ގޯސްކޮށް އުޅޭ ދަރިވަރުންނަށް ހަރުކަށި އަދަބު ދޭ އޮނިގަނޑެއްގެ ދަށުން ސްކޫލްތަކުގައި ބުލީ ކުރާ ދަރިވަރުންނަށް ހަރުކަށި އަދަބު ދޭން ސިންގަޕޫރުގެ އެޑިއުކޭޝަން މިނިސްޓްރީން ނިންމައިިފިއެވެ.
އަދަބުތަކުގެ ތެރޭގައި ސަސްޕެންޑު ކުރުމާއި، ތަޅައި, ހަށިގަނޑަށް އަނިޔާ ދިނުން އަދި ގްރޭޑް ދަށްކުރުން ހިމެނެއެވެ.
އެ އޮނިގަނޑުގެ ދަށުން ފުރަތަމަ ފަހަރަށް ކުށްކުރާ ކުދިންނަށް އެއް ދުވަހާއި ތިން ދުވަހަށް ބަންދުކުރުން ނުވަތަ ސަސްޕެންޑް ކުރަން ވަނީ ނިންމައިފައެވެ. އަދި ގްރޭޑް ދަށްކޮށް، އެއީ އުމުރުން ބޮޑެތި ފިރިހެން ކުދިން ނަމަ ގައިގައި އެއް ފަހަރު ޖަހައި އަދަބު ދިނުމަށް ވަނީ ނިންމާފައެވެ.
ހަމައެއާއެކު އެންމެ ބޮޑެތި ކުށްތައް ފުރަތަމަ ފަހަރަށް ކުރާ މީހުންނަށް ތިން ދުވަހާއި ފަސް ދުވަހުގެ މުއްދަތަކަށް ސަސްޕެންޑްކޮށް، ގްރޭޑް 'ފެއާ' އަށް ދަށްކުރުމަށް ވެސް އެ އޮނިގަނޑުގައި ކަނޑައަޅާފައިވެއެވެ.
އެންމެ ބޮޑެތި ކުށްތަކުގައި ތަކުރާރުކޮށް ކުށްކުރާ ކުދިންނަށް ފަސް ދުވަހާއި 14 ދުވަހާއި ދެމެދުގެ މުއްދަތަކަށް ބަންދުކުރުމާއި ނުވަތަ ސަސްޕެންޑްކުރުމާއި، "ދަށް" ކޮންޑަކްޓް ގްރޭޑެއް، އަދި ބޮޑެތި ފިރިހެން ކުދިންގެ ގައިގައި ތިން ފަހަރު ޖެހުމަށް އޮނިގަނޑުގައި ވެއެވެ.
މި ފިޔަވަޅުތައް ބެލެންސް ކުރެވޭނީ ކައުންސެލިން ހިމެނޭ ގޮތަށް ރިހެބިލިޓޭޓިވް ފަރުވާއާއެކު ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
ކޮންޑަކްޓް ގްރޭޑްތަކަކީ ކޮންމެ ސެމިސްޓާއެއް ނިމުމުން ދޫކުރާ އަދި ކުރިއަށް އޮތްތަނުގައި ވަކި ޕްރޮގްރާމްތަކަށް ނުވަތަ އެހެން ސްކޫލްތަކަށް ދަރިވަރުން އެޕްލައި ކުރާއިރު މުހިންމު ގްރޭޑްތަކެކެވެ.
ކުށަކީ ސީރިއަސް ކުށެއްތޯ ނުވަތަ ވަރަށް ސީރިއަސް ކުށެއްތޯ ވަޒަންކުރުމުގައި ސްކޫލްތަކުން ބަލާނީ ކުށްވެރިޔާގެ ނިޔަތާއި، އެ އަމަލުތައް ތަކުރާރުވިތޯއާއި، ދަރިވަރުގެ އަޚުލާގެވެ.
ބޮޑެތި ކުށްތަކުގެ ތެރޭގައި މާރާމާރީ ހިންގުމާއި ޖިސްމާނީ އަނިޔާ ކުރުމާއި ގެއްލުން ދިނުމުގެ ސާފު ނިޔަތެއްގައި ތަކުރާރުކޮށް އިޖުތިމާއީ ބުލީ ކުރުން ހިމެނެއެވެ. ވަރަށް ބޮޑެތި ކުށްތަކުގައި ފުލުހުން ތަހުގީގު ކުރަންޖެހޭ މައްސަލަތައް ހިމެނެއެވެ.