ތައިލެންޑުގައި ވެރިކަން ކުރަމުން އަންނަ އަސްކަރީ ސަރުކާރަށް ޚާއްސަ ބާރުތަކެއް ލިބޭގޮތަށް، އެ ސަރުކާރުގެ ފަރާތުން އެކުލަވާލައި އަދި ރައްޔިތުންގެ ޚިޔާލު ހޯދުމަށް ހުށަހެޅި އާ ގާނޫނު އަސާސީއަށް އެގައުމުގެ ރައްޔިތުން ރުހުން ދީފިއެވެ.
އަސްކަރީ ސަރުކާރުން އެކުލަވާލި އާ ގާނޫނު އަސާސީއާ މެދު ރައްޔިތުން ރުހޭތޯ ނުވަތަ ނުރުހޭތޯ ބެލުމަށް އިއްޔެ ތައިލެންޑުގައި ފެންނަ ނުފެންނަ ވޯޓެއް ވަނީ ނަގައިފައެވެ.
ރެއާ ހަމައަށް ޖުމްލަ ވޯޓުގެ 94 ޕަސަންޓު ގުނާ ނިމުނު އިރު، ނަތީޖާތައް ދައްކާ ގޮތުގައި، އާ ގާނޫނު އަސާސީއަށް ރުހޭ ކަމަށް 61.4 ޕަސަންޓު ރައްޔިތުން ބުނެފައި ވެއެވެ. އެ ގާނޫނު އަސާސީއާ ދެކޮޅަށް ވޯޓު ދިނީ 37.9 ޕަސަންޓު މީހުންނެވެ.
ވޯޓު ލާން ނުކުތީ، ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ ރަައްޔިތުންގެ ތެރެއިން ކިރިޔާ 50 ޕަސަންޓަށް ވުރެ އިތުރުވާ އަދަދަށް ވާ ރައްޔިތުންނެވެ.
މިހާ މަދު އަދަދެއްގެ މީހުން ވޯޓު ލާން ނުކުތް ކަމަށް ބެލެވެނީ، އިންތިޚާބާ ގުޅުވައިގެން އަސްކަރީ ސަރުކާރުން ތަންފީޒުކުރަން ފެށި ބައެއް ގާނޫނުތަކުގެ ސަބަބުންނެވެ. އިންތިޚާބާ ދިމާކޮށް، އާ ގާނޫނު އަސާސީއާ ގުޅޭގޮތުން މިނިވަން ބަހުސްތައް ބޭއްވުމާއި ފާޑު ކިޔުން ފަދަ ކަންކަން މަނާ ކުރެވުނެވެ. އަދި އެކަމާ ގުޅިގެން ގިނަ ބަޔަކު ހައްޔަރު ވެސް ކުރެވުނެވެ.
"އެހެންކަމުން ބެލެވޭ، އިދިކޮޅު ފަރާތްތަކާއި އަސްކަރިއްޔާއަށް ފާޑުކިޔާ މީހުން ވޯޓުލާން ދިއުމަށް ޖެހިލުންވީ ކަމަށް،" ތައިލެންޑުގައި ހުރި އަލްޖަޒީރާގެ ކޮރެސްޕޮންޑެންޓު ބުނެއެވެ.
ތައިލެންޑުގެ ގާނޫނު ހަދާ މަޖިލީހުގައި މަތިގެއަކާއި ތިރިގެއެއް ހުންނަ އިރު، މަތިގޭގެ މެމްބަރުންގެ ދެބައިކުޅަ އެއްބައި އައްޔަނުކުރާނީ ސަރުކާރުންނެވެ. އަދި އަނެއް ބަޔަކީ ރައްޔިތުން އިންތިޚާބުކުރާ ބައެކެވެ.
އާ ގާނޫނު އަސާސީ ބުނާ ގޮތުގައި، އެ ގައުމުގެ ސެނެޓް ނުވަތަ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ ބަދަލުވާނީ ސަރުކާރުގެ ފަރާތުން އައްޔަނުކުރާ ބަޔަކު ތިބޭ ތަނަކަށެވެ. އެތަނަށް އައްޔަނުކުރާނީ ސަރުކާރުން ބޭނުންވާ ބައެކެވެ.
މީގެ އިތުރުން ގާނޫނު ހަދާ މަޖިލީހުގެ މަތިގެއަކީ، ތިރިގޭގެ ކޮންމެ ނިންމުމެއް ވީޓޯ ކުރުމުގެ ބާރު ލިބޭ ތަނަކަށް ބަދަލުވާނެ އެވެ. ގާނޫނު އަސާސީއަށް އިސްލާހެއް ގެނެވިއްޖެ ހާލަތެއްގައި، މެޖޯރިޓީއަށް ފެންނަ ގޮތަށް ކަން ނިންމުމުގެ ބަދަލުގައި، ސެނެޓުގެ އެންމެ މެމްބަރަކު ކަމަކާ މެދު ނުރުހުނަސް އެ ބަދަލެއް ނުގެނެވޭނެއެވެ.
ބަރުލަމާނީ ސަރުކާރެއް އޮންނަ ގައުމެއްގައި ބޮޑުވަޒީރަކީ ގާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ އޮންނަ ޕާޓީގެ ލީޑަރުކަން ކުރާ، ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެކެވެ. އެހެން ނަމަވެސް ތައިލެންޑުގެ މިހާރުގެ ބޮޑުވަޒީރުކަން ކުރާ ޖެނެރަލް ޕްރާޔުތު ޗަން އޮޗާއަކީ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއް ނޫނެވެ.
ރައްޔިތުން އާ ގާނޫނު އަސާސީ ގަބޫލު ކޮށްފައިވާ އިރު، ކުރިޔަށް އޮތް އާންމު އިންތިޚާބުގައި، ގާނޫނު ހަދާ މަޖިލީހުގެ ތިރިގެއާއި މަތިގޭގެ މެމްބަރުކަން ނުކުރާ، އެ މަޖިލީހާ ގުޅުމެއް ވެސް ނެތް މީހަކު ބޮޑުވަޒީރުގެ މަގާމަށް އިންތިޚާބު ވުމަށް ގާނޫނީ ގޮތުން މަގުފަހި ވާނެއެވެ.
ތައިލެންޑުގެ އަސްކަރީ ސަރުކާރުން ބުނާ ގޮތުގައި، އާ ގާނޫނު އަސާސީ ތަސްދީގު ވުމަކީ އެ ގައުމު ޑިމޮކްރަސީގެ މަގަށް އަލުން އަނބުރާ އިޔާދަވުމަށް އެޅޭނެ ފިޔަވަޅެކެވެ.