ފިޝަރީޒް އިންފޮމޭޝަން ސިސްޓަމް، "ކެޔޮޅު" ތައާރަފުކޮށްފި

ފިޝަރީޒް އިންފޮމޭޝަން ސިސްޓަމް ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

ރާއްޖޭގެ މަސްވެރިކަމާ ގުޅޭ އެކިއެކި މައުލޫމާތުތައް ރައްކާކުރުމަށް ފިޝަރީޒް މިނިސްޓްރީން ތައްޔާރުކޮށްފައިވާ ފިޝަރީޒް އިންފޮމޭޝަން ސިސްޓަމް "ކެޔޮޅު" ތައާރަފުކޮށްފިއެވެ.

މިއަދު ހެނދުނު ކަނޑުއޮތްގިރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ސޮފްޓްވެއާ ތައާރަފްކޮށްދެއްވީ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އެވެ.

ފިޝަރީޒް އިންފޮމޭޝަން ސިސްޓަމް ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

އެ ސިސްޓަމާ ގުޅޭ މައުލޫމާތު ދެއްވަމުން ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ، އެ ސިސްޓަމަކީ މިހާހިސާބަށް ރާއްޖެއިން ތަފާސްހިސާބުތައް ނަގަމުން އައި ގޮތް މުޅިން ބަދަލުކޮށްދޭނެ ސިސްޓަމެއް ކަމަށެވެ. އެގޮތުން މަސްވެރިކަމާގުޅޭ ތަފާސް ހިސާބުތަކުގެ މައުލޫމާތު ބޭނުންވާ ރާއްޖެއިން މަސްގަންނަ ބޭރުގެ ފަރާތްތަކަށް އެ މައުލޫމާތުތައް ފަސޭހައިން ފޯރުކޮށްދޭނެކަމަށް ވިދާޅުވިއެވެ.

"މީގެ ސަބަބުން އެންމެ ބޮޑަށް ލިބޭނެ އެއް ފައިދާއަކީ އަޅުގަނޑުމެންނަށް، ރިޕޯޓް ކުރަންޖެހޭ ފަރާތްތަކަށް ނުވަތަ މަސްވެރިކަން ބަލަހައްޓަންޖެހޭ ފަރާތްތަކަށް އަޅުގަނޑުމެން ކުރަންޖެހޭ ރިޕޯޓްތައް ކުރުމުގައި ލަސްތަކެއް ނުވެ އަވަހަށް މިކަމާގުޅޭ މައުލޫމާތުތައް ގެނެސްދިނުން،" ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ޕްރޮގްރާމް އިތުރަށް އަޕްޑޭޓްކޮށް ކުރިއަށް އޮތްތާގައި މަސްވެރިންނަށް މޮބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް އެބޭފުޅުންގެ "މަސް ރިޕޯޓް" ފަސޭހައިން ހުށަހެޅޭނެ މަގު ފަހިކޮށްދެއްވާނެ ކަމަށެވެ.

ފިޝަރީޒް އިންފޮމޭޝަން ސިސްޓަމް ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

މިނިސްޓަރު ވިދާޅުވީ މިހާރުވެސް މަސް އެކްސްޕޯޓް ކުރުމުގެ ކަންކަން ކުރިއަށްގެންދާ އިރު، އެ އެކްސްޕޯޓް ކުރާ ފަރާތްތަކަށް ބޭނުންވާ ސެޓްފިކެޓް ލިބުމަށް ގާތްގަނޑަކަށް އަށް ގަޑިއިރު ހޭދަވާ ކަމަށެވެ. ނަމަވެސް މިއަދު ތައާރަފުކުރި ސިސްޓަމާ އެކު އެކަންކަން "މިނިޓެއްގެ ތެރޭގައި އޮޓޮމެޓިކުން ނިންމާލެވޭނެ" ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް