މަޖިލިސް މެމްބަރުންގެ އަދަދު އިތުރު ނުވާ ގޮތަށް ގާނޫނު އަސާސީ ކޮމެޓީން އިސްލާހުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: މަޖިލިސް މެމްބަރުންގެ އަދަދު އިތުރު ނުވާ ގޮތަށް ގާނޫނު އަސާސީ އިސްލާހުކުރަން ކޮމެޓީން ވަނީ ނިންމާފައި -- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު 85 މެމްބަރުންނަށް ވުރެ އިތުރު ނުވާ ގޮތަށް ގާނޫނު އަސާސީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން އިސްލާހުކޮށްފި އެވެ.

ކޮމެޓީން ގާނޫނު އަސާސީ އިސްލާހުކުރަން ފާސްކޮށްފައި އެ ވަނީ މީގެ ދެ އަހަރުކުރިން މަޖިލީހަށް ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ގާނޫނު އަސާސީއަށް ހުށަހެޅި އިސްލާހު ދިރާސާކުރުމަށްފަހު އެވެ.

ގާނޫނު އަސާސީގެ 71ވަނަ މާއްދާއަށް އާމިރު ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ ދާއިރާތައް ކަނޑައެޅުމުގައި އިދާރީ ދާއިރާތަކާއި އިންތިހާބީ ދާއިރާތަކުގެ މައްޗަށް ބިނާކޮށް މެމްބަރުންގެ އަދަދަކީ 85 ކަމަށެވެ.

މީގެއިތުރުން ރައްޔިތުންގެ މަޖިލިސް އެކަށައެޅުމުގައި ކަނޑައަޅާފައިވާ އިންތިޚާބީ ދާއިރާތައް ވަކި އިންތިޚާބީ ދާއިރާ ތަކެއްގެ ގޮތުގައި ކަނޑައަޅަން ވާނެ ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ. އަދި އިންތިޚާބީ ދާއިރާއަކުން އިންތިޚާބު ކުރާނީ އެންމެ މެމްބަރެއް ކަމަށް ވެސް އާމިރު ހުށަހެޅުއްވި އިސްލާހުގައި ވަނީ ބުނެފަ އެވެ.

މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އަދަދަކީ 2014ވަނަ އަހަރުގެ މެއި މަހުގެ 28ވަނަ ދުވަހު އެކުލަވާލެވުނު ރައްޔިތުންގެ މަޖިލިސް އެކަށައެޅުމުގައި ކަނޑައަޅާފައިވާ އިދާރީ ދާއިރާތަކާއި އިންތިހާބީ ދާއިރާތަކުގެ މައްޗަށް ބިނާކޮށް 85 މެމްބަރުން ކަމަށެވެ.

ގާނޫނު އަސާސީގެ 71ވަނަ މާއްދާގައި މިހާރު ބުނެފައި ވަނީ މަޖިލީހުގެ މެމްބަރުންގެ އަދަދު ކަނޑައަޅާނީ ރާއްޖޭގެ ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ އާބާދީގެ ފުރަތަމަ ފަސްހާސް މީހަކަށް ނުވަތަ ފަސްހާސް މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކުން މެމްބަރެއް ކަމަށެވެ. އަދި ބުނީ ރާއްޖޭގެ އިދާރީ ދާއިރާއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ އާބާދީގެ ފަސްހާހަށް ވުރެ އިތުރުވާނަމަ އާބާދީގެ ފުރަތަމަ ފަސްހާސް މީހުންނަށް ވުރެ އިތުރުވާ ކޮންމެ ފަސްހާސް މީހަކަށް މެމްބަރެއް ކަމަށެވެ.

ބިލު ހުށަހެޅުއްވި ސަބަބެއް ކަމަށް އާމިރު ވިދާޅުވެފައި ވަނީ ރާއްޖޭގެ އާބާދީ ހަތަރު ލައްކައެއްހާ މީހުންގެ މައްޗަށް ބިނާވެފައިވާއިރު ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި މަޖިލީހަށް އިންތިހާބު ކުރެވޭ މެމްބަރުންގެ އަދަދު އިތުރުވެގެން ދިޔުމަކީ ކަންބޮޑުވާކަމެއް ކަމަށް ވާތީ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު 85 އަށްވުރެ އިތުރުވެގެން ދިއުމަކީ ތިން ބާރު ވަކިވެފައިވާ ޑިމޮކްރަޓިކް ނިޒާމެއްގައި އެންމެ އެކަށޭނެ ކަމެއްގެ ގޮތުގައި ނުދެކޭ ކަމަށް ވެސް އިސްލާހު ހުށަހެޅުއްވި ސަބަބު ތަކުގެ ތެރޭގައި އާމިރު ބަޔާންކުރައްވައިފައި ވެއެވެ.

comment ކޮމެންޓް