ސަދަގާތު ފައުންޑޭޝަނާ އެކު، ރާއްޖޭގެ 25 ސަރަހައްދެއްގައި އުރީދޫއިން ޓެލެސެންޓަރުތަކެއް ގާއިމުކުރަނީ

އިންޓަނެޓު ޚިދުމަތް އެންމެ ބޭނުންވާނެ 500 ފަރާތަކަށް ހަދިޔާ ކުރުމަށް އުރީދޫއާއި ވާވޭގެ ފަރާތުން ސަދަގާތު ފައުންޑޭޝަނަށް 500 ޑޮންގަލް ހަދިޔާ ކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ 25 ސަރަހައްދެއްގައި ކޮމަޕިއުޓަރު ސިސްޓަމާއި އިންޓަނެޓުގެ ޚިދުމަތް ލިބޭ ގޮތަށް ހުންނާނެ ޓެލެސެންޓަރުތަކެއް، ސަދަގާތު ފައުންޑޭޝަނާ ގުޅިގެން އުރީދޫ މޯލްޑިވްސްއިން ގާއިމު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

އުރީދޫގެ 11 ވަނަ އަހަރީ ދުވަހާ ގުޅިގެން، ކުޑަކުދިން ޓެކްނޮލޮޖީއާ އަހުލުވެރިކުރުވުމުގެ ގޮތުން މިއަދު ކުޑަކުދިންގެ ބަގީޗާގައި ކުރިޔަށް ގެންދިޔަ ހަވީރެއްގައި، އުރީދޫ މޯލްޑިވްސްގެ ފަރާތުން ސަދަގާތު ފައުންޑޭޝަނަށް ވަނީ 25 ކޮމްޕިއުޓަރު ސިސްޓަމް ހަދިޔާ ކޮށްފަ އެވެ.

އުރީދޫ މޯލްޑިވްސްގެ އެސިސްޓަންޓް މެނޭޖަރ ޕަބްލިކް ރިލޭޝަންސް ނޫރާ އިބްރާހިމް ޒާހިރު "ސަން" އަށް ވިދާޅުވީ، އިންޓަނެޓުގެ ޚިދުމަތް ލިބޭ ކޮމްޕިއުޓަރު ސިސްޓަމަތަކަކާ އެކު ރާއްޖޭގެ 25 ސަރަހައްދެއްގައި ގާއިމުކުރެވޭ 25 ޓެލެސެންޓަރަކީ، ކޮންމެ ފަރާތަކަށް ވެސް އެއްވެސް ޚަރަދަކާ ނުލައި ކޮމްޕިއުޓަރާއި އިންޓަނެޓު މެދުވެރިކޮށް ޑިޖިޓަލް ހުނަރު ދަސްކުރެވޭ ގޮތަށް ގާއިމުކުރާ ތަންތަން ކަމަށެވެ.

މީގެ އިތުރުން އުރީދޫއިން މިއަދު ވަނީ، އިންޓަނެޓުގެ ޚިދުމަތް އެންމެ ބޮޑަށް ބޭނުންވާ 500 ފަރާތަކަށް އެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި، އެއް އަހަރުގެ ޑޭޓާ ޕްލޭނަކާ އެކު އުރީދޫގެ 500 އިންޓަނެޓު ޑޮންގަލް ސަދަގާތު ފައުންޑޭޝަނާ ހަވާލުކޮށްފަ އެވެ. މި ޑޮންގަލްތަކަކީ އުރީދޫއާއި ޗައިނާގެ ޓެލެކޮމް އިކުއިޕްމެންޓް ކުންފުނި ވާވޭއާ ގުޅިގެން ހަދިޔާކުރި ތަކެއްޗެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ދީދީ ހިންގަވާ ސަދަގާތު ފައުންޑޭޝަނުގެ ފަރާތުން މިތަކެއްޗާ ހަވާލުވެލެއްވީ ޝަހީރު އިބްރާހިމްއެވެ.

ނޫރާ ވިދާޅުވީ، އުރީދޫއިން ހަދިޔާކުރި ކޮމްޕިއުޓަރު ސިސްޓަމްތަކާއި އިންޓަނެޓު ޚިދުމަތާއި އެކު ޓެލެސެންޓަރުތައް ގާއިމުކުރާނެ ސަރަހައްދުތަކާއި، 500 އިންޓަނެޓު ޑޮންގަލް ވެސް ހަދިޔާ ކުރާނެ ފަރާތްތައް ކަނޑައަޅާނީ ސަދަގާތު ފައުންޑޭޝަނުގެ ފަރާތުން ކަމަށެވެ.

މީގެ އުރީދޫއިން ވަނީ ނުކުޅެދުންތެރިކަން ހުންނަ 15 ކުއްޖަކަށް އިލެކްޓްރިކް ވީލްޗެއާ ހަދިޔާ ކޮށްފައެވެ.

އުރީދޫއިން މައުލޫމާތު ދޭ ގޮތުގައި، މިއަދު އުރީދޫއިން އެކި ފަރާތްތަކަށް ހަދިޔާކުރި ތަކެތީގެ ޖުމްލަ އަގު 1.7 މިލިޔަން ރުފިޔާއަށް އަރާނެއެވެ.

comment ކޮމެންޓް