ޓޫރިސްޓުންގެ އަދަދު އިތުރުކުރުމަށް މެލޭޝިއާއިން ރާއްޖެއަށް އިތުރު ފްލައިޓްތައް ބާއްވަން ޖެހޭ: މެލޭޝިއާ ޓޫރިޒަމް މިނިސްޓަރު

މެލޭޝިއާގެ ޕެރަކްގެ ޓޫރިޒަމް މިނިސްޓަރު ޑރ. ޒަމްބްރީ ބިން އަބްދުލް ގާދިރު --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މެލޭޝިއާއިން ރާއްޖެއަށް އަންނަ ޓޫރިސްޓުން އިތުރުކުރަން އެގައުމުން ރާއްޖެއަށް އުދުހޭ ފްލައިޓް ތަކުގެ އަދަދު އިތުރުކުރަން ޖެހޭ ކަމަށް މެލޭޝިއާގެ ޕެރަކްގެ ޓޫރިޒަމް މިނިސްޓަރު ޑރ. ޒަމްބްރީ ބިން އަބްދުލް ގާދިރު ވިދާޅުވެއްޖެއެވެ.

އޭނާ އެހެން ވިދާޅުވީ، މިހާރު ރާއްޖެއަށް ވަޑައިގެން، މިއަދު މެންދުރު ފަހު މީޑިއާގެ ފަރާތްތަކާއި ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާ ބައްދަލުކުރުމަށް ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި "ސަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ، މެލޭޝިއާ އިން ރާއްޖެއަށް ދަތުރުކުރާ ޓޫރިސްޓުން އިތުރު ކުރުމަށް އޭނާ ކުރި ދަތުރުގެ ސަބަބުން ބާރު އެޅިގެންދާނެ ކަމަށެވެ.

އެގޮތުން ޓޫރިސްޓުން އަންނަ އަދަދު އިތުރު ކުރުމަށް އެ ގައުމުން ރާއްޖެއަށް އުދުހޭ ފްލައިޓްތަކުގެ އަދަދު އިތުރުކުރުން މުހިންމުކަމަށް އޭނާ ވިދާޅުވި އެވެ.

"ހަމަ ގައިމުވެސް އަޅުގަނޑު މި ކުރި ދަތުރުގެ ސަބަބުން އިތުރުވާނެ. އޭގެ އިތުރުން މެލޭޝިއާ އާއި ރާއްޖެއާ ދެމެދު ދަތުރުކުރާ ފްލައިޓްތައް އެބަޖެހޭ އިތުރުކުރަން. އެއީ މެލޭޝިއާ އަކީ އެހެން ގައުމުތަކުން ވަރަށްގިނަ ޓޫރިސްޓުންދާ ގައުމެއް. އެހެންވީމަ ފްލައިޓްތައް އިތުރު ކުރީމަ އެ ފުރުސަތު ބޮޑުވާނެ،" ޑރ. ޒަމްބްރީ ބިން އަބްދުލް ގާދިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވަރަށް އަވަސް މުސްތަގުބަލެއްގައި މެލޭޝިއާ އެއާލައިން އިން ވެސް ރާއްޖެއަށް ސީދާ ދަތުރުތައް އެ ގައުމުން ފަށާނެ ކަމަށެވެ. އެގޮތުން އެ އެއާލައިނަށް ވެސް އޭގެ ސަބަބުން ފައިދާ ވާނެކަމަށް ގަބާލުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

މެލޭޝިއާ އިން މިއަހަރު ރާއްޖެއަށް ވަނީ ޖުމްލަ 8129 ޓޫރިސްޓުން އައިސްފައެވެ. އޭނާ ވިދާޅުވީ، ކުރިއަށް އޮތްތާނގައި އެ އަދަދު އިތުރުކުރުމަށް މަސައްކަތްތަކެއް ކޮށްދޭނެ ކަމަށެވެ.

comment ކޮމެންޓް