ބޮޑު ތަފާތަކުން ޓޮޓެންހަމް އަތުން ބަލިވި މެޗަށްފަހު، ކޯޗު މަންޗިނީ އިންޓަ ދިފާއުކޮށް ވާހަކަދައްކައިފި

އިންޓަމިލާންގެ ކޯޗު މަންޗިނީ

ބޮޑު ތަފާތަކުން އިނގިރޭސިވިލާތުގެ ޓޮޓެންހަމް ހޮޓްސްޕާ އަތުން ބަލިވި މެޗަށްފަހު، އިޓަލީގެ އިންޓަ މިލާންގެ ކޯޗު ރޮބާޓޯ މަންޗިނީ ޓީމު ދިފާއުކޮށްފައި ވާހަކަދައްކައިފި އެވެ.

ކުރިއަށްއޮތް ސީޒަނަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުގައި ޓޮޓެންހަމް އަތުން އިންޓަ ބަލިވީ 6-1 ލަނޑުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ޓޮޓެންހަމް އަށް ހެރީ ކޭން އާއި އެރިކް ލަމޭލާ ލީޑު ހޯދައިދިން އިރު، ފުރަތަމަ ހާފުގައި އިންޓަ އަށް ސުން ކަނޑުވާލަދިނީ އިވާން ޕެރިސިޗް އެވެ. ދެވަނަ ހާފުގައި ޓޮޓެންހަމް އިން ކާމިޔާބުކުރި ލަނޑުތައް ޖަހައިދިނީ ޑެލޭ އަލީ އާއި ކޭން އާއި ވިންސެންޓް ޖެންސަން އަދި ޝޭޔޮން ހެރިސަން އެވެ.

"އެއްވެސް މީހަކު ބަލިވާކަށް ބޭނުމެއް ނުވާނެ. ހާއްސަކޮށް 6-1 ލަނޑުގެ ނަތީޖާއަކުން. އެކަމަކު ނަތީޖާއަށް ނުބަލައި ބުނާނަމަ، އަހަރެމެން ފުރަތަމަ ހާފުގައި ދެއްކި ކުޅުން ރަނގަޅު. މެޗުގެ 50 މިނެޓަށްފަހު އަހަރެމެން ގިނަ ގޯސްތަކެއް ހެދުނު. އެ ނަތީޖާ އައިސްފައި އެ ވަނީ އޭގެ ސަބަބުން،" މެޗަށްފަހު ވާހަކަދައްކަމުން އިންޓަގެ ކޯޗު މަންޗިނީ ބުންޏެވެ.

މަންޗިނީ ބުނީ، ބަލިވުމަކީ އެއްވެސް ގޮތަކަށް ރީތި ކަމެއް ނޫން ކަމަށާއި އެކަމަކު ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅުމަކީ އޭނާ ބޭނުންވާ ގޮތް ކަމަށެވެ.

ކުރިއަށްއޮތް ސީޒަނަށް ތައްޔާރުވުމަށް ކުޅުނު ހަތް މެޗުގެ ތެރެއިން އިންޓަ ވަނީ ހަތަރު މެޗުން ބަލިވެފަ އެވެ. އޭގެ ތެރެއިން އިންޓަ މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ.

comment ކޮމެންޓް