މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުން ޕިކްނިކް ދާން ހެދި ރަށް، ކުޑަގިރިން މީދާ ހުސްކުރުމަށް، މީދާ މެރުގެ ނަމުގައި އޮޅުވާލައިގެން ފައިސާ ނެގުމުގެ ތުހުމަތުގައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ދެ މުވައްޒަފަކު ވަޒީފާއިން ވަކިކުރީ ރަނގަޅަށް ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅައިފިއެވެ.
މިއީ، އެޗްޑީސީން ބަލަހައްޓާ ކުޑަގިރީގެ އެސިސްޓެންޓް މެނޭޖަރުކަމުގެ މަގާމާއި އެސިސްޓެންޓް އެކައުންޓް އޮފިސަރުގެ މަގާމުގައި ތިބި ދެ މުވައްޒަފަކު ވަޒީފާއިން ކަނޑާލި މައްސަލައެވެ.
މި ދެ މުވައްޒަފުން ވެސް ވަޒީފާއިން ވަކިކޮށްފައިވަނީ 2024 ވަނަ އަހަރުގެ ޖަނަވަރީ މަހެވެ. ވަޒީފާއިން ވަކިކުރުމުން ދެ މުވައްޒަފުން ވެސް އެ މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން، ޓްރައިބިއުނަލުން މައްސަލަ ނިންމާފައިވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައިވާ ގޮތުން ކުޑަގިރީގައި މީދާ މަރާ މުވައްޒަފުންނަށް، މަރާ ކޮންމެ މީދަލަކަށް، 50 ރުފިޔާގެ މަގުން ފައިސާ ދޭއިރު، އެކަމާ ގުޅޭ ޑޮކިއުމެންޓް ފޯޖުކޮށް ފައިސާއަށްވަނީ ޚިޔާނަތްތެރިވެފައެވެ.
މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައިވާ ގޮތުން، މީދާ މެރުމުން ފައިސާ ދެމުން ގޮސްފައިވަނީ ޕެޓީ ކޭޝް ފައިސާއިންނެވެ.
މި މައްސަލައިގައި، ވަޒީފާއިން ވަކިކުރި މުވައްޒަފުންގެ ވަޒީފާ އަލުން އިއާދަކޮށްދޭން އެދިފައިވާއިރު، އެކަކުވަނީ ނަފްސާނީ ގޮތުން ލިބުނު ގެއްލުމުގެ ބަދަލުގެ އިތުރުން ވަކީލު ފީވެސް ނަގައިދޭން ޓްރައިބިއުނަލްގައި އެދިފައެވެ.
އެހެންނަމަވެސް މި މައްސަލަ ނިންމާފައިވަނީ އެ ދެ މުވައްޒަފުންނާ ދެކޮޅަށެވެ.
މައްސަލަ ނިންމާފައިވަނީ، ދެ މުވައްޒަފުންވެސް ވަޒީފާއިން ވަކިކޮށްފައިވަނީ ގާނޫނާ އެއް ގޮތަށް ކަމަށެވެ. އެއީ، އިޖުރާއީ ގޮތުންނާއި މައުލޫއީ ގޮތުންވެސް ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަކޮށްފައި ކަމަށް މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގައި ވެއެވެ.