ރާއްޖެއާއި ޔޫއޭއީއިން މައިނަރ އިންޓަނޭޝަނަލަށް 13.4 މިލިޔަން ޑޮލަރުގެ ފައިދާ

އަނަންތާރާ ދިގު ރިސޯޓުގެ މަންޒަރެއް -- ފޮޓޯ/ އަކުއާ މޯލްޑިވްސް

ރާއްޖޭގައި ތިން ބްރޭންޑެއްގެ ރިސޯޓު ހިންގަމުން އަންނަ ތައިލެންޑުގެ މައިނަރ އިންޓަނޭޝަނަލަށް، މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ރާއްޖެއާއި ޔޫއޭއީއިން 13.4 މިލިޔަން ޑޮލަރުގެ ފައިދާއެއް ލިބިއްޖެއެވެ.

މައިނަރ އިންޓަނޭޝާނަލުން ރާއްޖޭގައި ޖޮއިންޓް ވެންޗަރ މޮޑެލްއަށް ފަސް ރިސޯޓެއް ހިންގާ އިރު، އެ ކުންފުނިން ސީދާ ގޮތެއްގައި ރާއްޖޭގެ އެއް ރިސޯޓު ހިންގައެވެ. އެ ރިސޯޓުން ރާއްޖޭގައި ހިންގާ ހަ ރިސޯޓަކީ އަނަންތާރާ ވެލި މޯލްޑިވްސް، އަނަންތާރާ ދިގު މޯލްޑިވްސް، އަނަންތާރާ ކިހަވަށް ވިލާޒް، ނަލަދޫ މޯލްޑޮވްސް، ޕާ އަކުއަމް ނިޔާމަ މޯލްޑިވްސް އަދި މާ އަކުއަމް ހުވަފެންފުށި މޯލްޑިވްސް އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މައިނަރ އިންޓަނޭޝަނަލުން 149 ހޮޓެލް ހިންގަމުން އަންނަ އިރު، 57 ސްޕާއާއި ރެޒިޑެންޝަލް ޕްރޮޕަޓީގެ އިތުރުން މުނިފޫހިފިލުވުމާއި ޕްލާޒާ ހިންގުމުގެ ވިޔަފާރި ވެސް ކުރެ އެވެ.

މައިނަރ އިންޓަނޭޝަނަލްގެ މި އަހަރުގެ ދެވަނަ ކުއާޓާރުގެ މާލީ ހިސާބުތައް އާންމުކޮށްފައިވާ އިރު، ފުރަތަމަ ހަ މަސް ދުވަސް ނުވަތަ ފުރަތަމަ ދެ ކުއާޓަރުގައި އެކުންފުންނީގެ ހުރިހާ ވިޔަފާރިތަކުގެ އާމްދަނީ 819.8 މިލިޔަން ޑޮލަރަށް، އަދި ފައިދާ 127.6 މިލިޔަން ޑޮލަރަށް އަރައެވެ.

މި އަދަދުތައް ސަރަހައްދީ ގޮތުން ބަލާ އިރު، ރާއްޖޭގައި މައިނަރއިން ހިންގާ ހަ ރިސޯޓާއި، ޔޫއޭއީގައި ހިންގާ އަށް ރިސޯޓާއި ހަ ސްޕާއިން، މި އަހަރު ދެބައިވި އިރު 30.9 މިލިޔަން ޑޮލަރުގެ އާމްދަނީއެއް ލިބިފައި ވެ އެވެ.

އަދި ޚަރަދުތައް ކެނޑުމަށް ފަހު ފައިސާގެ ގޮތުގައި ރާއްޖެއާއި ޔޫއޭއީއިން މައިނަރ އިންޓަނޭޝަނަލަށް 13.4 މިލިޔަން ޑޮލަރު ލިބިފައި ވެއެވެ. އެހެން ނަމަވެސް މިއީ މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ލިބުނު ފައިދާއަށް ވުރެ މަދު އަދަދެކެވެ.

މިދިޔަ އަހަރު މައިނަރ އިންޓަނޭޝަނަލަށް ރާއްޖެއާއި ޔޫއޭއީއިން ގާތްގަނޑަކަށް 14.5 މިލިޔަން ޑޮލަރުގެ ފައިދާއެއް ލިބިފައި ވެއެވެ.

މައިނަރ ހޮޓެލްސްގެ ހިއްސާ އޮންނަ ރާއްޖޭގެ ޕާ އެކުއަމް ނިޔާމަ ރިސޯޓު ހިންގަމުން އަންނަ އޯ ޕްލަސް އީ ހޯލްޑިންގްސް ކުންފުންޏަށް، އެ ރިސޯޓު ހިންގާ ރަށް ވިއްކާލުމަށް މިދިޔަ ހަފްތާގައި ނިންމާފައި ވެއެވެ. ޕާ އެކުއަމް ނިޔާމަ ރިސޯޓު ހިންގާ ދ. އެނބޫދޫފުށި-އޮޅުވެލި އޯ ޕްލަސް އީއަށް ވިއްކާލަން ނިންމީ، އެ ރަށް ކުއްޔަށް ހިފާފައިވާ މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ)އިންނެވެ.

comment ކޮމެންޓް