ޕީއެސްޖީއާއެކު ޗެމްޕިއަންސް ލީގެއް ކާމިޔާބުކުރަން ބޭނުން: ވެރާޓީ

ޕީއެސްޖީގެ އިޓަލީ މިޑްފީލްޑަރު މާކޯ ވެރާޓީ: އޭނާ ވަނީ ޕީއެސްޖީއާ އެކު ހަދާފައިވާ އެއްބަސްވުން އާކޮށްފައި ---

ފްރާންސް ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމެއިން (ޕީއެސްޖީ)އާ އެކު ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރަން ބޭނުންވާ ކަމަށް އެ ކްލަބުގެ އިޓަލީ މިޑްފީލްޑަރު މާކޯ ވެރާޓީ ބުނެފި އެވެ.

ވެރާޓީ ވަނީ ޕީއެސްޖީއާ އެކު ހަދާފައިވާ އެއްބަސްވުން އާކޮށްފަ އެވެ. ވެރާޓީ ސޮއިކުރި ފަސް އަހަރު ދުވަހުގެ އެއްބަސްވުމާއެކު ދެން އޭނާގެ އެއްބަސްވުން ނިމުމަކަށް އަންނާނީ 2021 ވަނަ އަހަރު އެވެ.

ޕެސްކާރާ އިން 2012 ވަނަ އަހަރު ޕީއެސްޖީއާ ގުޅުނު އުމުރުން 23 އަހަރުގެ ވެރާޓީ ވަނީ އެ ކްލަބާއެކު ޖެހިޖެހިގެން ހަތަރު ފަހަރު ފްރާންސް ލީގު ކާމިޔާބުކޮށްފަ އެވެ. ނަމަވެސް އޭނާ އަށް އެ ކްލަބާއެކު ޗެމްޕިއަންސް ލީގެއް ހޯދިފައެއް ނުވެ އެވެ. ޕީއެސްޖީ އަށް ފާއިތުވެދިޔަ ހަތަރު ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލަށްވުރެ ކުރިއަށް ދެވިފައެއް ނުވެ އެވެ.

"އަހަރެމެންނަށް ފްރާންސްގައި ގިނަ ކާމިޔާބީތަކެއް ހޯދިއްޖެ. މިހާރު ބޭނުންވަނީ ކާމިޔާބު ހޯދައި، ޔޫރަޕުގައި ވެސް ކާމިޔާބު ހޯދުން. އަހަރެމެންގެ އަޒުމަކީ ވެސް އެއީ. އެ އަޒުމަކީ ވަރަށް ބޮޑު އަޒުމަކަށް ވެދާނެ. އެކަމަކު އަހަރެން ވިސްނުން ގެންގުޅޭ ގޮތަކީ އެއީ. އަހަރެން މި ކުޅެނީ ބޮޑު ކްލަބަކަށް. އަދި އަހަރެން މިހުރީ ވަރަށް އުފަލުގައި،" ޕީއެސްޖީގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ވެރާޓީ ބުންޏެވެ.

އޭނާ ބުނީ، ފާއިތުވެދިޔަ ހަތަރު އަހަރު މޮޅު ކޯޗެއްގެ އިރުޝާދުގެ ދަށުން މޮޅެތި ކުޅުންތެރިންތަކަކާ އެކު ކުޅޭ ނަމަ އެ ކުޅުންތެރިއެއްގެ ކުޅުން ރަނގަޅު ކުރަން ޖެހޭނެ ކަމަށާއި އޭނާ އަށް ގިނަ ކުރިއެރުންތަކެއް ހޯދިއްޖެ ކަމަށެވެ. އަދި ޒުވާން ކުޅުންތެރިޔަކަށް ލިބޭނެ އެންމެ މުހިއްމު ފުރުސަތަކަށް ވާނީ ކޮންމެ ސީޒަނެއްގެ ޗެމްޕިއަންސް ލީގުގައި ކުޅެލަން ލިބުން ކަމަށް ވެސް ވެރާޓީ ބުންޏެވެ.

comment ކޮމެންޓް