ފުލުހުން ބޭނުން ކުރަނީ ސިޔާސީ އެޖެންޑާތައް ހާސިލު ކުރަން: އަބްދުﷲ ރިޔާޒު

ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު: ފުލުހުންގެ މުއައްސަސާ ބޭނުން ކޮށްގެން ބޮޑެތި "ޖަރީމާތައް" ބަޔަކު ހިންގަމުންދާ ކަމަށް ތުހުމަތު ކުރެއްވި-- ފޮޓޯ/ މަޖިލިސް

ކޮންމެ ސަރުކާރަކުން ވެސް ފުލުހުންގެ މުއައްސަސާ ބޭނުން ކުރަމުން ދަނީ އެ ސަރުކާރުތަކުގެ ސިޔާސީ ބޭނުންތައް ފުއްދުމަށް ކަމަށް ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަދި ކިނބިދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ ހުއްދަ ނަގައިގެން މާލޭގައި މުޒާހަރާތަކާއި ހިނގާލުމާއި އުޅަނދުބުރުތައް ބާއްވަން ޖެހޭ ގޮތަށް ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ބަހުސް ކުރައްވަމުން ރިޔާޒު ވިދާޅުވީ ފުލުހުންގެ މުއައްސަސާއަކީ ރައްޔިތުންނަށް ރައްކާތެރިކަން ދޭ މުއައްސަސާއަކަށް ހެދުމަށް މަޖިލީހުގެ ހުރިހާ މެމްބަރުން ވެސް ވަކާލާތު ކުރައްވަން ޖެހިވަޑައިގަންނަވަން ޖެހޭނެ ކަމަށެވެ.

"މި މަޖިލީހުން ވެސް އެބަޖެހޭ މިހާރު ފުލުހުންގެ ގާނޫނަށް ބަދަލު ގެނެސްގެން ވެސް ފުލުހުންގެ މުއައްސަސާއަކީ ރައްޔިތުންގެ ރައްކާތެރި ކަމަށް މަސައްކަތް ކުރާ މިނިވަންކަމާއެކު އޮޕަރޭޝަނަލީ މިނިވަން މުއައްސަސާއެއްގެ ގޮތުގައި ހިންގުމަށް އެ ފުރުސަތު ދޭން އެބަޖެހޭ،" ރިޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ފުރުސަތުތައް ދިވެހި ފުލުހުންނަށް ނެތުމުގެ ސަބަބުން އާންމު ރައްޔިތުންނަށް ރައްކާތެރިކަން ދިނުމުގެ ފުރުސަތު ނެތިގެންދާ ކަމަށެވެ. ރިޔާޒު ވިދާޅުވީ ފުލުހުންގެ މުއައްސަސާ ބޭނުން ކޮށްގެން މިއަދު ބޮޑެތި "ޖަރީމާތައް" ހިންގަމުން އަންނަ ކަމަށެވެ.

"މާލޭގެ މަގުތަކުގައި ހުރި އެތައް ރުއްތަކެއް ކަނޑާލި މައްސަލައެއްގައި ފުލުހުންގެ މައްޗަށް އެ ތުހުމަތު އެބަ އޮތް. އެކަމެއް ނުބެލޭ. ކާނަލް ނާޒިމުގެ އެޕާޓުމަންޓަށް ފިސްތޯލެއް ވައްދައި ފުލުހުން އެކަމުގައި ބައިވެރިވިކަމުގެ ތުހުމަތު އެބަ އޮތް،" ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ވިދާޅުވި އެވެ.

ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަދި ކިނބިދޫ ދާއިރާގެ އަބްދުﷲ ރިޔާޒު-- ފޮޓޯ/ މަޖިލިސް

އަބްދުﷲ ރިޔާޒު ވިދާޅުވީ މިނިވަންކަމާ އެކު މައްސަލައެއް ތަހުގީގު ކުރުމުގެ މިނިވަންކަން ފުލުހުންގެ މުއައްސަސާގައި މިއަދަކު ނެތް ކަމަށެވެ. އޭނާ ވިދާޅުވީ ގައުމުގެ ހާލަތު އެ ފެންވަރުގައި އޮތްއިރު ފުލުހުންގެ ހުއްދަ ނަގައިގެން ނޫން ގޮތަކަށް މުޒާހަރާ ނުކުރެވޭނެ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަކީ ގަބޫލު ކުރެއްވޭނެ ކަމެއް ނޫން ކަމަށެވެ.

"މަޖިލީހުގެ މެމްބަރުން ވެސް ފުލުހުންނަށް ދޭންވީ އޮޕަރޭޝަނަލީ ފުލުހުންނަކީ މިނިވަން ބައެއްގެ ގޮތުގައި ހެދުމަށް. އެހެންވީމަ މިހާރު މަޖިލީހަށް ހުށަހެޅިފައިވާ މި މައްސަލަ [އެއްވެއުޅުމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް] ތާއީދު ކުރެވެން ނެތް ވާހަކަ އަޅުގަނޑު ދަންނަވާލަން،" އަބްދުﷲ ރިޔާޒު

ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު ހުށަހެޅުއްވި އިސްލާހުގައި ވަނީ، އެ ގާނޫނުގައި އެހެން ގޮތަކަށް ކަނޑައަޅާފައިވީ ނަމަވެސް، މޯލްޑިވްސް ޕޮލިސް ސާވިސް އިން ލިޔުމުން ދޭ ހުއްދައާއެކު ފިޔަވައި، ރާއްޖޭގެ ވެރިކަންކުރާ ރަށް ކަމުގައިވާ މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދު ބުރެއް ބޭއްވޭނީ ހޯމް މިނިސްޓްރީން އާންމުކޮށް އިއުލާން ކުރާ ތަންތަނުގައި އެކަނި ކަމަށެވެ.

އެ އިސްލާހު މަޖިލީހުން ފާސްކޮށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި މުޒާހަރާ ބާއްވަން ހުއްދަދެވޭނެ ތަންތަނުގެ ލިސްޓެއް ހޯމް މިނިސްޓްރީން ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރަން ޖެހޭނެ ކަމަށް ވެސް ރިފާއު ހުށަހެޅުއްވި އިސްލާހުގައިވެ އެވެ.

ގާނޫނަށް އެ އިސްލާހު ގެނެސްފިނަމަ އަމަލު ކުރަން ޖެހޭނީ ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކޮށް ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ.

މުޒާހަރާކުރަން ފުލުހުންގެ ހުއްދަ ނަގަން ޖެހޭ ގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅާފައިވާ އިރު، ގާނޫނު އަސާސީގެ 32 ވަނަ މާއްދާގައި ބުނެފައި ވަނީ ދައުލަތުގެ ހުއްދައެއް ކުރިން ހޯދުމަކާ ނުލައި ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށް ލިބިގެންވާ ކަމަށެވެ.

ވ

comment ކޮމެންޓް