ނިއު ބަލިކޮށް، ބީޖީ ލީގުގެ ހަތް ވަނައަށް ޖެހިލައިފި

އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ބީޖީ ސްޕޯޓްސް ބައްދަލުކުރި މެޗުގެތެރޭން. 2-0 ލަނޑުން މެޗު ކާމިޔާބުކުރީ ބީޖީ -- ސަން ފޮޓޯ: މުހައްމަދު އަފްރާހް

އެންމެ ފަހުގެ ޗެމްޕިއަން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު ބަލިކޮށް، ބީޖީ ސްޕޯޓްސް ލީގުގެ ހަތް ވަނައަށް ޖެހިލައިފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ބުރުގެ މެޗުގައި ނިއުގެ މައްޗަށް ބީޖީން ކުރި ހޯދާފައިވަނީ 2-0 ލަނޑުންނެވެ. އެއީ މި ސީޒަނުގެ ލީގުގައި ބީޖީ މޮޅުވި ފުރަތަމަ މެޗެވެ.

އެ ނަތީޖާއާ އެކު ކުޅުނު 13 މެޗުން ލިބުނު ހަތް ޕޮއިންޓާއެކު ލީގުގެ ހަތް ވަނަ އަށް ބީޖީ ޖެހިލި އިރު، މިއަދުގެ މެޗުން ބަލިވި ނިއު އޮތީ ކުޅުނު 13 މެޗުން ލިބުނު 13 ޕޮއިންޓާއެކު ލީގުގެ ހަ ވަނައިގައެވެ. އެއް ވަނައިގައި އޮތް ކްލަބު އީގަލްސް އަށް ކުޅުނު 12 މެޗުން 26 ޕޮއިންޓް ލިބިފައިވާ އިރު، ލީގުގެ ދެ ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް 12 މެޗުން ލިބިފައިވަނީ 25 ޕޮއިންޓެވެ.

އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ބީޖީ ސްޕޯޓްސް ބައްދަލުކުރި މެޗުގެތެރޭން. 2-0 ލަނޑުން މެޗު ކާމިޔާބުކުރީ ބީޖީ -- ސަން ފޮޓޯ: މުހައްމަދު އަފްރާހް

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. މެޗުގެ ފުރަތަމަ ހާފުގައި އެންމެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައީ ބީޖީގެ ބިދޭސީ ފޯވަޑް ޑޭވިޑް އޮސަގިއޭ އަޑެލެކޭ އަށެވެ. ޑޭވިޑް އަށް ދެ ފުރުސަތެއް ލިބިގެންދިޔަ އިރު، އޭނާ އުފެއްދި އެ ހަމަލާތައް ނިއުގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ބީޖީގެ ގޯލަށް އަމާޒުކޮށް ނިއުއަށް ނުރައްކާތެރި ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ. ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

މެޗުގެ 59 ވަނަ މިނެޓުގައި ބީޖީ އަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަވެ. ބީޖީ އަށް ލިބުނު ކޯނަރަކުން ކިންގްސްލީ އެލެޗީ ދިން ބޯޅައަކުން ނިއުގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެފައި ޑެނިއެލް ފިލެމޮން އުފެއްދި ހަމަލާ، ހުޝިޔާރުކަމާއެކު ނިއުގެ ކީޕަރު ޔުން ކޮޗީ ވަނީ މަތަކޮށްފައެވެ.

އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ބީޖީ ސްޕޯޓްސް ބައްދަލުކުރި މެޗުގެތެރޭން. 2-0 ލަނޑުން މެޗު ކާމިޔާބުކުރީ ބީޖީ -- ސަން ފޮޓޯ: މުހައްމަދު އަފްރާހް

މެޗުގެ 66 ވަނަ މިނެޓުގައި ނިއު އަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ބީޖީގެ ޕެނަލްޓީ އޭރިޔާ ބޭރުގައި ހުރެފައި ނިއުގެ ޑިފެންޑަރު މުހައްމަދު ސާމިރު އުފެއްދި ހަމަލާ، ކީޕަރު ހަނީފް ސާގިބް ވަނީ މަތަކޮށްފައެވެ.

މެޗުގެ 71 ވަނަ މިނެޓުގައި ބީޖީން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ޑެނިއެލް ފިލެމޮން ދިން ބޯޅައަކުން ބީޖީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު ސާބިގްއެވެ. އޭނާ އަށް ބޯޅަ ލިބުނު އިރު، ނިއުގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރީ ވަރަށް ހުސްކޮށެވެ.

އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ބީޖީ ސްޕޯޓްސް ބައްދަލުކުރި މެޗުގެތެރޭން. 2-0 ލަނޑުން މެޗު ކާމިޔާބުކުރީ ބީޖީ -- ސަން ފޮޓޯ: މުހައްމަދު އަފްރާހް

މެޗުގެ 78 ވަނަ މިނެޓުގައި ބީޖީން ވަނީ އިތުރު ލަނޑެއްޖަހައި ލީޑު ފުޅާކޮށްފައެވެ. ބީޖީ އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ތަޖުރިބާކާރު މިޑްފީލްޑަރު އިބްރާހިމް ޝިޔާމް (ދޮނާ) އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ނިއުގެ ޕެނަލްޓީ އޭރިޔާ ތެރެއިން އުފެއްދި ހަމަލާއަކުންނެވެ.

ލީގުގައި މިރޭ ވެސް މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. މިރޭ 9:00ގައި ކުޅޭ އެ މެޗުގައި ބައްދަލުކުރާނީ ކްލަބު ވެލެންސިއާ އާއި ވިކްޓަރީ ސްޕޯޓްސް ކްލަބެވެ.

comment ކޮމެންޓް