ހަތަރު އަހަރުގެ ޝައިހާ މަރާލި ކަމުގެ ތުހުމަތުގައި އެކުއްޖާގެ މަންމަގެ މައްޗަށް ދައުވާ އުފުލައިފި

ފާތިމަތު ޝައިހާ ފަޔާޒު --

ށ. ފުނަދޫ، ދިނަށަ، އުމުރުން ހަތަރު އަހަރުގެ ފާތިމަތު ޝައިހާ ފަޔާޒު މަރާލިކަމުގެ ތުހުމަތުގައި އެކުއްޖާގެ މަންމަ އާމިނަތު ޝާހިދާގެ މައްޗަށް ދައުވާ އުފުލައިފިއެވެ.

ދައުލަތުން ޝާހިދާގެ މައްޗަށް އުފުލާފައި ވަނީ އެނގިހުރެ މީހަކު މެރުމުގެ ދައުވާއެވެ.

ސަން އަށް އެނގިފައިވާގޮތުގައި އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން މިދިޔަ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ވަނީ ބާއްވާފައެވެ. އެ އަޑުއެހުމުގައި ޝާހިދާ ވަނީ ދައުލަތުގެ އެހީގައި ވަކީލަކު ހަމަޖެއްސުމުގެ ފުރުސަތަކަށް އެދިފައެވެ.

އެގޮތުން ދައުލަތުގެ އެހީގައި ވަކީލަކު ހަމަޖައްސަން ޝާހިދާ އަށް ވަނީ ފަސް ދުވަހުގެ ފުރުސަތެއް ދީފައެވެ.

ޕީޖީ އޮފީހުގެ އެދުމުގެމަތިން އެ މައްސަލައިގެ އަޑުއެހުންތައް ސިއްރު ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ ނިންމާފައެވެ.

މީގެކުރިން ފުލުހުން ބުނެފައި ވަނީ ޝާހިދާގެ ނަފްސާނީ ހާލަތު ދެނެގަތުމަށްޓަކައި ސައިކޮލޮޖިކަލް އެސެސްމަންޓުތަކެއް ހަދަމުން އަންނަ ކަމަށެވެ. ނަމަވެސް އޭގެފަހުން އެކަމާ ގުޅޭ މައުލޫމާތެއް ފުލުހުން މީޑިއާ އަށް ހިއްސާކޮށްފައެއް ނުވެއެވެ.

ފުލުހުން ބުނެފައި ވަނީ ޝާހިދާ އަކީ ނޫމަރާއަށް ނިސްބަތްވާ މީހެއް ކަމަށާއި ޝައިހާގެ ބައްޕަ ފަޔާޒު އަލީއާ ކައިވެނިކުރުމަށްފަހު 2008 ވަނަ އަހަރު ދިރިއުޅުން ށ. ފުނަދުއަށް ބަދަލުކުރި އިރު އޭނާގެ ރަޖިސްޓްރީވެސް އެރަށަށް ވަނީ ބަދަލުކޮށްފައި ކަމަށެވެ.

އޭގެފަހުން އަނެއްކާ ނޫމަރާއަށް ދިރިއުޅުން ބަދަލުކުރީ ޝައިހާ މަރާލުމުގެ ދުވަސްކޮޅެއް ކުރިން ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ށ. ފުނަދޫގައި އުޅުނުއިރު ނިދަން އުނދަގޫވުމާއި އަދި ނަފްސާނީގޮތުން ދިމާވާ އެހެން މައްސަލަތައް ޝާހިދާއަށް ދިމާވެފައިވާ ކަމަށާއި ދަރިފުޅު މަރާލިއިރު އޭނާ ދިޔައީ ކުޅުދުއްފުށީ ރީޖިނަލް ހޮސްޕިޓަލުން ސައިކޮލޮޖީގެ ފަރުވާއަށްދީފައިވާ ބޭސްތައް ކަމުން ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ނޫމަރާގައި ޝާހިދާ ދިރިއުޅޭ ގެއަށް ފުލުހުން ދިޔައިރު، ކޮޓަރީގެ އެނދުމަތީގައި ޝައިހާ މަރުވެފައި އޮއްވައި ފެނުނު ކަމަށާއި އޭނާ މަރާލި އިރު އުމުރުން ހަ އަހަރުގެ އިތުރު އަންހެން ކުއްޖަކު ވެސް އެ ކޮޓަރީގައި ނިދާފައި އޮތް ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
އެ ހާދިސާ ހިނގިއިރު ޝައިހާގެ ބައްޕަ ފަޔާޒު ހުރީ ތ. އަތޮޅުގައި ވަޑާމުގެ މަސައްކަތެއް ކުރުމަށް ގޮސް ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ޝައިހާގެ ކަރުގެ ތިން ތަނަކަށާއި ވާތު ކޮނޑުހުޅާ ދިމާލުން ހަތަރު ތަނަކަށާއި ކަނާތުގެ ދެ ތަނަކަށާއި ދަތްދޮޅިއަށް ދީފައިވާ ޒަޚަމްތަކާއެކު ޖުމްލަ 10 ތަނަކަށް ޒަޚަމްތަކެއް ލިބިފައިވާ ވެސް ފުލުހުން ވަނީ ބުނެފައެވެ.

comment ކޮމެންޓް