އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީ ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ހަވާލުކުރުމަށް, ޔޫތު މިނިސްޓްރީ އާއި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ)އާ ދެމެދު އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފިއެވެ.
ޔޫތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެމްއޯޔޫގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ފާޠިމަތު އަޙްމަދެވެ. އަދި އެމްއެމްބީސީގެ ފަރާތުން މި އެމްއޯޔޫގައި ސޮއިކުރެއްވީ އެ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް ހަމްދީ އަގީލެވެ.
މިނިސްޓްރީން ބުނީ އެ އެމްއޯޔޫއަކީ ގާނޫނީ އޮނިގަނޑުގެ ތެރެއިން ނޫސްވެރިކަމަށް ވަކި އިންސައްތައެއް ދައުލަތުގެ ބަޖެޓުން ކަނޑައެޅުމާ ގުޅިގެން އަމިއްލަ މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާ ގުޅޭ ކަންކަން، ހަމަހަމަ ކަމާއެކު ދެފުށް ފެންނަ އިންސާފުވެރި ނިޒާމަކުން ކުރިއަށް ގެންދިއުމަށް އެކުލަވާލާފައިވާ އެމްއޯޔޫއެއް ކަމަށެވެ.
އެ އެމްއޯޔޫގެ މަގުސަދަކީ ދައުލަތުގެ ބަޖެޓުން މީޑިއާތަކަށްދޭ މާލީ އެހީތެރިކަމުގެ އެންމެހާ ކަންކަން އެމްއެމްބީސީއާ ރަސްމީކޮށް ހަވާލުކުރުން ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ބައެއް މެންބަރުން: މިމަހު މީޑިއާތަކަށް ފައިސާ ދޫކުރުމުގެ މަސައްކަތް އަންނަނީ ކުރަމުން-- ފޮޓޯ: މީޑިއާ ކޮމިޝަން
އެ އެމްއޯޔޫގެ ދަށުން މާލީ އެހީ ލިބޭ އަމިއްލަ މީޑިއާތަކާއި ފައިސާގެ ތަފުސީލު އެމްއެމްބީސީން ޔޫތު މިނިސްޓްރީއާ ހިއްސާކުރުމާއެކު، އެ ފައިސާ ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް މީޑިއާތަކަށް ދޫކުރުމުގެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ޔޫތު މިނިސްޓްރީން ބުންޏެވެ.
ޔޫތު މިނިސްޓްރީން މީގެ ކުރިން ވަނީ މީޑިއާ ބަޖެޓް ލިބޭ މީޑިއާތަކުގެ ލިސްޓެއް އެކުލަވާލައިފައެވެ. އެކަމަަކު، އެ ލިސްޓު އެކުލަވާލައިފައިވާ ގޮތަށް ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވިއެވެ. އެގޮތުން، އަމިއްލަ 18 މީޑިއާއަކަށް ފައިސާ ދޫކުރާނެ ކަމަށް އިއުލާނުކުރިއިރު، އެންމެ ގިނައިން ފައިސާ ލިބެނީ ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑު)ގެ މަސްލަހަތު އޮންނަ ސަންގު ޓީވީއަށެވެ. އެގޮތުން، އެ ޓީވީއަށް 3.8 މިލިއަން ރުފިޔާ ލިބޭއިރު، ސަންގު އޮންލައިނަށް 1.3 މިލިއަން ރުފިޔާ ލިބެއެވެ.
މީގެ އިތުރުން ލިސްޓު އެކުލަވާލީ، ކުރު މުއްދަތެއްގައި، ބަލަންޖެހޭ ވަރަށް ނުބަލާ ކަމަށާއި، މީޑިއާތަކަށް ފައިސާ ދޫކުރުމުގައި އެ މީޑިއާއެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދަށާއި ކުރާ މަސައްކަތަށް ބަލަންޖެހޭނެ ކަމަށް ގިނަ ބަޔަކު ބުންޏެވެ.
އެގޮތުން، ބައެއް ކުދިކުދި މީޑިއާތަކަށް ފައިސާ ލިބޭކަމުގެ ކަންބޮޑުވުން ބައެއް މީހުން ފާޅުކުރިއެވެ.
އޭގެ ފަހުން ޔޫތު މިނިސްޓްރީން ބުނީ، އަމިއްލަ މީޑިއާތަކަށް މާލީ އެހީ ދިނުމާ ބެހޭ އުސޫލު އެކުލަވާލީ މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އެއްކޮށްލުމުގެ ކުރިން ކަމާ ގުޅުން ހުރި މުއައްސަސާތަކުގެ ލަފާގެ މަތިން ކަމަށެވެ.
އެކަމަކު، އާ މީޑިއާ ކޮމިޝަން އުފެދުމުން އަމިއްލަ މީޑިއާތަކަށް މާލީ އެހީ ދިނުމުގެ ކަންކަން މިނިވަންކަމާ އެކީ ކުރުމަށް އެންމެ އެކަށީގެންވަނީ އެ ކޮމިޝަން ކަމަށް ދެކޭކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ދައުލަތުގެ ބަޖެޓުން އެ 18 މީޑީއާއަށް ޖުމުލަ 28 މިލިއަން ރުފިޔާ ދޫކުރާނެކަން އިއުލާނުކުރީ 29 އޮކްޓޯބަރުގައެވެ. ނަމަވެސް އެ ފައިސާ ދޭން ނިންމި ގޮތަށް ޝަކުވާކުރަން ފެށުމުން, އެ ނިންމުން ޔޫތު މިނިސްޓްރީން ބާތިލުކުރީ ޖެހިގެން އައި ދުވަހެވެ.
އޭގެ ފަހުން، މީޑިއާ ކޮމިޝަނުން ވަނީ، މަސައްކަތް ކުރަމުން އަންނަނީ މި އަހަރު ނިމުމުގެ ކުރިން މީޑިއާތަކަށް ފައިސާ ދިނުމަށް ކަމަށް ބުނެފައެވެ.