ރާއްޖޭގެ ބައެއް ހިސާބުތަކަށް މިއަދު ވިއްސާރަކުރާނެ ކަމަށާއި އަދި ބައެއް ހިސާބުތަކަށް ގުގުރުންވެސް އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފިއެވެ.
މާލެއާއި މާލެ ކައިރި ހިސާބުތަކަށް އިއްޔެ މެންދުރު ފަހު އަދި ރޭވެސް ވަނީ ބޯކޮށް ވާރޭވެހިފައެވެ. މިއަދު 10 އަކުން މާދަމާ ހެދުނު 10 އަކަށް މޫސުން ލަފާކޮށް މޫސުމާ ބެހޭ އިދާރާއިން ބުނެފައިވަނީ މެދުތެރެއާއި ދެކުނުގެ ބައެއްރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު 5 މޭލާ 13 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާ 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށްވެސް މެޓުން ވަނީ ބުނެފައެވެ.
"ވިލާ ގަނޑުގައި ގަނޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށް" މެޓުން ވަނީ ލަފާކޮށްފައެވެ.
"ރާއްޖޭގެ ކަނޑުތައް ދެކުނުގައި އާދައިގެ ވަރަކަށް މަޑުވާނެ އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ." މެޓް އޮފީހުން ބުންޏެވެ.