތީ. އެއީ އަޅުގަނޑުމެން ކަންބޮޑުވާ ކަމެއް ނޫން،" ނިހާން ވިދާޅުވި އެވެ.

އަދި ވިދާޅުވީ އެ ރިޕޯޓަކީ ފަތުރުވެރިންގެ ގޮތުގައި ރާއްޖެ އައިސް ނޫސްވެރިކަން ކުރަން އުޅުނު ދެ މީހުން ލައްވާ ތައްޔާރުކުރާ ރިޕޯޓެއް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެ މީހުންނާ ކުރީގެ ރައީސް މުހައްމަދު ނަޝީދާ ގާތް ގުޅުންތަކެއް އޮތް ކަމަށް ވެސް ނިހާން ވަނީ ތުހުމަތު ކުރައްވާފަ އެވެ.

"ތިޔަ ނެރުއްވާ ކަމަށް ވިދާޅުވާ ރިޕޯޓަކީ މިތަނުގައި ހުއްދައާ ނުލައި ނޫސްވެރިކަން ކުރަން އުޅުނިކޮށް ފޮނުވާލި ދެ ނޫސްވެރިޔަކު ލޯންޗުކުރުމުގައި ބައިވެރިވާ ކަމަށް އަޅުގަނޑަށް ހަަބަރުލިބިފައި މި އޮތީ. އަދި އެކަމުގައި އެންމެ ބޮޑަށް ބައިވެރިވެ އެކަން ތަންފީޒު ކުރައްވަމުން މި ގެންދަވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިނގިރޭސި ވިލާތުގައި ހުންނަވައިގެން،" ނިހާން ވިދާޅުވި އެވެ.

ނިހާން ނަޝީދުގެ މައްޗަށް ކުރެއްވި ތުހުމަތުތަކާ ގުޅިގެން ނަޝީދުގެ ބަހެއް ހޯދުމަށް ކުރިމ މަސައްކަތް އަދި ވަނީ ކާމިޔާބުވާ ގޮތް ނުވެފަ އެވެ.

ސަރުކާރުން ނުވަތަ ރައީސް ޔާމީންގެ ވެރިކަމުން ވައްކަމެއް ކޮށްފައިވާކަމުގެ ހެކިތަކެއް ހުރިނަމަ ކޯޓަށް ވަޑައިގަތުމަށް ނިހާން ވަނީ އިލްތިމާސް ކުރައްވާފަ އެވެ.

އަލްޖަޒީރާއިން އާންމުކުރުމަށް ނިންމާފައިވާ ރިޕޯޓާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ރައީސް ޔާމީންގެ މައްޗަށް ސާބިތު ނުހިފޭ ދޮގު ހަބަރެއް އަލް ޖަޒީރާއިން ފަތުރައިފިނަމަ އަބުރުގެ ދައުވާ ކުރާނެ ކަމަށެވެ.

އެ ރިޕޯޓާ ގުޅިގެން ރައީސް އޮފީހުން ވިދާޅުވީ އެފަދަ ރިޕޯޓެއް އެ ޓީވީ އިން ހެދިކަން ނޭނގޭ ކަމަށާއި އެ ރިޕޯޓަށް ރައީސް އޮފީހުގެ ކޮމެންޓެއް ހޯދަން އެދިފައި ވެސް ނުވާ ކަމަށެވެ.

"އެބޭފުޅުން އިންޓަވިއުއެއް ހޯދަން މަސައްކަތްކޮށްފައެއް ނެތް،" ރައީސް އޮފީހުގެ އޮފިޝަލަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަލްޖަޒީރާގެ ނޫސްވެރިން ރާއްޖެ އައިކަމުގެ މައުލޫމާތު ލިބުނު ކަމަށާއި އެނޫސްވެރިން ބޭނުންވެގެން ބައެއް ކަންކަން ރައީސް އޮފީހުން ކޮށްދެއްވި ކަމަށެވެ. ނަމަވެސް އެފަދަ ރިޕޯޓެއްގެ މައުލޫމާތު ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް