އައްޑޫއަށް ފަހު، އަންނަ މަހު މަހިބަދޫގައި ޖޮބް ފެއާ ބާއްވަނީ

މަހިބަދޫގައި އަންނަ މަހު ބާއްވާ ޖޮބް ފެއާއާ ބެހޭ މައުލޫމާތު ދިނުމަށް ޔޫތު މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ޖޮބް ފެއާގައި ބައިވެރިވާން އެދޭ އޮފީސްތަކަށް އެ ފުރުސަތު ވަނީ ހުޅުވާލާފައި --- ސަން ފޮޓޯ/ ފަޔާޒް މޫސާ

އދ. އަތޮޅަށް އަމާޒުކޮށްގެން އަންނަ މަހު މަހިބަދޫގައި ޖޮބް ފެއާ ބޭއްވުމަށް މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އިން ނިންމައިފި އެވެ.

ދެކުނަށް އަމާޒުކޮށްގެން ބޭއްވި ޖޮބް ފެއާ މި އަހަރުގެ ކުރީކޮޅު އައްޑޫ ސިޓީ ބޭއްވި އިރު، ރާއްޖޭގެ އުތުރުގައި ބާއްވާ ޖޮބް ފެއާ މަހިބަދޫގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެ އެވެ. މަހިބަދޫގައި ބާއްވާ ޖޮބް ފެއާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ ދޭއް އަދި ތިންވަނަ ދުވަހު އެވެ.

ޔޫތު މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އައިމިނަތު އުއްމު ކުލްސޫމް ވިދާޅުވީ، ޖޮބް ފެއާގެ ބޭނުމަކީ ރަށުގައި ތިބެގެން ޒުވާނުންނަށް ވަޒީފާ އަދާކުރެވޭނެ މަގުފަހި ކޮށްދިނުން ކަމަށެވެ.

"ޖޮބް ފެއާ އިން ޒުވާނުން ހިޔާރު ކުރާ ދާއިރާއަކާ ބެހޭ މައުލޫމާތު ދެވިގެންދާނެ. އަދި ޒުވާނުންނަށް ރަށުގައި ތިބެގެން ކުރިއަށްދެވިދާނެ ދާއިރާތަކުގެ މައުލޫމާތު ވެސް ދެވިގެންދާނެ. ޖޮބް ފެއާގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައި، އެކި އޮފީސްތަކާ މިހާރު ވެސް އަޅުގަނޑުމެން މިދަނީ މަޝްވަރާކުރަމުން،" އޭނާ ވިދާޅުވި އެވެ.

އުއްމު ކުލްސޫމް ވިދާޅުވީ، ޖޮބް ފެއާގައި ކެރިޔާ ކައުންސިލިން ދިނުމާއި، އިންޓަވިއުތަކަށް ތައްޔާރު ކޮށްދުނުމާއި، ސީވީ ތައްޔާރު ކުރާނެ ގޮތުގެ މައުލޫމާތު ދެވިގެންދާނެ ކަމަށާއި މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ޖޮބް ފެއާގައި ބައިވެރިވާން އެދޭ އޮފީސްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މަހިބަދޫގައި ޖޮބް ފެއާ ބޭއްވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަހްމަދު ޠާރިގް (ޓޮމް) ދެއްވަމުންދާ އެއްބާރުލުމަށް ޔޫތު މިނިސްޓްރީގެ ފަރާތުން އެ މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރު ހުސައިން އަމީން ވަނީ ހާއްސަ ޝުކުރެއް ދަންނަވައިފަ އެވެ.

comment ކޮމެންޓް