ގާތުންދިނުން : ކޮންމެހެން އެނގެންޖެހޭ އަސާސީ ކަންތައްތަކާ، ވަޒީފާއަށް ދަމުން ގާތުން ދިނުން ކުރިޔަށްގެންދިއުން

ގާތުންދިނުމަކީ ތުއްތު ދަރިފުޅަށްދެވޭ އެންމެ ފައިދާހުރި ކާނާ އެވެ. އެހެންކަމުން ގާތުން ދިނުމާއި ގުޅޭގޮތުން އެނގެންޖެހޭ އަސާސީ ކަންތައްތައް ކޮންމެ މަޔަކުމެ، އެނގި ދަސްކުރުމަކީ ބޭނުންތެރި ކަމެކެވެ. ގާތުންދޭންވީ ކިހާ އަވަސް އަވަހަކަށް ކަމާއި، ތުއްތު ދަރިފުޅަށް ގާތުން ދިނުމަށް ބޭއްވިފައި އޮތީ ރަނގަޅަށްކަމާއި، އަދި ތުއްތު ދަރިފުޅަށް ރަނގަޅަށް ކިރުބޮވޭކަމުގެ ނިޝާންތައް ކޮންމެ މަޔަކަށް އެނގިފައި ހުރުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ.

ގާތުންދޭނީ ކިހާ އަވަސް އަވަހަކަށް؟

ދަރިފުޅު އުފަންވާތާ ވީހާވެސް އަވަހަކަށް، އެންމެ ލަސްވެގެން 1 ގަޑިއިރުގެ ތެރޭގައި ގާތުން ކިރުދޭން ފެށުމަކީ ވަރަށް މުހިއްމު ކަމެކެވެ. ތުއްތު ދަރިފުޅު ބޭނުންވާވަރަކަށް ނުވަތަ ބޭނުންވާހާ އަވަސް އަވަހަށް މައިމީހާގެ ގާތުންދެމުން ގެންދެވިދާނެ އެވެ. އެގޮތުން ކޮންމެ ދުވާލަކު މަދުވެގެން 12-8 ފަހަރާއި ދެމެދުގެ އަދަދަކަށް ގާތުންދިނުމަކީ ވަރަށް މުހިއްމު ކަމެކެވެ. ރޭގަނޑު ކަމަށްވިޔަސް ދަރިފުޅު ބޭނުންވާ ފަހަރަކު ބޭނުންވާ އިރަކު ބުއްޖެއްސުމަކީ ކިރުދޭ މައިން ސަމާލުކަންދޭން ޖެހޭނެ ކަމެކެވެ. ގާތުންކިރުދޭން ދަތިވަންޏާ އެންމެ ރަގަޅުވާނީ ކިރު ފެލާފައި ނުވަތަ ގާތުން ކިރު ނަގާފައި ދަރިފުޅަށް ޖެއްސުމެވެ. ތުއްތު ދަރިފުޅުގެ އުމުރުން 6 މަސް ވަންދެން ހަމައެކަނި ގާތުންދިނުމަކީ ތުއްތު ދަރިފުޅުގެ ސަލާމަތާއި، ރައްކާތެރިކަމާއި، ދުޅަހެޔޮކަމަށްޓަކައި ގިރާކުރެވޭ ވަރަށް މުހިއްމު ހަރުފަތެކެވެ. އަދި ހުއްޓާނުލާ ތުއްތު ދަރިފުޅުގެ އުމުރުން 2 އަހަރު ވަންދެން ގާތުންދިނުން ކުރިޔަށް ގެންދިއުމަކީ ވެސް ނުހަނު ބޭނުންތެރި ކަމެކެވެ.

ތުއްތު ދަރިފުޅަށް ބޭނުންވާ ވަރަށް މައިމީހާގެ ގާތުން ކިރު ލިބޭނަމަ ތުއްތު ދަރިފުޅުގެ ބަރުދަނަށް ކޮންމެ މަހަކު 500ގުރާމް އިތުރުވަމުންދާނެއެވެ. އަދި 24 ގަޑިއިރުގެ ތެރޭގައި މަދުވެގެން 6 ފަހަރު ތުއްތު ދަރިފުޅު ކުޑަކަމުދާނެ އެވެ. އުމުރުން 6 މަސްވުމަށްފަހު އިތުރު ކާނާ ދޭން ފެށިޔަސް، ގާތުން ދިނުން ހުއްޓާނުލާ މަދުވެގެން 2 އަހަރު ހަމަވަންދެން ކުރިޔަށް ގެންދަންވާނެ އެވެ.

ދަރިފުޅު ބުއްދޭން ބޭއްވިފައި އޮތީ ރަގަޅަށްތޯ ބެލުން

ގާތުންކިރުދޭ އިރު މައިމީހާ ކުއްޖާ ބާއްވާގޮތާއި، އުރަމަތީގެ ވަށްގަނޑު ކުއްޖާގެ އަނގަޔަށް ލެވިފައިވާގޮތް ރަގަޅުވުމަކީ ވަރަށް މުހިއްމު ކަމެކެވެ. ރަނގަޅަށް ކުއްޖާ ބޭއްވުމުން، ކުއްޖާގެ އަނގައިގެ ތެރެއަށް މައިމީހާގެ ވަށްގަނޑު ފުރިހަމައަށްލުމަށް މަގުފަހިކޮށްދީ، ކިރުބުއިމަށް އެހީތެރިވެދޭނެ އެވެ.

ދަރިފުޅު ބުއްދޭން ބޭއްވިފައި އޮތީ ރަގަޅަށްތޯ އެނގޭނެ ނިޝާންތަކަކީ:-

  • ދަރިފުޅުގެ ބޮލާއި،ކޮނޑު އަދިމުޅިހަށިގަނޑު މަންމައާއި ކުރިމަތިވާ (ދިމާވާ) ގޮތަށް ސީދަލަށް އަނބުރާލެވިފައި އޮތުން
  • ދަރިފުޅުގެ ނޭފަތް، އަދި މަތީ ތުންފަތް މައިމީހާގެ ކިރުގެ ވަށްގަނޑާ ދިމާވާގޮތަށް އޮތުން
  • މަންމައާއި ވީހާވެސް ގާތުގައި ދަރިފުޅު ބޭއްވިފައި އޮތުން / މަންމައާއި ވީހާވެސް ކައިރިކޮށްފައި އޮތުން
  • ބޮލާއި، ކަނދުރާ، އަދި ބުރަކަށީގައި ރީތިކޮށް އަތުން ހިފެހެއްޓިފައި އޮތުން
  • ދަރިފުޅު ހަމަޖެހިލައިގެން އުފަލުގައި އޮތުން

ދަރިފުޅަށް ރަގަޅަށް ކިރުބޮވޭކަމުގެ ނިޝާންތައް ދެނެގަތުން

ދަރިފުޅަށް ރަގަޅަށް ކިރުބޮވޭކަމުގެ ނިޝާންތަކަކީ:-

  • ދަރިފުޅު ރަގަޅަށް އަނގަ ހުޅުވައިގެން އޮތުން
  • ދަރިފުޅުގެ ދަތްދޮޅި މައިމީހާގެ އުރަމަތީގައި ރަގަޅަށް ޖެހިފައި އޮތުން
  • އުރަމަތީގެ ކޮޅުގައި ވަށައިގެން ހުންނަ ކަޅުބައި، ދަރިފުޅުގެ އަނގައިގެ މަތީ ފަރާތުން، ދަށްފަރާތަށްވުރެ ބޮޑަށް ފެންނަންހުރުން (މަތީ ތުންފަތަށްވުރެ ތިރީތުންފަތުން އުރަމަތީގެ ކަޅުބައި ފޮރުވިފައި ހުރުން)
  • ދަރިފުޅު ބާރަށް ދިގުކޮށް ދަމަމުން ގެންދިއުން (ލަސްލަހުން ދެމުން)
  • ދިރުވާއަޑު އިވުން، ނުވަތަ ކަތުރު ކަށިގަނޑު ހަރަކާތްކުރާތަން ފެނުން
  • ދަރިފުޅު ގާތުން ކިރުބުއިމަށް ވަށްގަނޑަށް ދަމާއިރު، މަންމައަށް އެއްވެސް ކަހަލަ ތަދެއް އިހުސާސްނުވުން

ދަރިފުޅަށް ގާތުންކިރުދޭއިރު ބޭއްވިފައި އޮތްގޮތް ރަގަޅު ނޫންނަމަ ދިމާވެދާނެ ކަންތައްތަކުގެ ތެރޭގައި އުރަމަތީގެ ވަށްގަނޑުގެ ކޮޅު ފާރުވެ، ކަނޑައިގެން ދިއުން، އުރަމައްޗަށް ފުދޭވަރަށް ކިރުއެރިފައި ނުހުރުން، އަދި ދަރިފުޅު ކިރުނުބޯން އުޅުން ފަދަ ކަންތައްތައް ހިމެނެއެވެ.

ހުރިހާ މައިންނަށް ވެސް ގާތުންދެވޭނެ

ބައެއް ފަހަރު ވިހެއުމަށްފަހު ބައެއް އަންހެނުންނަށް ގާތުން ދިނުމުގައި އުނދަގުލެއް ހުރުމަކީ އެކަށީގެންވާ ކަމެކެވެ. މިފަދަ މައިންނަށް އެމީހުންގެ ގާތުގައި އެކަށޭނަ ވަރަށް ކިރު ނުހުންނަކަމަށް ހީވެފައި އޮވެދާނެ އެވެ. އަދި ބައެއް ފަހަރު އެމީހުންގެ ތުއްތު ދަރިފުޅަށް ފުދޭ ވަރަށް ކިރު ދެވޭވަރަށްވުރެ އެމީހުން މާނިކަމެތިކަމަށް އިހުސާސް ކުރެވިފައި އޮވެދާނެ އެވެ. ނަމަވެސް މިކަންކަމަކީ ހަގީގަތުއި ކުރެވޭ ވަރަށް ބޮޑެތި ކުށްހީ ތަކެކެވެ. ގަބޫލުކުރަންޖެހޭ ހަގީގަތަކީ ހުރިހާ މައިންނަށް ވެސް އެމީހުންގެ ތުއްތު ދަރިފުޅަށް ފުދޭވަރަށް ކައިރީގައި ކިރުހުންނަކަމެވެ. މިފަދަ މައިންނަށް ބޭނުންވަނީ ބުއްޖައްސަންވީގޮތް ދަސްކޮށްދިނުމާއި، މައިންނަށް ގާތުން ދިނުމަށް ބާރުއަޅައި އެކަމަށް ހިތްވަރު ދިނުމެވެ.

ތުއްތު ދަރިފުޅު އުފަންވާތާ ކުރީކޮޅު އަވަސް އަވަހަށް ގާތުން ކިރު ދިނުމަކީ މައިމީހާގެ އުރަމައްޗަށް ކިރުއެރުން އިތުރުވާނެ ކަމެކެވެ. އަދި މިއީ ކިރު އުފެދުން ވެސް އިތުރުކޮށްދޭނެ ކަމެކެވެ. އަދި އަވަސް އަވަހަށް ގާތުން ދިނުމުން، ތުއްތު ދަރިފުޅަށް ބޭނުންވާ މިންވަރަށް އަބަދުވެސް މައިމީހާގެ ގާތުގައި ކިރު ހުންނާނެ އެވެ.

ވަޒީފާއަށްދާ ގާތުންދޭ މައިން ކަންތައްކުރާނީ ކިހިނެއް؟

ވަރަށް ގިނަ މީހުންނަކީ ވިހެއުމަށްފަހު ލިބޭ ޗުއްޓީ ހަމަވުމާއެކު އަނެއްކާ ވެސް ވަޒީފާއަށް ނިކުންނަންޖެހޭ މީހުންނެވެ. ވަޒީފާގައި އުޅެމުން ތުއްތު ދަރިފުޅަށް ގާތުން ދިނުމުގައި އުނދަގޫތަކާ ކުރިމަތިވާ ފަހަރު ވެސް އާދެއެވެ. ނަމަވެސް މިފަދަ ހާލަތުގައި ވެސް ހުއްޓާނުލާ ތުއްތު ދަރިފުޅަށް ގާތުން ދިނުން ކުރިޔަށް ގެންދިއުމަށް އިސްކަން ދިނުމަކީ މުހިއްމު ކަމެކެވެ.

މަސައްކަތަށް ނިކުތުމަށްފަހު ވެސް ލިބޭ ހުސްވަގުތުކޮޅުގެ ބޭނުން ހިފައި، ގެއަށް ގޮސް ތުއްތު ދަރިފުޅާއި އެއްތަންވުމުން ގިނަގިނައިން ގާތުން ދިނުމަކީ ބޭނުންތެރި ކަމެކެވެ. އެހެނީ ގިނައިން ބުއްދިނުމުން އުރަމައްޗަށް ކިރުއެރޭ މިންވަރު ވެސް އިތުރުވާނެ އެވެ. އާންމު ގޮތެއްގައި އެމީހެއްގެ މަސައްކަތުގެ މާހައުލު ހުންނަ ގޮތުން ބުއްދިނުމަށް ގެއަށް ނުދެވޭނަމަ، މަސައްކަތު ގަޑީގައި ތުއްތު ދަރިފުޅާއި ދުރުގައި ހޭދަވާ ވަގުތުތަކުގައި ދެވޭ ވަރަށް ދެތިން ފަހަރު ކިރު ފެލާފައި ރަނގަޅަށް މަތިޖެހޭ ސާފު އެއްޗަކަށް އަޅާފައި ބެހެއްޓިދާނެ އެވެ. ދަރިފުޅާއި ދުރުގައި 6-3 ގަޑިއިރު ހޭދަވާނަމަ، ފެލާފައި ހުރި ކިރު ދެވިދާނެ އެވެ. މިގޮތުން ފެލައިގެން ނަގާފައިވާ ކިރު ތުއްތު ދަރިފުޅަށް ދޭންވާނީ ސާފުކޮށް ހުންނަ ޖޯޑު، ތަށި، އަދި ސަމުސާ ފަދަ ތަކެތީގެ އެހީގައެވެ. ކޮޓަރީގެ ފިނިހޫނުމިނު (ގާތްގަނޑަކަށް 25 ޑިގްރީ ސެލްޒިއަސް) ގައި މައިމީހާގެ ކިރު ގާތްގަނޑަކަށް 4-3 ގަޑިއިރު ވަރު ވަންދެން ނުބައިނުވެ، ހުންނާނެ އެވެ. އައިސްއަލަމާރީގައި 24 ގަޑިއިރު ނުބައިނުވެ ހުންނާނެ އެވެ.

މަސައްކަތް ކުރަމުން ވެސް ގާތުންދެވޭނެ ގޮތް ފަހިވެފައި އޮތުން މުހިއްމު

މަސައްކަތުގެ މާހައުލުގައި ގާތުންދެވޭނެ ގޮތް ފަހިވެފައި އޮތުމާއި، ވަޒީފާގައި އުޅެމުން ވެސް ގާތުން ދެވޭނެ ގޮތް ހަމަޖެހިފައި އޮތުމަކީ މުހިއްމު އަދި ވަރަށް ބޭނުންތެރި ކަމެކެވެ. އެއީ ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. ވިޔަފާރިތަކުގެ މާލީ ޙާލަތު ރަނގަޅުކޮށްދީ، މުއައްޒަފުންގެ މެދުގައި އޮންނަ ގުޅުން ރަނގަޅުވެ، ހަރުދަނާ ވާނެ ކަމެކެވެ. އަދި އެއީ މަސައްކަތްކުރާ ކިރުދޭ މައިންނަށް ތަފާތެއް ގެނެސްދޭނެ ކަމެއްކަން ޔަގީނެވެ. ހޯދިފައިވާ ގޮތުގައި ގާތުން ދިނުން ހުއްޓާލާ އެންމެ އާންމު ސަބަބަކީ ވިހެއުމަށްފަހު އަވަހަށް އެނބުރި މަސައްކަތަށް ނިކުންނަށް ޖެހުމެވެ.

ގާތުންދޭ މައިންނާއި އެކުގައި އޮފީސް ތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ވެސް މިކަމުގައި އެފަދަ މައިންނަށް އެހީތެރިކަން ފޯރުކޮށްދެވިދާނެ އެވެ. އެގޮތުން އެފަދަ މައިންނަށް ތުއްތު ދަރިފުޅަށް ގާތުން ދިނުމަށް ގެޔަށް ދަރިފުޅުގެ ކައިރިއަށް ދިއުމަށް ވަގުތު ދިނުމުގައި އެއްބާރުލުން ދިނުމާއި، ގާތުން ދިނުމަށް ހިތްވަރުދީ އެކަމަށް ބާރުއެޅުމާއި، އަދި ގާތުންދޭ މައިމީހާއަކީ ޚާއްޞަ މީހެއް ކަމުގައި ގަބޫލުކުރުން ފަދަ ކަންތައްތައް ހިމެނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް