މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ދެހާފަށް ފަހުވެސް ނަތީޖާ ހަމަހަމަ ވެފައި އޮތުމުން މެޗުގެ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ނޭމާ ކާމިޔާބުކުރި ޕެނަލްޓީން 4-5 ލަނޑުން ޖަރުމަނު ބަލިކޮށް ބްރެޒިލް، އޮލިމްޕިކް ފިރިހެނުންގެ ފުޓްބޯޅައިން ރަންމެޑަލް ހޯދައިފިއެވެ.
މިއީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ސެމީފައިނަލްގައި ޖަރުމަނު އަތުން 7-1 ލަނޑުގެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިވި، އަދި ދުނިޔޭގެ ޗެމްޕިއަންކަން ފަސްފަހަރު ހޯދާފައިވާ ބްރެޒިލަށް އޮލިމްޕިކް ފުޓްބޯޅައިގެ ރަންމެޑަލް ކާމިބުކުރެވުނު ފުރަތަމަ ފަހަރެވެ.
ރިއޯޑި ޖެނޭރޯގެ މަރަކާނާ ސްޓޭޑިއަމްގައި 78,000 ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު ފޯރިގަދަ ފައިނަލްމެޗު ޕެނަލްޓީއާ ހަމައަށް ދާންޖެހުނީ، މެޗުގެ ފުރަތަމަ ހާފްގައި ހިލޭޖެހުމަކުން ނޭމާ ލަނޑެއް ކާމިޔާބުކޮށްފައި ވަނިކޮށް ދެވަނަ ހާފްގައި ޖަރުމަނުގެ މެކްސް މެޔާރސް ލަނޑެއް ކާމިޔާބުކޮށް ނަތީޖާ ހަމަހަމަ ކުރުމުންނެވެ. އަދި އިތުރަށް ކުޅުވި 15 މިނިޓްގެ ދެހާފް ކުޅެގެންވެސް ނަތީޖާއަށް ބަދަލެއް ނައުމުންނެވެ.

އޮލިމްޕިކް ފިރިހެނުންގެ ފުޓްބޯޅައިގެ ފައިނަލްގައި ބްރެޒިލް ލަނޑެއް ޖަހާފައި ވަނިކޮށް ޖަރުމަނަށް ނަތީޖާ ހަމަހަމަކޮށްދިނީ މެކްސް މެޔާރސް -- ގެޓީ ފޮޓޯ: ރިއޯ2016
ޕެނަލްޓީ ޝޫޓްއައުޓްގައި ނޭމާ ޖެހި ފަހު ޕެނަލްޓީއާއެކު ބްރެޒިލްގެ ހުރިހާ ކުޅުންތެރީންގެ ޕެނަލްޓީ ކާމިޔާބުކުރި އިރު، ޖަރުމަނުގެ ނިލްސް ޕީޓަސަން ޖެހި ޕެނަލްޓީ ބްރެޒިލްގެ ގޯލްކީޕަރު ވިވާޓަން ވަނީ މަތަކޮށްފައެވެ.
ބްރެޒިލް ވަނީ މީގެ ކުރީން ތިން ފަހަރު އޮލިމްޕިކް ފުޓްބޯޅައިގެ ފައިނަލްގައި ކުޅެ ބަލިވެފައެވެ. އެއީ 1984، 1988 އަދި 2012 ވަނަ އަހަރެވެ.
މެޗަށް ފަހު ނޭމާ ބުނީ، މިއީ އޭނާގެ ހަޔާތުގައި މިހާތަނަށް ލިބުނު އެންމެ ބޮޑު އުފާ ކަމަށެވެ.

އޮލިމްޕިކް ފިރިހެނުންގެ ފުޓްބޯޅައިން ފުރަތަމަ ފަހަރަށް ބްރެޒިލަށް ރަންމެޑަލް ލިބުމުން ބްރެޒިލް ޓީމުގެ ކުޅުންތެރީން އެޓީމުގެ ސަޕޯޓަރުންނާއެކު އުފާފާޅުކުރަނީ -- ގެޓީ ފޮޓޯ: ރިއޯ2016
މުބާރާތުގެ ތިން ވަނަ ހޮވި މެޗުގައި ހޮންޑޫރަސް އަތުން 3-2 ލަނޑުގެ ނަތީޖާއަކުން މޮޅުވެ، ނައިޖީރިއާ ވަނީ އޮލިމްޕިކް ފިރިހެނުންގެ ފުޓްބޯޅައިން ބްރޯންޒް މެޑަލް ހޯދައިފައެވެ. މިއީ ރިއޯ 2016ގައި ނައިޖީރިއާ އަށް މިހާތަނަށް ލިބުނު ހަމައެކަނި މެޑަލްއެވެ.
އޮލިމްޕިކް އަންހެނުންގެ ފުޓްބޯޅަ އިވެންޓުގެ ފައިނަލްގައި ސްވިޑެން އަތުން 2-1 ލަނޑުން މޮޅުވެ ޖަރުމަނުގެ އަންހެން ޓީމު ވެސް ވަނީ ފުރަތަމަ ފަހަަރަށް ރަންމެޑަލް ހޯދައިފައެވެ.