ބުލީކުރުމާ ދެކޮޅަށް މުޙްޔިއްދީންގެ ދަރިވަރުން ހޭލުންތެރިކޮށްފި

ބުލީ ކުރުމާ ބެހޭ ގޮތުން މުހްޔިއްދީން ސްކޫލްގައި އެބްސް މޯލްޑިވްސް އިން ކުރިއަށް ގެންދިޔަ ހޭލުންތެރިކުރުމުގެ ސެޝަންގެ ތެރެއިން --- ފޮޓޯ/ އެބްސް މޯލްޑިވްސް

އެންޓި ބުލީން ސޮސައިޓީ އޮފް މޯލްޑިވްސް (އެބްސް މޯލްޑިވްސް) އިން ވިލިމާލޭ މުހްޔިއްދީން ސްކޫލްގެ ދަރިވަރުންނަށް ބުލީ ކުރުމާބެހޭ ސެޝަންތަކެއް ނަގައިދީފި އެވެ.

އިއްޔެއިން ފެށިގެން ދެދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެ ސެޝަންތަކުގެ ތެރެއިން އިއްޔެ ސެޝަން ނަގައިދީފައިވަނީ ގްރޭޑް 8 އަދި 9 ގެ ދަރިވަރުންނަށެވެ. މިއަދުގެ ސެޝަންތައް ނަގައިދީފައިވަނީ ގްރޭޑް 6 އަދި 7ގެ ދަރިވަރުންނަށެވެ. އަދި މާދަމާގެ ސެޝަންތައް ނަަގައިދިނުމަށް ހަމަޖެހިފައިވަނީ ގްރޭޑް 4 އަދި 5 ގެ ދަރިވަރުންނަށެވެ.

އެބްސް މޯލްޑިވްސް އިން ކުރިއަށް ގެންދާ ހޭލުންތެރި ކުރުމުގެ ސެޝަންތަކުގައި، ބުލީ ކުރުމުގެ ވައްތަރުތަކާއި، ބުލީ ކުރުމުގެ ސަބަބުން މުޖުތަމައުއަށް ކުރާނެ އަަސަރުތަކާ ބެހޭގޮތުން މައުލޫމާތު ދިނުމަށް ހަމަޖެހިފައިވެ އެވެ. އަދި ބުލީ ކުރެވޭ ކުއްޖާއަށް އެކަމުން ކުރާނެ އަސަރުތަކާއި، އެކުއްޖާއަށް އެހީތެރިވެވޭނެ ގޮތްތައް ކިޔާދޭނެއެވެ. އޭގެ އިތުރުން ބުލީ ކުރުން މުޖުތަމައުން ފުހެލެވޭނެ ގޮތްތަކާ ބެހޭ ގޮތުން އެ ސެޝަންތަކުގައި މައުލޭމާތުދޭނެއެވެ.

އެބްސް މޯލްޑިވްސް އަކީ ދިވެހި މުޖްތަމަޢުގައި އަށަގެންފައިވާ ހަނގާކުރުން ނުވަތަ ބުލީ ކުރުމުގެ ނޭދެވޭ އަމަލު ހުއްޓުވުމަށް މަސައްކަތް ކުރާ ނޮން ގަވަމަންޓަލް އޯގަނައިޒޭޝަން (އެންޖީއޯ) އެކެވެ. އެ ޖަމިއްޔާއިން ކައުންސިލިންގެ ފަރުވާ ދިނުމާއި، ހޭލުންތެރިކުރުވުމުގެ ތަފާތު ޕްރޮގްރާމް ތަކާއި މަސައްކަތު ބައްދަލުވުންތައް އަންނަނީ ބާއްވަމުންނެވެ. އެބްސް މޯލްޑިވްސް އުފެދިފައިވަނީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު 17ގައެެވެ.

comment ކޮމެންޓް