ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް، ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެމްބަރު ކަމަށް ދެ ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަގާމަށް ރައީސް އައްޔަން ކުރެއްވީ ގއ. ގެމަނަފުށީ އޯކިޑުމާގޭ އާދަމް ޒާލިފާއި ރ. އަލިފުށީ ނިއޯލައިން މަރްޔަމް ރިޝްފާއެވެ.
މިއަދުގެ ރަސްމިއްޔާތުގައި އެ ދެ ބޭފުޅުންނަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެމްބަރު ކަމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފެވެ. ހުވާކުރެއްވުމާ އެކު ރައީސް ވަނީ އެ ދެ ބޭފުޅުންނަށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވާފައެވެ.
އެ ދެ ބޭފުޅުން ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެމްބަރު ކަމަށް އައްޔަން ކުރެއްވީ، އެ ޓްރައިބިއުނަލްގެ ރައީސްގެ މަގާމުގައި ކުރިން ހުންނެވި އިދުރީސް އިސްމާއީލާއި ނައިބު ރައީސްގެ މަގާމުގައި ހުންނެވި އަބްދުﷲ އަލީ މަގާމުން ވަކިކުރެއްވުމާ ގުޅިގެންނެވެ.