އެތަނެކޭ ހިއްސާގެ ބާޒާރެކޭ އެއްގޮތެވެ. އެލާ ވޯޓެެކޭ ނީލަމެކޭ އެއްގޮތެވެ. ޑިމާންޑް ބޮޑުވަމުންގޮސް އަގު އިންތިހާއަށް އުފުލެ އެވެ. ކޮރަޕްޝަންގެ ފައިސާ ބެހިކަމަށް އެއްމެމްބަރު އަނެއް މެމްބަރަކާއި ދިމާލަށް އެދަނީ ގޮވަމުންނެވެ. ހުތުރު ބަހުން އެދަނީ އަޑުގަދަ ކުރަމުންނެވެ. އަގައިގައި ހުންނަ ފެން އެކަކު އަނެކަކު ގަޔަށް އެދަނީ ޖަހަމުންނެވެ. މިއީ ރައްޔިތުންގެ މަންދޫބުން ކަމަށްބުނާ މަޖިލިސް މެމްބަރުންގެ ހާލެވެ.
ރައްޔިތުންގެ ލާބަޔާއި މަންފާއަށް ގާނޫނު ހެދުމަށް އުފައްދާފައިވާ 85 މެމްބަރުންގެ މައްޗަށް އެކުލެވޭ މަޖިލީހުގެ ކޮންމެ މެމްބަރަކަށް މަހެއްގެ މުސާރައަށް 82500 ރުފިޔާ ހަރަދުކުރެ އެވެ. ދަރާވިކިފައިވާ މިރާއްޖޭގެ މެމްބަރުންގެ މުސާރައަށް މަހަކު ހަތް މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ކުރާ އިރު މަޖިލީހުގެ ވާޖިބު ނުވަތަ މަސްއޫލިއްޔަތު އަދާ ކުރެވޭތޯ މިއީ ކުރެވޭ ބޮޑު ސުވާލެވެ.
ދިރާސާތަކުން ވެސް ދައްކަނީ ދިވެހިންގެ ތެރޭގައި އެމަޖިލީހަށް އެއިތުބާރެތް ކަމަށެވެ. ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ހެދި ދިރާސާއަކުން ދައްކާ ގޮތުން ދިވެހިން ގަބޫލް ކުރައްވާ ގޮތުގައި ރާއްޖޭގައި އެންމެ ކޮރަޕްޓް އިދާރާއަކީ ރައްޔިތުންގެ މަޖިލީހެވެ. އެ ޖަމިއްޔާ އިން ހާމަ ކުރާގޮތުގައި ތިންބާރުގެ ތެރެއިން ރައްޔިތުންގެ އެންމެ އިތުބާރު ކުޑަ ތަނަކީ ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: -- ސަން ފައިލް ފޮޓޯ
އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ)ގެ ރައީސް ހަސަން ލުތުފީ ވިދާޅުވީ ރައްޔިތުންގެ މަޖިިސް މެމްބަރުންނާ ދޭތެރޭ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތައް ކުރާއިރު، ކޮރަޕްޝަން ހުއްޓުވުމަށް ހަދަން ޖެހޭ ގާނޫނުތައް އެބޭފުޅުން ހަދާނެ ކަމަށް ގަބޫލް ނުކުރެއްވޭ ކަމަށެވެ. އެހެންކަމުން އެމަޖިލީހަށް މިއަދު ބަދަލުތަކެއް ބޭނުންވެ އެވެ.
މެމްބަރުން ތިބެންވާނީ ރައްޔިތުންގެ ދަށުގައި!
މެމްބަރުން އަބަދުވެސް ތިބެންވާނީ ރައްޔިތުންގެ ބާރު ހިނގާގޮތަށެވެ. ނަމަވެސް މިހާރު ވާގޮތަކީ ހޮވެންދެން ރައްޔިތުންނާ އެކު އުޅެ ހޮވުމާއެކު ފައިސާގެ އަޅުންނަށްވުމެވެ. ދެން ކަން ކުރަނީ މެމްބަރު ހިތަށް އެރިގޮތަށެވެ. ގިނަ ފަހަރު ވަރަށް ހަޑިކޮށެވެ. އެތައް ބޮޑެތި ތުހުމަތުތަކެއް ކުރެވޭ އަދި އެއްޕާޓީން އަނެއް ޕާޓީއަށް ދުވާ ރާއްޖޭގެ މެމްބަރުންނާއި ދޭތެރޭ އެފިޔަވަޅެއް ނޭޅެއެވެ.
ޑިމޮކުރަސީއެއްގައި ރައްޔިތުން ނުރުހުން ވާ ހާލަތުގައި، އެ މަންދޫބު އަނބުރައި ގެނެސް، އެހެން މީހަކަށް ފުރުސަތު ދިނުމުގެ ބާރު އޮންނަންވާނެ އެވެ. ދުނިޔޭގެ އެހެން ބައެއް ގައުމެއްގައި ރައްޔިތުންނަށް އޮންނަނީ މި ފުރުސަތު ދީފައެވެ. "ރިކޯލް އިލެކްޝަން" ނުވަތަ "ރިކޯލް ރިފަރެންޑަމް" ނިޒާމެއްގެ ދަށުންނެވެ. އެފަދަ އުސޫލެއް އޮވެއްޖެ ނަމަ ރައްޔިތުން އިންތިހާބްކުރާ މީހާއާއި ދޭތެރޭ ހިތްހަމަނުޖެހޭ ނަމަ އެކަށީގެންވާ ވޯޓުގެ އަދަދާއެކު ޕެޓިޝަނެއް ހުށައެޅުމުގެ ބާރު ރައްޔިތުންނަށް ލިބިގެންދެ އެވެ. އެއާ އެކު އިތުބާރު އޮތްތޯ ވޯޓް ނަގައި އެމެމްބަރަކު ވަކިކުރެވެ އެވެ. އެއުސޫލަކީ ދުނިޔޭގެ ތަރައްގީ ގައުމުތައް ކަމަށްވާ އިނގިރޭސި ވިލާތާއި ސްވިޒަލެންޑްގެ އިތުރުން ކެނެޑާގައި ވެސް އަމަލު ކުރާ އުސޫލެކެވެ.

އިންތިހާބެއްގެ ވޯޓު ގުނުން، ކުރިއަށްދަނީ- - ސަން ފޮޓޯ/ އަހުމަދު އާޒިފް
ނަމަވެސް ރާއްޖޭގައި އެއުސޫލެއްނެތެވެ. ނަތީޖާ ވަރަށްވެސް ހަޑިއެވެ. ރާއްޖޭގެ ގާނޫނު ބުނާ ގޮތުން މެމްބަރަކު ވަކިކުރެވެނީ ސާބިތު ދަރަންޏެއް އޮވެ ފައިސާ ނުދައްކާ ނަމައާއި ޖިނާއީ ކުށެއްގައި 12 މަހަށް ވުރެ ދިގު މުއްދަތަކަށް ޖަލަށް ދާންޖެހުން ހިމެނެ އެވެ.
މެމްބަރުން އަމަލު ކުރަން ޖެހޭ އުސޫލުތައް މެމްބަރުން ކަނޑައަޅާ އިރު ކޮރަޕްޝަނާއި ފަސާދަ ހުއްޓުވޭނެ ގޮތެއްވެސް މިވަނީ ނުވެފަ އެވެ. މެމްބަރުންގެ މާލީ ބަޔާން ހުށައަޅަންޖެހޭ އިރު ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހިމް ވިދާޅުވަނީ އެމެމްބަރުން މާލީ ބަޔާން ހުށަނޭޅިޔަސް ދެވޭ އަދަބެއް ނޯންނަ ކަމަށެވެ. އެހެންކަމުން ރައްޔިތުންނަށް ބާރުތައް ދީފައި މިއޮންނަނީ މޮހޮނަށް އޮޑިދޭ އުސޫލުންނެވެ.
ޕޮލިޓިކަލް ސައިންސް ދާއިރާ އިން މާސްޓާސް ހައްދަވާ އަދި ބައިނަލްއަގުވާމީ ގުޅުމާ ގުޅޭ ގޮތުން ޕީއެޗްޑީ ހައްދަވާފައިވާ ޑރ. އަލީ ޝަމީމް ވިދާޅުވި ގޮތުގައި މަޖިލީހަކީ ޑިމޮކުރަސީގެ "ފުއްޕާމޭ" އެވެ. ޑިމޮކުރަސީއެއްގައި އިލެކްޓެޑް އެންމެ ބޮޑު ބޮޑީއަކީ މަޖިލިސް ކަމަށްވާ އިރު އެތަން ރަނގަޅަށް ފަންކްޝަން ކުރަން ޖެހޭ ކަމަށާއި އެހެން ނޫންނަމަ ޑިމޮކުރަސީއަށް ނޭވާ ނުލެވޭނެ ކަމަށް ޝަމީމް ވިދާޅުވި އެވެ.

ޑރ. ޝަމީމް ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ--- ސަން ފައިލް ފޮޓޯ
ރައްޔިތުންގެ މަޖިލީހެއްގެ ބޭނުމަކީ ރައްޔިތުންގެ މަސްލަހަތު ދިފާއު ކުރުމެވެ. ގައުމީ ސިޔާސަތު ރޭވުމާއި ތަންފީޒު ކުރުމުގައި ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި މަސައްކަތް ކުރުމެވެ. އެހެންކަމަށްވާ ނަމަ އެމެމްބަރުންނަކީ ކޮންމެ ޕާޓީއަކަށް ނިސްބަތްވިޔަސް ނަފްސު މިނިވަން އަދި ރައްޔިތުންގެ އިތުބާރު އޮތް ބަޔަކަށްވާން ޖެހެ އެވެ. ނަމަވެސް އެއިތުބާރެތްނެތެވެ.
މެމްބަރުންގެ ޝަރުތަކީ ކޮބާ؟
ރައްޔިތުންގެ މައްޗަށް ނިޔާ ކަނޑައަޅާ އުސޫލުތަކާއި ދައުލަތް ތަބާވަން ޖެހޭ ގާނޫނުތައް ހަދާ މެމްބަރުންނަކީ ތޯތޯ ބަޔަކަށް ވެގެން ނުވާނެ އެވެ. އެއީ ގާބިލް އަދި ހުލްގުހެޔޮ ބަޔަކަށްވާންޖެހެ އެވެ. ތައުލީމީ މިރާއްޖޭގެ މަޖިލީހުގައި ޕީއެޗްޑީ ނަންގަވައިގެން އިންނެވީ އެއްމެ މެމްބަރެކެވެ. ގާނޫނީ ދާއިރާ އާއި އެހެނިހެން ދާއިރާތަކުން ތައުލީމް ހާސިލް ކުރައްވާފައިވާ ތައުލީމީ ބޭފުޅުން ވެސް އެބަތިއްބެވެ. ނަމަވެސް ފައިސާ ހުރުމުން ނޫނީ އަޑުގަދަވުމުން ހޮވިފައި ތިބި މެމްބަރުން ވެސް މަދެއް ނޫނެވެ.
ދުނިޔޭގެ ބައެއް ގައުމުތަކަށް ބަލާއިރު ގާނޫނު ހަދާ މަޖިލީހަށް ޝަރުތު ހަމަވަނީ ވަކި މިންވަރެއްގެ ތައުލީމް ހާސިލް ކުރެއްވުމުންނެވެ. ނުވަތަ އެމަޖިލީހެއްގެ ވަކި ޕަސެންޓަކީ ތައުލީމީ ވަކި ފެންވަރެއްގެ ބަޔަކު ތިބޭ ތަނަކަށް ވާންޖެހެ އެވެ. ނުވަތަ ތަޖުރިބާ ހުރި މީހުންނަށް ވާންޖެހެ އެވެ. ނަމަވެސް ރާއްޖޭގައި އެފަދަ ވަކި އުސޫލެއް ނޯވެ އެވެ.
ބޭރު ގައުމުތަކުގެ މަޖިލީހެއްގައި މަސައްކަތް ކުރައްވާފައިވާ ޑރ. ޝަމީމް ވިދާޅުވީ ދުނިޔޭގެ ގިނަ ގައުމުތަކުގައި ވަކި ތައުލީމީ ޝަރުތެއް ހުންނަން ނުޖެހޭ ކަމަށާއި ނަމަވެސް ތަޖުރިބާހުރި އަދި އިލްމީ މީހުން ލިބިއްޖެ ނަމަ ގައުމަށް ކިތަންމެހާ ވެސް ރަނގަޅު ކަމަށެވެ.
މަޖިލީހަކީ އިލްމީ މަސައްކަތް ކުރަން ޖެހޭ ތަންތަންކަމަށްވުމުން މަޖިލީހުގެ އިދާރީ މުވައްޒިފުންނަކީ ތައުލީމީ އަދި އެދާއިރާތަކުގެ ތަޖުރިބާކާރުންނަށް ހަދަން ޖެހޭ ކަމަށް ޝަމީމް ވިދާޅުވި އެވެ. ދުނިޔޭގެ އެހެންގައުމުތަކުގައި ފަންނީ ދާއިރާތަކުގެ ތަޖުރިބާ ނެތް މެމްބަރުން އެބޭފުޅުންގެ މުސާރައިން ހަރަދު ކުރައްވައިގެން ލަފާ ހޯދަވަމުން ގެންދަވާ ކަމަށް ޝަމީމް ވިދާޅުވި އެވެ.

ފެބްރުއަރީ 4، 2016: ރިޔާސީ ބަޔާން ދެއްވުމަށް ދަރުބާރުގޭގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ -- ފޮޓޯ/ ރައީސް އޮފީސް
"މިއޮންނަނީ މެމްބަރުންނަށް ފައިސާ ވެސް ދެއްވާފައި އެބޭފުޅުންގެ ސެކެޓްރީންނާއި ރިސާޗަރުން ކައިރީގައި ގެންގުޅުއްވުމަށް،" ޑރ. ޝަމީމް ވިދާޅުވި އެވެ.
މިފަދަ އިސްލާމީ ގައުމެއްގެ ގާނޫނު ހަދާ މަޖިލީހުގައި ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ތިބޭ މެމްބަރުންނަކީ އީމާންތެރި ބަޔަކަށް ވާންޖެހެ އެވެ. އަހުލާގު ހެޔޮ ނަފްސު ސާފް ބަޔަކަށް ވާންޖެހެ އެވެ. ނަފްސުގެ އަގު ބޮޑު ބަޔަކަށް ވާންޖެހެ އެވެ. ނުފޫޒެއްނެތި ތިމާގެ ވިސްނުމާއި ފިކުރުގެ ތެރެއިން މަސައްކަތް ކުރެވޭނެ ބޭފުޅަކަށް ވާންޖެހެ އެވެ.
ޝެއިހް ފަހުމީ ދީދީ ވިދާޅުވީ އެމެމްބަރަކުންނަކީ އިސްލާމްދީނުގެ އަސާސީ ކަންކަން އެނގޭ ބަޔަކަށް ވާންޖެހޭނެ ކަމަށެވެ. އެހެން ނޫންނަމަ ދީން ދަންނަ ބޭފުޅުންގެ ލަފަޔާއި މަޝްވަރާ ހޯދަންޖެހޭނެ ކަމަށެވެ.
ވޯޓް ނުވިއްކާ ވިސްނާ!
މިއަދު ބާރުގަދަ މެމްބަރުން އެހިސާބަށް އައިސްފައި އެތިބީ ރައްޔިތުންގެ ވޯޓާއެކުވެ އެވެ. އެހެންކަމަށްވާއިރު އެފަދަ މަޖިލީހަކަށް މެމްބަރުން އިންތިހާބް ކުރާއިރު އެއީ ގާބިލް ބަޔަކަށް ހަދަންޖެހެ އެވެ. މާލީ ފައިދާއަށް ވިސްނާފައި ވޯޓު ލުމަށްވުރެ ގައުމު އިސްކޮށް ވޯޓް ލާންޖެހެ އެވެ.
"ރައްޔިތުން ވަރަށް ބޮޑަށް ހޭލުންތެރިވާން ޖެހޭ، އެރައްޔިތުންނަށް ކޮންމެ ފަސް އަހަރަކުން ލިބިދޭ ރަނުގެ ފުރުސަތުގައި އިތުބާރުކުރެވޭ ރަނގަޅު ފަރާތެއް ވޯޓުލުމަށް ރައްޔިތުން ހޭލުންތެރިވާންޖެހޭ، އެއީ ވަރަށް މުހިންމުކަމެއް،" ޑރ. ޝަމީމް ވިދާޅުވި އެވެ.
މިއަދު ދިވެހިން ގުރުބާން ވެގެން ނަމަވެސް ކުރާން ޖެހިފައި އޮތް ކަމަކީ މުޖުރިމުންނާއި ފާސިގުންނާއި މުނާފިގުންނަށް ގައުމުގެ ގާނޫނު ހަދާ މަޖިލިހުގެ ގޮނޑިތަކަށް ނާދެވޭ ގޮތެއް ހެދުމެވެ. ގެނެވިއްޖެ ނަމަ ބޭލޭނެގޮތެއްހެދުމެވެ. އެހެން ނޫންނަމަ ހަމަ ޖެހުމެއްނެތެވެ.