ތުރުކީގައި ބަޣާވާތް ކުރި މީހުންނަށް ޖަލުން ޖާގަ ހެދުމަށް، 38،000 ގައިދީން މިނިވަން ކުރަނީ

ތުރުކީގައި މިދިޔަ މަހު ކުރި ބަޣާވާތާ ދެކޮޅަށް ރައްޔިތުން މުޒާހަރާ ކުރަނީ -- ފޮޓޯ: ރޮއިޓާސް

އިސްތަންބޫލު (އޮގަސްޓް 18): މިދިޔަ މަހު ތުރުކީއަށް ގެންނަން މަސައްކަތް ކުރި ބަޣާވާތުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ އެތައް ހާސް މީހުންނަށް އެގައުމުގެ ޖަލުތަކުން ޖާގަ ހެދުމަށް، ބަޣާވާތުގެ ކުރިން ހައްޔަރު ކޮށްފައިވާ 38،000 ގައިދީން މިނިވަން ކުރަން ތުރުކީ ސަރުކާރުން ނިންމައިފި އެވެ.

ތުރުކީގެ ޖަސްޓިސް މިނިސްޓްރީން ކުރި އިއުލާނުގައިވާ ގޮތުން، ޖަލުން މިނިވަން ކުރަން ނިންމާފައި ވަނީ، ފުރިހަމަ ކުރަން ޖެހޭ ހުކުމުގައި ދެ އަހަރަށް ވުރެ ކުރު މުއްދަތެއް ބާކީ އޮތް މީހުންނެނެވެ. އަދި ހުކުމުގެ ދެބައިކުޅަ އެއްބައި ފުރިހަމަ ކޮށްފައިވާ މީހުން ޕެރޯލްގެ ދަށުން ދުކޮށްލެވޭ ގޮތް ހަދާނެ ކަމަށްވެސް އިއުލާނުގައިވެ އެވެ.

ނަމަވެސް ޖަލުން ދޫކޮށްލާ މީހުންގެ ތެރޭގައި މީހަކު މެރުމާއި، ގެވެށި އަދި ޖިންސީ އަނިޔާ އާއި ޓެރަރިޒަމް ފަދަ ދައުލަތާ ދެކޮޅަށް ކުށް ކުރި ކަމަށް ސާބިތުވެފައިވާ މީހުން ނުހިމެނޭނެ ކަމަށް ޖަސްޓިސް މިނިސްޓްރީން ބުންޏެވެ.

ތުރުކީގައި ނާކާމިޔާބުވި ބަޣާވާތުގެ ތަހުގީގާ ގުޅިގެން އެގައުމުން ހައްޔަރު ކޮށްފައިވާ މީހުންގެ އަދަދު ވަނީ 26،000ށް އަރާފަ އެވެ. އަދި 76،000 ސިވިލް ސާވެންޓުންނާއި، ފަނޑިޔާރުންނާއި، ސަލާމަތީ ފަރާތްތައް ސަސްޕެންޑުކޮށްފައިވާ އިރު، 5،000 މީހަކު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ތުރުކީގެ ބޮޑުވަޒީރު ބިނާލީ ޔިލްދްރިމް ވިދާޅުވި އެވެ. (އިންޑިޕެންޑެންޓް)

comment ކޮމެންޓް