ޣައްޒާގެ 70 ޕަސަންޓް ކޮންޓްރޯލް ކުރުމަށް އައިޑީއެފްއަށް އަންގައިފިން: ނަތަންޔާހޫ

އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ. ޣައްޒާގެ 70 ޕަސަންޓް ކޮންޓްރޯުު ކުރުމަށް ނަތަންޔާހޫ ވަނީ އިސްރާއީލު ސިފައިންނަށް އަންގަފައި. ފޮޓޯ/ރޮއިޓާސް

ޣައްޒާގެ 70 ޕަސަންޓް ކޮންޓްރޯލު ކުރުމަށް އިސްރާއީލުގެ ދިފާއީ ބާރު، އައިޑީއެފްއަށް އަންގާފައިވަ ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ.

ބުރާސްފަތި ދުވަހު ބޭއްވި ކޮންފަރެންސެއްގައި ނަތަންޔާހޫ ބުނީ އިސްރާއީލުން މިހާރު ދަނީ ހަމާސް ފިއްތާލަމުން ކަމަށާއި، ޣައްޒާގެ 60 ޕަސަންޓް މިހާރުވެސް ކޮންޓްރޯލު ކުރަނީ އިސްރާއީލުން ކަމަށެވެ.

"ހިނގާ ފިޔަވަޅަކުން ފިޔަވަޅަކަށް ދާން. ފުރަތަމަ ކަމަކަށް 70އިން ފަށަމާ. އަހަރެމެން އެމީހުންނަށް ހުރިހާ ފަރާތަކުން ފިއްތާލަނީ، ބާކީ ތިބި މީހުންނާ މުއާމަލާތް ކުރާނަން." ނަތަންޔާހޫ ބުންޏެވެ.

ނަތަންޔާހޫ އެހެން ބުނީ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފައި އޮތް ނަމަވެސް އިސްރާއީލުން ޣައްޒާއަށް ހަމަލާތައް ދެމުންދާ ދަނޑިވަޅެއްގައެވެ.

އޮކްޓޯބަރު މަހު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރަން ފެށި ފަހުން ފަލަސްތީނުގެ 738 މީހުން ޝަހީދުކޮށްލާފައިވާ ކަމަށް ޣައްޒާގެ ސިއްޙަތާބެހޭ ވުޒާރާއިން ހާމަކޮށްފައިވެއެވެ.

ނަތަންޔާހޫ ވަނީ ޣައްޒާގެ 60 ޕަސަންޓަށް ވުރެ ބޮޑު ސަރަހައްދެއް އައިޑީއެފް އިން ކޮންޓްރޯލް ކުރާކަން ކަށަވަރުކޮށްދީފައެވެ.

އެމެރިކާއިން ހުށަހެޅި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުުމުގެ ދަށުން ދެން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ހަމާސް އިން ހަތިޔާރު ނައްތާލައި އިސްރާއީލު ސިފައިން ޣައްޒާއިން ފޭބުމަށް ހަމަޖެހިފައިވީ ނަމަވެސް އިސްރާއީލާއި ފަލަސްތީނުގެ ހަތިޔާރު އެޅި ޖަމާއަތާ ދެމެދު ކުރިއަށްދިޔަ ނުސީދާ މަޝްވަރާތައް ވަނީ ހުއްޓިފައެވެ.

އިސްރާއީލުން ޣައްޒާ ސިޓީއަށް ދިން ހަމަލާއެއްގައި ގެ އެއް އެއްކޮށް ހަލާކުވެފައި. ފޮޓޯ/ރޮއިޓާސް

އިސްރާއީލުގެ ދިފާއީ ވަޒީރު އިސްރާއީލް ކަޓްޒް އެކްސްގައި ލިޔެފައިވާ ގޮތުގައި އިސްރާއީލުން ވަނީ 2023 ވަނަ އަހަރު އޮކްޓޯބަރު ހަތް ވަނަ ދުވަހު ހިނގި ގަތުލުއާންމު އިސްކޮށް އުޅުނު އެންމެން ނައްތާލުމަށް ވައުދުވެފައެވެ.

"އަޅުގަނޑުމެން ވައުދުވީ ހަމާސް އިން ޣައްޒާގައި މަދަނީ ގޮތުންނާއި އަސްކަރީ ގޮތުން ވެސް ވެރިކަން ނުކުރާނެ ކަމަށް." އޭނާ ބުންޏެވެ.

މި ހަފުތާގައި ވެސް އިސްރާއީލުން ވަނީ ޣައްޒާއަށް ވަނީ އެތައް ހަމަލާއެއް ދީފައެވެ. އެގޮތުން ޣައްޒާ ސިޓީގެ އިމާރާތަކަށް އިސްރާއީލުން ދިން ހަމަލާއެއްގައި ފަސް ކުޑަކުދިން ހިމެނޭ ގޮތަށް 10 މީހުން މަރުވެފައިވާ ކަމަށް ޣައްޒާގެ ހޮސްޕިޓަލްތަކާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ އަންގާރަ ދުވަހު ޚާން ޔޫނިސްގައި ކާރަކަށް ދިން ހަމަލާއެއްގައި ހަމާސްގެ ފަންޑްސް ޓްރާންސްފާ ނެޓްވޯކެއްގެ ވެރިޔާ އިހާބް ޚްރީޒިމް އާއި ހަތިޔާރު އުފެއްދުމުގައި ހަރަކާތްތެރިވި ކަމަށް ބުނާ ހަމާސްގެ ޕްރޮޑަކްޝަން ހެޑްކުއާޓަރުގެ ޔުނިޓް ކޮމާންޑަރު މުހައްމަދު އަލް ހަބާޝް މަރުވެފައިވާ ކަމަށް ވެސް ބުނެފައެވެ.

އޮކްޓޫބަރު 2023 ގައި އިސްރާއީލުން ދޭން ފެށި ހަމަލާތަކުގައި ޣައްޒާގެ ބޮޑު ބައެއް ހަލާކުކޮށްލައިފައިވާއިރު އޭގެ ސަބަބުން އެ ސަރަހައްދުގެ އާބާދީގެ 2.2 މިލިއަން މީހުންގެ ތެރެއިން ގިނަ ބަޔަކު ވަނީ މަގުމަތިވެފައެވެ.

އެ ހަމަލާތަކުގައި މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ފަލަސްތީނުގެ 72،742 މީހުން ޝަހީދުކޮށްލާފައިވާއިރު، 172،565 މީހުން ޒަޚަމްކޮށްލާފައިވާ ކަމަށް ޣައްޒާގެ ސިއްޙަތާބެހޭ ވުޒާރާއިން ބުނެއެވެ. މަރުވި މީހުންގެ ތެރޭގައި 21،283 ކުޑަކުދިން ހިމެނެއެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ، ޣައްޒާގެ 70 އިންސައްތަ ސަރަހައްދު ކޮންޓްރޯލްކުރުމަށް އިސްރާއީލުގެ ދިފާއީ ބާރު (އައިޑީއެފް) އަށް އަންގާފައިވާކަން ހާމަކޮށްފައެވެ. އޭނާ ބުނިގޮތުގައި މިހާރުވެސް ޣައްޒާގެ 60 އިންސައްތަ ކޮންޓްރޯލްކުރަނީ އިސްރާއީލުންނެވެ. އެމެރިކާއިން ހުށަހެޅި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ މަޝްވަރާތައް މަޑުޖެހިފައިވާއިރު، އިސްރާއީލުން ދަނީ މެދުކެނޑުމެއްނެތި ޣައްޒާއަށް ހަމަލާތައް ދެމުންނެވެ. މި ހަމަލާތަކުގައި ޣައްޒާގެ އުމްރާނީ ތަރައްގީގެ ބޮޑުބައެއް ހަލާކުވެ، އާބާދީގެ 2.2 މިލިއަން މީހުންގެ ތެރެއިން ގިނަ ބަޔަކު ވަނީ ގެދޮރުގެއްލި މަގުމަތިވެފައެވެ. މީގެ އިތުރުން ހަމާސް ނައްތާލުމުގެ ނަމުގައި އިސްރާއީލުން ދޭ ހަމަލާތަކުގައި އާންމުންގެ ފުރާނައަށް ދަނީ ބޮޑެތި ގެއްލުންތަކެއް ލިބެމުންނެވެ.

  • ޣައްޒާގެ 70 އިންސައްތަ ކޮންޓްރޯލްކުރުމަށް އައިޑީއެފްއަށް އަމުރުކޮށްފައިވާއިރު، މިހާރުވެސް 60 އިންސައްތަ އޮތީ އިސްރާއީލުގެ ބާރުގެ ދަށުގައެވެ.
  • ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް ހުއްޓިފައިވާއިރު، އޮކްޓޯބަރު މަހުގެ އެއްބަސްވުމަށްފަހު އިތުރު 738 މީހުން ވަނީ ޝަހީދުކޮށްލާފައެވެ.
  • 2023 ގެ އޮކްޓޯބަރުން ފެށިގެން މިހާތަނަށް 72،742 މީހުން ޝަހީދުވެ، 172،565 މީހުންނަށް ވަނީ އަނިޔާވެފައެވެ.
  • ހަމާސްގެ ފައިސާއާއި ހަތިޔާރު އުފެއްދުމާ ގުޅޭ އިސް ދެ ކޮމާންޑަރަކު އަވަހާރަކޮށްލާފައިވާކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ދައުވާކުރެއެވެ.
  • ހަމާސްއިން ޣައްޒާގައި އަސްކަރީ އަދި މަދަނީ ގޮތުން ވެރިކަންކުރުން ނިމުމަކަށް ގެނައުމަކީ އިސްރާއީލުގެ މައިގަނޑު އަމާޒުކަމަށް ދިފާއީ ވަޒީރު ވިދާޅުވިއެވެ.
comment ކޮމެންޓް