އެއްވެސް ކޮމާންޑަރަކު ގާނޫނާ ހިލާފު އަމުރެއް ނުކުރާނެ: އަރީފް

ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފު-- ފޮޓޯ/ ފުލުހުން

ފުލުހުންގެ އެއްވެސް ކޮމާންޑަރަކު އެއްވެސް ފުލުހަކަށް ގާނޫނާ ހިލާފު އަމުރެއް ނުކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަބަދުވެސް އޮންނަ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފް ވިދާޅުވެއްޖެ އެވެ.

ފުލުހުންނަކީ ގާނޫނީ މަސައްކަތްތަކަކާ ގައުމީ ހިދުމަތުގެ ވަރަށް ފުރިހަމަ ވާޖިބެއް އަދާކުރަމުންދާ ބައެއް ކަމަށް ފާހަގަކުރައްވައި ފުލުހުންގެ މެނޭޖްމަންޓް ބޯޑުގެ މިއަދުގެ ބައްދަލުވުމުގައި ސީޕީ އަރީފް ވިދާޅުވީ، ކޮންމެ ފުލުހަކު ވެސް މަސައްކަތް ކުރަމުންދާނީ ގާނޫނީ އިމުގެ ތެރެއިން އަދި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

އަދި ވިދާޅުވީ ކޮންމެ ކޮމާންޑަރަކު ވެސް ފުލުހުންގެ މަސައްކަތްތައް އެގޮތުގެ މަތީން ކަށަވަރު ކުރަން ޖެހޭ ކަމަށެވެ.

"ފުލުހުންގެ ސަފުތަކުގެ ބަދަހިކަން ނަގާލައި ބައިބައިވުން އުފެދޭ ގޮތަށް މުޖުތަމައުގައި ކުރެވެމުންދާ މަސައްކަތްތަކަށް ބަލައި އެކަންކަން ހުއްޓުވަން ކުރަންޖެހޭ މަސައްކަތްތައް ކޮންމެ ކޮމާންޑަރަކު ވެސް އަދި ކޮންމެ ވެރިއަކު ވެސް މަސައްކަތްކުރަން ޖެހޭނެ،" ސީޕީ އަރީފު ވިދާޅުވި އެވެ.

ފުލުހުންގެ މަސައްކަތުގެ އެންމެ ބޮޑު ކާމިޔާބީއަކީ ހުރިހާ ފުލުހުންނާ މުވައްޒަފުން އެކަތިގަނޑަކަށްވެ އެއް ރޫހެއްގައި މަސައްކަތް ކުރުން ކަމަށާއި އެގޮތުގައި އެކަން ދަމަހައްޓަން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ވެސް އޭނާ ވަނީ މިއަދުގެ ބައްދަލުވުމުގައި ވިދާޅުވި އެވެ.

އެގޮތުން ސީޕީ ވިދާޅުވި ގޮތުގައި، ކޮންމެ ކޮމާންޑަރަކީ ވެސް ފުލުހުންނާ ގާތުން މަސައްކަތްކޮށް މުވައްޒަފުންގެ މަސައްކަތްތައް ބަލައި މޮނިޓާ ކުރަން ޖެހޭނެ ބޭފުޅެއް ކަމަށާއި އެއްވެސް ކޮމާންޑަރަކަށް ނޭނގި ހަމައެންމެ ކަމެއް ވެސް ކުރެވިގެން ނުވާނެ ކަމަށެވެ.

ގައުމުގެ ހަމަޖެހުމާއި ރައްކާތެރިކަން ދަމަހައްޓާ ރައްޔިތުންނަށް ލިބިދޭންޖެހޭ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކަށް ހާއްސަ އިސްކަމެއް ދެއްވައިގެން ކުރެއްވުމަށް ސީޕީ އަރީފު ވިދާޅުވީ، ފުލުހުންނަށާއި ފުލުހުންގެ މަސައްކަތަށް ރައްޔިތުން ކުރަމުންދާ އިތުބާރު ދެމިއޮންނާނެ ގޮތަށް މަސައްކަތްތައް ބައްޓަންކޮށްގެން ކުރިޔަށް ގެންދިއުމަކީ އެންމެ މުހިއްމު ކަމެއް ދޭންޖެހޭ ކަންކަން ކަމަށެވެ.

comment ކޮމެންޓް